މިދިިޔަ އަންގާރަ ދުވަހުގެ ރޭ ފަރުވާ ލިބުން ލަސްވެ ކޮވިޑް ބަލީގައި 10 އަހަރުގެ ފާތިމަތު މިޝްކާ މުހައްމަދު ނިޔާވުމާއި ގުޅިގެން އެފަދަ ކަމެއް ދެވަނަ ފަހަރަށް ތަކުރާރުވިޔަ ނުދިނުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން އިތުރު ފިޔަވަޅުތަކެއް އަޅައިިފި އެވެ.
މިޝްކާގެ މަރާ ގުޅިގެން އެކަން ބެލުމަށް ހެލްތް މިނިސްޓްރީން ވަނީ ހާއްސަ ތަހުގީގެއް ހިންގާފައެވެ. އެ ތަހުގީގު ފުރަތަމަ މަރުހަލާގެ ރިޕޯޓް އާންމުކޮށްފައިވާއިރު ތަހުގީގުގައި އިދާރާތަކުގެ ބޮޑެތި އިހުމާލުތަކެއް ވަނީ ފާހަގަކޮށްފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު މަބުރޫކް އަޒީޒު ވިދާޅުވީ ހެލްތް މިނިސްޓްރީގެ ފުރަތަމަ މަރުހަލާގެ ރިޕޯޓަށް ބެލުމަށް ފަހު ތިން މަރުހަލާއަކަށް ބަހާލައިގެން ފިޔަވަޅު އަޅަމުން ގެންދާ ކަމަށެވެ.
އެގޮތުން ކޯލް ސެންޓަރަށް އަންނަ ފޯނު ކޯލުތަކަށް ޖަވާބު ދިނުމުގައި އަމަލުކުރާ އުސޫލު ހަރުދަނާކޮށް ކޯލް ސެންޓަރުން އަމަލު ކުރަންޖެހޭ ގޮތަށްވެސް ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ. އެ ގޮތުން އިމާޖަންސީ ކޯލްތަކުގައި ފޯން ކޯލް ނުބާއްވާ މޫވްމަންޓް ޓީމަށް ޕާސްކުރަން ޖެހޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ.
އަދި އެފަދަ ކޭސްތަކަށް އެޑެންޓް ކުރުމާއެކު އަވަސް ފަރުވާ ދިނުމަށް އެމްބިއުލާންސް ފޮނުވޭނެ އަވަސް ގޮތްތަކެއް ހަމަޖެއްސުމާއި ކޯޑިނޭޝަން ރަނގަޅު ކުރުމަށް އޯބީ ސިސްޓަމް ބޭނުން ކުރުމުގައި އަމަލު ކުރާނެ ގޮތްތަކާއި އޯބީ ސިސްޓަމް ފެއިލްވެއްޖެނަމަ ދެން އަމަލު ކުރަން ޖެހޭ ގޮތްތަކެއްވެސް ހަަމަޖައްސަމުންދާ ކަަމަށްވެސް މަބުރޫކު ވިދާޅުވި އެވެ.