ކޮވިޑް ކޭސް ފެނުމާއި ގުޅިގެން މި ވަގުތު މޮނީޓަރިންގެ ހާލަތުގައި އޮތް ށ ގޮއިދޫގެ ރައްޔިތުންނަށް އެއަތޮޅުގެ ނަރުދޫއިން އެހީގެ ޕެކޭޖް ފޮނުވައިފި އެވެ.
ނަރުދޫ ކައުންސިލްގެ ރައީސް މުހައްމަދު މުސްތަރުޝިދު ވިދާޅުވީ މިވަގުތު އެ އަތޮޅުގެ 4 ރަށެއް މޮނީޓަރިންގެ ހާލުގައި އެބައޮތް ކަމަށެވެ. އޭނާ ވިދާޅުވީ ހުރިހާ ރަށަކަށްވެސް އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ކަމަށާއި ނަމަވެސް މިވަގުތު ކެޕޭސިޓީ ހުރިވަރުން އެހީތެރިކަން ފޯރުކޮށްދެވެން އޮތީ އެއްރަށަށް ކަމަށެވެ.
އެރަށު ކައުންސިލާއި ޓާސްކްފޯސް އަދި ރައްޔިތުންނާއެކު ކުރިއަށް ގެންދިޔަ މި ހަރަކާތުގައި އެހީގެތަކެތި ފޯރުކޮށްދީފައިވަނީ ރައްޔިތުންގެ ފަރާތުންކަމަށް މުސްތަރުޝިދު ވިދާޅުވި އެވެ. އެގޮތުން އިއްޔެ ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ގޮއިދޫގައި މީހުން ދިރިއުޅޭ ހުރިހާ ގެއަކަށް އެހީގެ ޕެކޭޖް ވަނީ ފޮނުވާފަ އެވެ. އެރަށުގައި މީހުން ދިރިއުޅެނީ 120 ގޭގައެވެ.
ޕެކޭޖުގައި ޕާން، މަސްދަޅު، ސްޕެގެޓީ، ބިސްކޯދު ފަދަ ކެއުމަށްބޭނުންވާނެ ސާމާނު ހިމެނޭ ކަމަށާއި އަދި މީގެ އިތުރުން ކޮންމެ ގެއަކަށް ފެން ކޭހެއްވެސް ހަދިޔާކޮށްފައިވާނެ ކަމަށް މުސްތަރުޝިދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މި ހަރަކާތުގެ ބޭނުމަކީ ދެރަށުގެ މެދުގައި އިތުރަށް ގުޅުން ބަދަހިކުރުންކަމަށެވެ. މީގެ ކުރިން ނަރުދޫއަށް އެހީތެރިކަން ބޭނުންވި ވަގުތުގައި ގޮއިދޫއިން އެހީތެރިކަން ފޯރުކޮށްދިންކަން މުސްތަރުޝިދު ވަނީ ފާހަގަކޮށްފައެވެ.
މިތަކެތި ހިފައިގެން ގޮއިދޫއަށް ގޮސްފައިވަނީ ނަރުދޫގެ ކައުންސިލާއި ޓާސްކްފޯސް އަދި ރައްޔިތުންގެ ތެރެއިން އެކުލަވާލި ޓީމެކެވެ. މިވަގުތު ށ އަތޮޅު 4 ރަށެއް ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ. ގޮއިދޫއާއި ކަނޑިތީމުގެ އިތުރުން ދެން މޮނީޓަރިންގައި އޮތީ ޅައިމަގު އަދި މިލަންދޫއެވެ.