twitterviber whatsapp telegramfacebookyoutube instagram
27th April 2024

ގާނޫނީ ކޮލަމް: ފެއަރ ޓްރަޔަލް - އިންސާފުވެރި ޝަރީޢަތް

Jun 3, 2021

މަދަނީ މައްސަލައެއް ކަމުގައިވިޔަސް ނުވަތަ ޖިނާޢީ މައްސަލައެއް ކަމުގައިވިޔަސް، އެ މައްސަލައެއްގައި ޝަރީޢަތެއް ހިންގަންވާނީ، ޤާނޫނު އަސާސީއާއި ޤާނޫނުތަކާއި ގަވައިދުތަކާއި އެއްގޮތްވާ ގޮތުގެ މަތިންނެވެ. ޢަދުލުވެރިކަމާއި އިންސާފުވެރިކޮށެވެ. ވަކި ފަރާތަކަށް ނުޖެހި މުސްތަޤިއްލުކަމާއި މިނިވަންކަމާއެކުއެވެ. އަދި މި ޝަރީޢަތްތައް ވާންޖެހޭނީ މައްސަލައިގާ ހިމެނޭ ދެ ފަރާތަށްވެސް، އެފަރާތްތަކުގެ ޙައްޤުތައް ލިބިދީގެން ހިންގޭ އިންސާފުވެރިޝަރީޢަތް ތަކަކަށެވެ.

ވީމާ، ދިވެހިރާއްޖޭގައި ޝަރީޢަތެއް، އިންސާފުވެރި ޝަރީޢަތަކަށް ވެގެންވަނީ ކިހިނެއްތޯ ބަލާލަމާތޯއެވެ.

އިންސާފުވެރި ޝަރީޢަތަކީ ކޮބާ؟

އިންސާފުވެރި ޝަރީޢަތަކީ ޝަރުޢީ ކޯޓަކަށް ދަޢުވާއެއް ހުށަހެޅުމުން، އެ ދަޢުވާއާ ގުޅިގެން ކޯޓުގައި ދެފަރާތުން ދައްކާ ވާހަކައާއި، ދެފަރާތުން ހުށަހަޅާ ހެކިތައް ވަޒަންކޮށް، ވަކި ކޮޅަކަށް ބުރަނުވެ ހިންގޭ ކޮންމެ ޝަރީޢަތެކެވެ. އަދި މުސްތަޤިއްލުކަމާއެކު އަދި ދެފަރާތަށް ލިބެންޖެހޭ ޙައްޤުތައް ފުރިހަމައަށް ފޯރުކޮށްދެވިގެން، އެ ދަޢުވާއާމެދު ގޮތެއް ނިންމޭ ކޮންމެ ޝަރީޢަތަކީ، އިންސާފުވެރި ޝަރީޢަތެކެވެ.

އިންސާފުވެރި ޝަރީޢަތެއްގައި ހިމެނޭނޭ ކަންކަން

އިންސާފުވެރި ޝަރީޢަތެއް ހިންގުމަށްޓަކައި، މައްސަލައިގާ ހިމެނޭ ފަރާތްތަކާ ދޭތެރޭ ޢަމަލު ކުރެވެންވާނީ ހަމަހަމަ އުޞޫލަކުންނެވެ. އެމީހެއްގެ ނަސްލަށް ނުވަތަ ޖިންސަށް ނުވަތަ މިނޫންވެސް އިތުރުކަމަށްބަލައި ތަފާތުކުރެވިގެންނުވާނެއެވެ. ކޮންމެ މީހަކީ ޤާނޫނުގެ ކުރިމަތީގައި ހަމަހަމަވެގެންވާ މީހަކަށްވުމާއެކު، އެމީހަކަށް ޤާނޫނުން ލިބިދީފައިވާ ރައްކާތެރިކަމާއި މަންފާތައް ލިބިދޭންވާނެއެވެ. އެގޮތުން، މައްސަލައިގާ ދެފަރާތަށްވެސް ހެކި ހުށަހެޅުމާއި، ދެފަރާތުގެ ވާހަކަތައް ހާމަކަން ބޮޑުގޮތެއްގައި ޙިއްޞާކުރުމުގެ ފުރުޞަތު ޝަރީޢަތުގައި ފޯރުކޮށްދޭންވާނެއެވެ.

ހަމައެހެންމެ، ޝަރީޢަތުގެ އަޑުއެހުންތައް ކުރިއަށްގެންދަންވާނީ ޢާންމުކޮށް ހުޅުވާލައިގެން އަދި ޢަދުލުވެރިކަމާއި ހާމަކަމާއެކު ބޭއްވޭ ޝަރީޢަތުގެ މަޖިލިސްތަކުގައެވެ. ޝަރީޢަތް ހިންގަންޖެހެނީ ޢާންމުކޮށް ހުޅުވައިލައިގެން ކަމުގައިވީނަމަވެސް، މުޖުތަމަޢުގެ އަޚްލާޤީ އުޞޫލުތައް ހިފެހެއްޓުމަށް ނުވަތަ އަމާންކަން ޤާއިމުކުރުމަށް ނުވަތަ ޤައުމީ ސަލާމަތަށް ބުރޫއެރިޔަނުދިނުމަށް ނުވަތަ ހުށަހެޅިފައިވާ މައްސަލައިގާ ކުޑަކުއްޖެއް ނުވަތަ އަނިޔާ ލިބިފައިވާ މީހެއްގެ މަސްލަޙަތު ހިމާޔަތްކުރުމަށް ނުވަތަ ޢާންމުކޮށް ހުޅުވައިލައިގެން ހިންގައިފިނަމަ، އިންސާފު ޤާއިމުކުރުމަށް ހުރަސްއެޅިދާނެކަމަށް، ޝަރީޢަތެއް އެކުގައި ނުވަތަ ޝަރީޢަތުން ބައެއް ޢާންމުކޮށް ހުޅުވާނުލާ ކުރިއަށް ގެންދިއުމުގެ އިޚްތިޔާރު، އެ މައްސަލަ ބައްލަވާ ޤާޟީއަށް ލިބިގެންވެއެވެ.

މީގެއިތުރުން، ޝަރީޢަތުގެ އަޑުއެހުންތަކުގެ ދެމެދުގައި ގިނަ ދުވަސްތަކެއް ނުހިނގާނެ ގޮތުގެމަތިން އަޑުއެހުންތައް ތާވަލުކުރެވި، ވީ އެންމެ އަވަހަކަށް މައްސަލައިގާ ހިމެނޭ ދެފަރާތުގެ ޙައްޤުތައް ކަށަވަރުކުރެވި، އިންސާފުވެރި ޙައްލެއް ލިބިގެންދާންވާނެއެވެ. އަދި ވަކީލެއް އައްޔަންކުރުމުގެ ފުރުޞަތު، ޝަރީޢަތުގެ ކޮންމެ މަރުޙަލާއެއްގައި ކަމުގައިވީނަމަވެސް، މައްސަލައިގާ ހިމެނޭ ދެފަރާތަށް ފޯރުކޮށްދޭންވާނެއެވެ.

މީގެ އިތުރަށް، ޖިނާޢީ މައްސަލަތަކުގައި ޤާނޫނާ ޚިލާފަށް މީހުން ހައްޔަރުނުކުރުމާއި، ބަންދުނުކުރުމާ އަދި ޤާނޫނާ ޚިލާފަށް ހެކި ނުހޯދުމާއި، ހައްޔަރުކުރެވޭ މީހުންނަށްވެސް ލިބިދެވެންޖެހޭ ޙައްޤުތައް ފޯރުކޮށްދީ، ވީ އެންމެ އަވަހަށް މައްސަލަ ތަޙްޤީޤުކޮށް ދަޢުވާކުރުމަކީވެސް، އިންސާފުވެރި ޝަރީޢަތެއް ހިންގުމުގައި އިސްކަންދޭންޖެހޭ މުހިއްމު ކަންކަމެވެ.

ކޮންމެ ޝަރީޢަތަކީވެސް، މައްސަލައިގާ ހިމެނޭ ފަރާތްތަކަށް ލިބިދޭންޖެހޭ ޙައްޤުތައް ލިބިދެވޭ އަދި އިންސާފުވެރިކަމާ ހާމަކަމާއެކު ހިންގޭ ޝަރީޢަތަކަށް ވުމީ މުހިއްމުކަމެކެވެ.

އާޓިކަލް ލިޔުނީ ޞަބްރިޔަތު ޙުސައިން

އަލްއުސްތާޛާ ޞަބްރިޔަތު ޙުސައިންއަކީ ނަޝީދު އެންޑް ކޯ އުތުރު ބްރާންޗުގެ ވަކީލެކެވެ. މިއީ ޢާންމު ޙޭލުންތެރިކަން އިތުރު ކުރުމުގެ މަޤްސަދުގައި، ނަޝީދު އެންޑް ކޯ އުތުރު ބްރާންޗުން އެކުލަވާލާފައިވާ ލިޔުމެކެވެ.މިއީ، ޤާނޫނީ ލަފާކަމުގައި ނުބެއްލެވުންއެދެމެވެ. ދިމާވާވަކި ޤާނޫނީ މައްސަލަތަކުގައި އެންމެ ރަނގަޅު ގޮތަކަށްވާނީ، އެކަމަކަށް ވަކިން ޤާނޫނީލަފާ ހޯއްދެވުމެވެ.

ނަޝީދު އެންޑް ކޯ އުތުރު ބްރާންޗު
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355