ކުޅުދުއްފުށީގައި ހިންގާފައިވާ ކާފިއު އުވާލައިފި އެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މިއަދުން ފެށިގެން ކުޅުދުއްފުށީގައި ހިންގާފައިވާ ކާފިއު އުވާލާފައިވާ ކަމަށެވެ.
ކުޅުދުއްފުށީގައި ކާފިއު ހިންގަން ފެށީ މިދިޔަ ޖުލައި މަހުގެ 24 ވަނަ ދުވަހު ކޭއާރްއެޗުގެ ފުލޫ އޯޕީޑީއަށް ދެއްކި 13 އަހަރުގެ ކުއްޖަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމުންނެވެ. ކާފިއު ހިންގާފައިވަނީ ރޭގަނޑު 9 ން ފަތިހު 4 އަށެވެ.
ކާފިއު އުވާލިކަން ހާމަކޮށް ކައުންސިލުން ބުނީ ކާފިއު އުވާލި ނަމަވެސް ކައުންސިލްގެ ހުއްދަ ނެތި ރަށަށް އަރާ ފޭބުން އަދިވެސް މަނާ ކަމަށާއި ޕާކް، ކުޅިވަރު ކުޅޭ ތަންތަން އަދި އާންމު މައިޒާންތައް ބަންދު ކުރެވިފައިވާތީ ޒަރޫރީ ބޭނުމަކަށް ފިޔަވާ ގެއިން ބޭރަށް ނުނިކުތުމަށް ވެސް ވަނީ އެދިފަ އެވެ.
އަދި ވޭތުވެދިޔަ 16 ދުވަސްތެރޭގައި 68 ފުރަބަންދު ސާމްޕަލް ނެގިފައިވާއިރު އޭގެ ތެރެއިން ޕޮޒިޓިވްވެފައިވަނީ 3 ސާމްޕަލް އެކެވެ. ހަމަ މި މުއްދަތުތެރޭ ކޮންޓެކް ޓްރޭސިންގެތެރެއިން 376 ސާމްޕަލް ޓެސްޓް ކުރެވުނުއިރު ޕޮޒިޓިވްވީ 52 ސާމްޕަލެވެ. އަދި މި މުއްދަތުގައި ކޮވިޑް ބަލީގެ އަލާމާތްތައް ހުރެގެން ފުލޫ ކުލިނިކަށް ދެއްކި މީހުންގެ 107 ސާމްޕަލް ނެގިއިރު ޕޮޒިޓިވްވެފައިވަނީ 8 ސާމްޕަލެކެވެ.
ޒަރޫރީ ބޭނުންތަކަށް ގެއިން ބޭރަށް ދާނަމަ މާސްކު ބޭނުން ކުރުމަށާއި ކުޅުދުއްފުށި މޮނިޓަރިންގެ ހާލަތުގައި އޮތުމުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށްވެސް ކައުންސިލުން ވަނީ އިލްތިމާސްކޮށްފަ އެވެ.