ހދ އަތޮޅުގައި ފުލުހުންގެ ދައުރުފުޅާކޮށް އެ ހިދުމަތް ގާއިމުވެފައި ނެތް ރަށްރަށުގައި ފުލުހުންގެ ހިދުމަތް ދެވޭނެ އިންތިޒާމެއް ހަމަޖައްސައި ދެއްވުމަށް އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ސިރާޖު އެދިވަޑައިގަންނަވައިފި އެވެ.
ހދ އަތޮޅުގައި ފުލުހުންގެ ދައުރުފުޅާކުރުމާ ބެހޭގޮތުން އަތޮޅު ކައުންސިލުން ހދ އަތޮޅު ޕޮލިސް ކޮމާންޑަރާ ބައްދަލުކުރައްވައި ދެއްކެވި ވާހަކައިގައި އަތޮޅު ރައީސް ސިރާޖު އެދިވަޑައިގެންނެވީ ފުލުހުންގެ ހިދުމަތް ނެތް ރަށްރަށުގައި އެ ހިދުމަތް ގާއިމުކޮށްދެއްވުމަށެވެ. ކޮންމެ ރަށެއްގައި ފުލުހުންގެ ހިދުމަތް ގާއިމުކުރުމަކީ ސަރުކާރުގެވެސް އަމާޒެއްކަން ފާހަގަކުރައްވަމުން ސިރާޖު ވިދާޅުވީ އެއީ އަތޮޅު ކައުންސިލުންވެސް ވަރަށް ބޮޑަށް އެދޭ ކަމެއްކަމަށެވެ.
މިދަނޑިވަޅުގައި އަތޮޅުގެ ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތް ގާއިމުކުރެވިފައި ނެތްކަމުގައިވިޔަސް ވަރަށް އަވަހަށް އެ އިންތިޒާމު ހަމަޖެހޭނެކަމަށް ފުލުހުން ވިދާޅުވިކަމަށް އޭނާ މައުލޫމާތުދެއްވި އެވެ. ސިރާޖު ވިދާޅުވީ، ފުލުހުން ގާއިމުވެފައި ނެތް ރަށަކުންވިޔަސް ފުލުހުންގެ އެހީއަށް އެދިއްޖެނަމަ އެ ހިދުމަތެއް މިވަގުތަށްވެސް ފޯރުކޮށްދެމުން ގެންދާކަމަށް ފުލުހުން ވިދާޅުވިކަމަށެވެ.
މިހާރުވެސް ފުލުހުންގެ ތެރޭގައި ކޮންމެ ރަށަކަށް ފޯކަލް ޕޮއިންޓެއް ކަނޑައަޅާފައިހުންނަކަމަށާއި އެރަށެއްގެ ހާލަތު ފޯކަލް ޕޮއިންޓުން ބަލަމުންގެންދާ ކަމަށެވެ. އަދި މިހާލަތުގައިވެސް ރަށު ކައުންސިލުން އެދިއްޖެނަމަ ރަށްރަށަށް ގޮސްގެންވެސް ހިދުމަތް ދޭން ގޮތަށް ތިބިކަން ފުލުހުން ހާމަކުރެއްވިކަމަށް ސިރާޖް ފާހަގަކުރެއްވި އެވެ.
މިބައްދަލުވުމުގައި އަލިއަޅުވާލި މައިގަނޑު ވާހަކަތަކުގެ ތެރޭގައި ކޮވިޑް ހާލަތުގައި ބައެއް ރަށްރަށުގައި އެޗްޕީއޭގެ އުސޫލުތައް ތަންފީޒުކުރުމުގައި ދަތިވެ ޝަކުވާ ލިބެމުންދާތީ އެކަންތައް ހިއްސާކޮށް ފުލުހުން އެހީތެރިކަން ދެވޭނެ ގޮތްތަކާމެދު މަޝްވަރާކޮށްފައިވެ އެވެ. އަދި ވަކިން ހާއްސަކޮށް މޮނިޓަރިންގައި އޮންނަ ރަށްތަކަށް ފުލުހުންގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާކަން ސިރާޖު ފާހަގަކުރެއްވި އެވެ.