މޮޑާނާ ވެކްސިން އަދި ޖޯންސަން އެންޑް ޖޯންސަންގެ ވެކްސިން ރާއްޖޭގައި ބޭނުން ކުރުމުގެ ހުއްދަ ފުޑް އެންޑް ޑްރަގް އޮތޯރިޓީ އިން ދީފި އެވެ.
މި ދެ ވެކްސިން ޖެހުމަށް އެމްއެފްޑީއޭ އިން ހުއްދަ ދީފައިވަނީ 18 އަހަރުން މައްޗަށެވެ.
މި ވެކްސިން އެތެރެކުރުމުގެ ހުއްދަ ދީފައިވަނީ ވެކްސިން އެތެރެކުރުމުގެ ކުރިން ވާންޖެހޭ ތައްޔާރީތަކާއި ވެކްސިން އެތެރެކުރުމަށްފަހު އަދި އެ ހިފާގެންގުޅުމުގެ ހުރިހާ މަރުހަލާއެއްގައިވެސް ކޯލްޑް ޗެއިން ބެލެހެއްޓުމަށް ޝަރުތުކޮށްފައި ކަމަށް އެމްއެފްޑީއޭ އިން ބުންޏެވެ.
މޮޑާނާ ބަޔޯޓެކް ސްޕެއިންގައި އުފައްދާ އެ ވެކްސިނަކީ ޑަބްލިއުއެޗްއޯގެ އިމަޖެންސީ ޔޫސް ލިސްޓިންގައި ހިމެނިފައިވާ އަދި 49 ގައުމެއްގައި އިމަޖެންސީ ޔޫސް އެޕްރޫވަލް ލިބި ބޭނުން ކުރަމުންދާ ވެކްސިނެއް ކަމަށްވެސް އެމްއެފްޑީއޭ އިން ބުންޏެވެ.
ޖެންސެން ފާމަސޫޓިކަލް ކޮމްޕެނީސް އޮފް ޖޯންސަން އެންޑް ޖޯންސަންގެ އެ ވެކްސިނަކީ ވެސް ޑަބްލިއުއެޗްއޯގެ އިމަޖެންސީ ޔޫސް ލިސްޓިންގައި ހިމެނިފައިވާ އަދި 42 ގައުމެއްގައި އިމަޖެންސީ ޔޫސް އެޕްރޫވަލް ލިބި ބޭނުންކުރަމުންދާ ވެކްސިނެކެވެ.
މި ދެ ވެކްސިނަކީ 25- ޑިގްރީ އާއި 15- ޑިގްރީ ސެލްސިއަސްގެ ފިނިހޫނުމިނެއްގައި ބަލަހައްޓަން ޖެހޭ ވެކްސިނެކެވެ.
އެމްއެފްޑީއޭ އިން ބުނީ މޮޑާނާ އަދި ޖޯންސަން އެންޑް ޖޯންސަންގެ ވެކްސިނަށް ހުއްދަ ދިނީ އެކަމުގައި ފުރިހަމަ ކުރަންޖެހޭ ހުރިހާ ލިޔެކިޔުމެއް ފުރިހަމަ ކުރުމަށްފަހު، ބަލަންޖެހޭ ޓެކްނިކަލް ކަންތައް ފުރިހަމައަށް ބަލައި ދިރާސާ ކުރުމަށް ފަހު އެމްއެފްޑީއޭ އަށް ލަފާދޭ ފަމަސޫޓިކަލް ބޯޑުގެ ލަފާގެ މަތިން ކަމަށެވެ.