twitterviber whatsapp telegramfacebookyoutube instagram
3rd May 2024

ރެޑްކުރެސެންޓްގެ ދަރުމަވެރިން މާފަލު ފެންގަނޑު ސަރަހައްދު ސާފުކޮށްފި

Jun 6, 2021
2

ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ދިވެހި ރެޑް ކްރެސެންޓްގެ ފަރާތުން ހާއްސަ ހަރަކާތެއް ކުރިއަށް ގެންގޮސްފި އެވެ. އެގޮތުން، ރެޑް ކްރެސެންޓްގެ ފަރާތުން، ކުޅުދުއްފުށި ސިޓީގެ ދެކުނުކޮޅުގައި އޮންނަ މާފަލު ފެންގަނޑު ސާފުކުރުމުގެ ހަރަކާތެއްވަނީ ކުރިއަށް ގެންގޮސްފައެވެ.

ރެޑް ކްރެސެންޓްގެ ދަރުމަވެރިން އިސްނަގައިގެން އިއްޔެ ހަވީރު ކުރިއަށް ގެންދިޔަ މި ހަރަކާތުގެ ތެރެއިން މާފަލު ފެންގަނޑާއި، ފެންގަނޑުގެ ވަށައިގެން ހުންނަ ސަރަޙައްދުތަކުން ވަނީ ޕްލާސްޓިކާއި އެނޫންވެސް ބާވަތްތަކުގެ ކުނި އެއްކޮށްފައެވެ. މި ކުނިތައް އެއްކުރުމަށްފަހުވަނީ ކުނި ކޮށްޓަށް ގެންގޮސްފައެވެ.

އެޖަމާއަތުން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި މިފަދަ ފެންގަނޑުތަކާއި، ކުޅިތަކާއި، ފަރުތަކަކީ ރާއްޖޭގެ މާހައުލީ ނިޒާމުގައި މުހިއްމު ދައުރެއް އަދާކުރާ ތަންތަނެވެ. އަދި މި ތަންތަނަކީ ދިވެހިންނާއި، ރާއްޖޭގެ ރަށްތަކުގެ ވިލުންވެރިކަމާ ގުޅިފައިވާ މުޙިއްމު ތަންތަންކަމުގައިވެސް ހާމަކޮށްފައިވެއެވެ.

މީގެ އިތުރުންވެސް، ތިމާވެށީގެ ދުވަހާ ގުޅުވައިގެން ދިވެހި ރެޑް ކްރެސެންޓް އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ކާރިސާތަކާއި ކުއްލި ޙާލަތްތަކަށް އިޖާބަދޭ އިންސާނީ އެހީ ފޯރުކޮށްދޭ މުއައްސަސާއެއްގެ ހައިސިއްޔަތުން، މުޖުތަމައުގެ ވިލުންވެރިކަމަށް ރާއްޖޭގެ މާހައުލީ ނިޒާމު އަދާކުރާ މުހިއްމު ދައުރު ފާހަގަކުރާކަމަށާއި، އަދި ތަރައްގީގެ ޕްލޭންތައް ކުރުމުގައި ދެމެހެއްޓެނިވި އުސޫލުތަކެއް ގެންގުޅެން ބާރުއަޅާކަމަށެވެ.

ހަމައެހެންމެ، އިކޯސިސްޓަމް ބޭސްޑް ޑިޒާސްޓަރ ރިސްކް ރިޑަކްޝަން އާއި އިކޯސިސްޓަމް ބޭސްޑް އެޑެޕްޓޭޝަން އަކީ ކާރިސީ ހިރާސްތަކާއި، އަރައްކާތަކާއި އެފަދަ ކަންކަމުން ކުރިމަތިވާ ނާޒުކުކަން ކުޑަކުރުމަށް އޮތް އަގުހެޔޮ އަދި ނަތީޖާ ރަނގަޅު އެޕްރޯޗްތަކެއްކަމަށްވެސް ރެޑް ކްރެސެންޓްގެ ބަޔާނުގައި ބުނެފައިވެއެވެ.

މި އަހަރުގެ ތިމާވެށީގެ ދުވަހުގެ ޝިއާރެއްގެ ގޮތުން ކަނޑައަޅާފައިވަނީ "އިކޯސިސްޓަމް ރިސްޓޮރޭޝަން" ނުވަތަ މާހައުލީ ނުވަތަ ގުދުރަތީ ވެށީގެ ނިޒާމު އިޔާދަކުރުމެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355