ބައިނަލްއަޤުވާމީ ދަރުމަވެރިންގެ ދުވަސް ފާހަގަކުރުމަށް، ދިވެހި ރެޑް ކްރެސެންޓް އިން އިންތިޒާމުކޮށްގެން ގިނަ މުއައްސަސާތަކާއެކު އާއިލީ ހަވީރެއް ބޭއްވުމަށް ނިންމައިފި އެވެ.
މި އަހަރުގެ ހިއުމެނިޓޭރިއަން ފެސްޓިވަލްގައިވެސް ގިނަ ސްޓޯލްތަކެއް ހިމެނިގެންދާނެކަމަށާއި، މި ސްޓޯލްތަކުގައި ކުޑަކުދިންނާއި އެނޫންވެސް އުމުރުތަކުގެ ފަރާތްތަކަށް ހާއްސަ އެކި ހަރަކާތްތައް ކުރިއަށްދާނެކަމަށް، ރެޑް ކްރެސެންޓް އިން މައުލޫމާތުދެ އެވެ.
ރެޑް ކްރެސެންޓް އިން ބުނިގޮތުގައި މި އަހަރުގެ ފެސްޓިވަލްގައިވެސް، ރެޑް ކްރެސެންޓްގެ އެކި ސްޓޯލްތަކުގެ އިތުރުން، ކުޅުދުއްފުށީގެ އެކި މުއައްސަސާތަކުގެ ފަރާތުން ސްޓޯލްތައް ބައިވެރިކުރުމަށްވަނީ ނިންމާފައެވެ. އެގޮތުން، ކުޅުދުއްފުށީ ސިޓީ ކައުންސިލް، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް، ބޭންކް އޮފް މޯލްޑިވްސް، ވެމްކޯ، ޤައުމީ ޔުނިވާސިޓީ، އަދި ކުޅުދުއްފުށި ސިޓީ ޕޮލިސްގެ ސްޓޯލްތައް ފެނިގެންދާނެއެވެ. މީގެއިތުރުން، އެސޯސިއޭޝަން ފޯރ ވިމެން އެމްޕަވަމަންޓްގެ ފަރާތުން ވަރަށް ހާއްސަ ގެލެރީއެއް ދައްކާލުމަށް ހަމަޖެހިފައިވެ އެވެ.
ހަމައެހެންމެ، މިސްގާލު ބޮޑުބެރު ގްރޫޕުގެ ހަރަކާތްތައްވެސް މި ފެސްޓިވަލް އިން ފެނިގެންދާނެ އެވެ.
ހިއުމެނިޓޭރިއަން ފެސްޓިވަލްގައި ކުޑަކުދިންނަށް ޚާއްޞަ ގިނަ ހަރަކާތްތަކަކާއި، ކެރިއަރ ގައިޑެންސްގެ މަޢުލޫމާތު އަދި ކާބޯތަކެތި ލިބޭ ކެންޓީނެއްވެސް ހުންނާނެކަމަށް ރެޑް ކްރެސެންޓް އިން މަޢުލޫމާތު ދެ އެވެ.
މި ހަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަހުގެ 4 އިން 5:45 އަށް، ރަށްމަތިފަންނުގަ އެވެ.




