މާލެއިން ރޭ ކޮވިޑް-19 ޖެހިގެން ނިޔާވި އުމުރުން ދިހަ އަހަރުގެ ކުއްޖާ ބަލާ އެމްބިއުލާންސް ދިޔައީ ގުޅިތާ ދެ ގަޑިއިރު ފަހުންކަމަށް އެ ކުއްޖާގެ އާއިލާއިން ބުނެފި އެވެ.
އައިޖީއެމްއެޗް ހޮސްޕިޓަލްގެ އީއާރުގައި ފަރުވާ ދެމުން ދަނިކޮށް ރޭ ނިޔާވި، ކުޅުދުއްފުށީ / ލާޖަހާގެ، ފާތިމަތު މިސްކާ މުހައްމަދެވެ. މިއީ ރާއްޖޭގައި ކޮވިޑް ޖެހިގެން ކުޑަކުއްޖަކު މަރުވި ފުރަތަމަ ފަހަރެވެ.
ކުއްޖާގެ އާއިލާ މީހަކު ސޯޝަލް މީޑިއާގައި ހިއްސާ ކުރި ޕޯސްޓެއްގައި ބުނީ އެ ކުއްޖާގެ މަންމަ އާއި ބައްޕަ އަދި އެކުއްޖާ ކޮވިޑަށް ޕޮޒިޓިވް ކަމަށާއި، ކަރަންޓީނުވެގެންތިބީ ގޭގައި ކަމަށެވެ. އަދި ރޭ ކުއްޖާ ނޭވާލާން އުނދަގޫވެގެން އެޗްޕީއޭއަށް ގުޅިކަމަށާއި ކުއްޖާ ބަލައި އެމްބިއުލެންސް އައީ ގުޅިތާ 2 ގަޑި އިރާއި 40 މިނިޓް ފަހުން ކަމަށެވެ.
އެއީ އެ ދެމަފިރިން ހުރި ހަމައެކަނި ދަރިފުޅެވެ.
އެ ކުއްޖާގެ ހާލު ދެރަވާން ފެށީ ރޭ 9 ޖަހާކަށް ހާއިރު ކަމަށާއި ނޭފަތުން ލޭ އައުމުން އެކަން އެޗްޕީއޭއަށް އަންގައި އަވަހަށް އެމްބިއުލެންސް ފޮނުވައި ދިނުމަށް އާދޭސް ކުރިކަމަށް އެމީހާ ބުނެފައިވެއެވެ. ނަމަވެސް އެމްބިއުލެންސް އައީ ރޭ 11:40 ހާއިރުކަމަށް އޭނާ ފޯސްޓްގައި ބުނެފައިވެ އެވެ.
@HPA_MV should urgently change the current practice and expedite attending urgent cases of COVID patients at home. Ambulance taking 2hr40min is not acceptable. @MaimoonaAbubakr @schamau @KerafaNaseem @FaisalNasym https://t.co/gbRd0URULL pic.twitter.com/9BKbNnkidQ
— ibu jaleel (@ibujalyl) June 2, 2021
ކުއްޖާ ހޮސްޕިޓަލަށް ގެންދެވުނު އިރު ހާލު ވަރަށް ދެރަވުމުން ވަގުތުން އެކުއްޖާލީ ވެންޓިލޭޓަރަށެވެ. ކުއްޖާ ނިޔާވީ ވެންޓިލޭޓަރުގައި ފަރުވާދެމުން ދަނިކޮށް ރޭ 12:10 ހާއިރު އެވެ.
ކުއްޖާ ނިޔާވުމާއި ގުޅިގެން އާއިލާއަށް ހެލްތު މިނިސްޓަރ މުހައްމަދު ނަސީމް ގުޅުއްވައި މައާފު އެދިފަ އެވެ. ހެލްތު މިނިސްޓްރީން ދެންމެ ކުރެއްވި ޓުވީޓެއްގައި ބުނީ އިމަޖެންސީގައި ގުޅި މީހަކު ބަލާ ދިއުމަށް އެމްބިއުލާންސް ދިއުން ލަސްވި މައްސަލައެއް ރިވިއު ކުރަމުން އަންނަ ކަމަށާއި މިކަން ހިނގި ގޮތް ބަލައި ތަކުރާރު ވިޔަ ނުދިމަށް ވަގުތުން ފިޔަވަޅު އަޅަމުން އަންނަ ކަމަށެވެ.
ހެލްތު މިނިސްޓްރީން ނެރެފައިވާ ބަޔާނެއްގައި ވެސް ބުނެފައި ވަނީ އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ.