twitterviber whatsapp telegramfacebookyoutube instagram
27th April 2024

ކުޅުދުއްފުށީގައި ރޭގަނޑު 21:00 - 04:00 އަކަށް ކާފިއު ހިންގަނީ

އަބްދުލް ވާހިދު ޙަސަން
Jun 10, 2021

ކުޅުދުއްފުއްޓާއި މާލެއާ ދެމެދު ދަތުރުކުރާ ބޯޓެއްގައި ފަޅުވެރިޔަކު ކޮވިޑް-19 ޕޮޒިޓިވްވެ، ރަށް މޮނިޓަރިންގއަށް ލުމާ ގުޅިގެން ކާފިއު ހިންގަން ނިންމައިފި އެވެ.

އެގޮތުން ކައުންސިލުން ދެންމެ ބުނީ ކާފިއު ހިންގާނީ ރޭގަނޑު 9:00 ފަތިހު 4:00 އަކަށް ކަމަށެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީން ވަނީ މޮނިޓަރިންގެ ހާލަތަށް ގެންނަ ރަށްތަކުގައި ހާއްސަ ފިޔަވަޅުތަކެއް އެޅުމަށް މިދިޔަ މެއިމަހު 26 ވަނަ ދުވަހު އަންގާފަ އެވެ. އެގޮތުން މޮނިޓަރިންގެ ހާލަތަށް ގެންނަ ރަށްރަށުގައި ރޭގަނޑު 9 އަކުން ފަތިހު 4 އަކަށް އެއްގަމު އުޅަނދުފަހަރު ދުއްވުމާއި މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުމެ އުޅުން މަނާކޮށްފަ އެވެ.

އެކަމަކު އެ އެންގުމުގައި ބުނެފައިވަނީ ބަލި ފެތުރިފައިވާ ހާލަތަށް ބަލައި ފިޔަވަޅު އަޅައިފައިވާ ވަގުތަށް ބަދަލުގެނެވޭނެ ކަމަށެވެ.

މީގެ އިތުރުން ޒަރޫރީ ބޭނުންތަކުގައި މެނުވީ ގެއިން ބޭރަށް ނުނުކުތުމާއި ޕާޓީތަކާއި ހަފްލާތައް އަދި އެކި ރަސްމިއްޔާތުތައް ބޭއްވުން ވަނީ މަނާކޮށްފަ އެވެ. އަދި ގޭގައި ޒިޔާރާތްކުރުންވެސް ހުއްޓާލުމަށް ވަނީ އަންގާފަ އެވެ.

މިހާލަތުގައި ކުޅިވަރު ހަރަކާތްތަކާއި ކަސްރަތުގެ ހަރަކާތްތައް ހިންގުމަކީވެސް މަނާކަމެކެވެ. އަދި އެއްފަހަރާއި ތިން މީހުންނަށްވުރެ ގިނަ މީހުން މަގުމައްޗާއި އާންމު ތަންތާނގައި އެއްވެ އުޅުމަކީވެސް މަނާކަމެކެވެ.

ފިހާރަތަކުން ހިދުމަތް ދޭއިރު އެޗްޕީއޭ އިން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ހިދުމަތް ދިނުމަށްވެސް އަންގާފައިވެ އެވެ. އަދި ޔުނިވަރސިޓީތަކާއި ކޮލެޖްތަކަށް ދަރިވަރުން ހާޒިރުވެގެން ކުލާސްތައް ކުރިއަށް ގެންދިޔުންވެސް ވަނީ ހުއްޓާލަން އަންގާފަ އެވެ.

ހޮޓާތަކާއި ކެފޭތަކާއި ރެސްޓޯރެންޓްތަކާއި ކާބޯތަކެތީގެ ހިދުމަތް ދޭ އެހެނިހެން ތަންތަނުން ދެމުންގެންދާ ހިދުމަތްތައް ހުއްޓައިލަން ޖެހެ އެވެ. އެކަމަކު ޓޭކްއަވޭ އާއި ޑެލިވަރީގެ ހިދުމަތް ކުރިއަށްގެންދެވޭނެ އެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖަރު އަދި ޓާސްކް ފޯސްގެ ޗެއާމަން އަހުމަދު ދާއޫދު (ޑޭވިޑް) ވިދާޅުވީ މި ކޭސްއާ ގުޅިގެން ގިނަ އަދަދެއްގެ ޑައިރެކްޓް ކޮންޓެކްޓުން ފާހަގަވެފައިވާ ކަމަށާއި އެހެންވެ ރައްޔިތުން ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު އުޅުމަށް އޭނާ ވަނީ އިލްތިމާސްކުރައްވާފަ އެވެ.

"އެޗްޕީއޭއިން ނެރެފައިވާ ސާކިއުލާއާ އެއްގޮތަށް ކާފިއު ހިންގޭނެތީ، ކާފިއުގެ އުސޫލުތަކަށް އެއްބާރުލުން ދިނުމަށް ރިކުއެސްޓް ކުރަން. ކުޅުދުއްފުށި ސިޓީގައި ބަލި ފެތުރުނަ ނުދީ ކޮންޓްރޯލް ކުރެވިގެން ދަނީ މާތް ﷲ ގެ ރަހްމަތްފުޅާއެކު، ކަންކަން ތަންފީޒު ކުރަން ތިބި ފަރާތްތަކާއި، ރައްޔިތުންނާ ގުޅިގެން ކުރާ މަސައްކަތުން ކަން ޔަގީން" އަހުމަދު ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355