2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ސެމީ ފައިނަލުގައި ކުރޭޝިއާ އަތުން ބަލިވެ ކުރަން ޖެހުނު ހިތި ތަޖުރިބާގެ ބަދަލު ހިފާ އިންގްލޭންޑުން ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ފުރަތަމަ މެޗު ކާމިޔާބު ކޮށްފިއެވެ. މިއީ މިމުބާރާތުގެ މެޗެއް އެޓީމުން ކާމިޔާބު ކުރި ފުރަތަމަ ފަހަރެވެ.
ލަންޑަނުގެ ވެމްބްލީ ސްޓޭޑިއަމްގައި ކުޅެވުނު މިމެޗު އިންގްލޭންޑުން ކާމިޔާބު ކުރީ ހަނި ތަފާތަކުން ކަމުގައިވީ ނަމަވެސް މިމެޗުގައި އިންގްލޭންޑް ޓީމުގެ ފަރާތުން ވަނީ ވަރަށް ރީތި ކުޅުމެއް ފެނިގެން ގޮސްފައެވެ. 1 – 0 ގެ ނަތީޖާއަކުން އިންގްލޭންޑުން މިމެޗު ކާމިޔާބު ކޮށްފައިވާއިރު މިމެޗުގެ ހަމައެކަނި ލަނޑު އެޓީމަށް ޖަހައިދިނީ ރަހީމް ސްޓާލިންގްއެވެ.
މިމެޗުގައި އެންމެ ގިނަ ބަޔަކަށް ހައިރާންކަން ލިބުނީ ޕުރިމިއާ ލީގުގައި ޗެލްސީ އާއި މެންޗެސްޓަރ ޔުނައިޓެޑްގައި މޮޅު ކުޅުމެއް ދެއްކި ދެ ޑިފެންޑަރުން ކަމަށްވާ ބެން ޗިލްވެލްއާއި ލޫކް ޝޯ އަށް މިއަދުގެ މެޗުން ފުރުސަތު ނުލިބުމުންނެވެ.
މެޗުގެ ވަރަށް ކުރީކޮޅު އިންގްލޭންޑަށް ލީޑު ނަގަން ފުރުސަތު ލިބުނެވެ. އެގޮތުން މެޗުގެ ފަސްވަނަ މިނެޓުގައި އެޓީމުގެ ފިލް ފޯޑެން އަށް ލިބުނު ފުރުސަތު ފާހަގަ ކޮށްލެވެއެވެ. އޭރިއާ ތެރޭގައި ހުރެފައި ފޯޑެން ފޮނުވާލި ހަމަލާ އަމާޒުވީ ގޯލު ދަނޑިއަށެވެ.
މެޗުގެ ނަތީޖާ ހަމަކުރަން 65 ވަނަ މިނެޓުގައި ކޮރޭޝިއާގެ ރެބިޗަށް ލިބުން ބޯޅަ ރަނގަޅަށް ފަޔަށް އަރާގޮތް ނުވެ ދިޔައީ ގޯލުގެ އަރިމަތީ ދަނޑިން ބޭރަށެވެ. އެއަށް ފަހުވެސް ކޮރޭޝިއާއިން ވަނީ ނަތީޖާ ހަމަހަމަ ކުރެވޭތޯ މަސައްކަތް ކޮށްފައެވެ. ނަމަވެސް ކާމިޔާބުވާ ގޮތް ވަނީ ނުވެފައެވެ.
އޮސްޓްރިއާ އާއި ނޯތު މެކެޑޯނިއާ ބައްދަލުކުރާ މެޗު ފަށައިގެން މިހާރު އެބަ ކުރިއަށް ދެއެވެ. މިމުބާރާތުގެ މެޗެއް މިރޭ ރާއްޖެ ގަޑިން ދަންވަރު ބާރަ ޖަހާއިރުވެސް ކުޅެވޭނެއެވެ. އެ މެޗުގައި ބައްދަލުކުރާނީ ނެދަލޭންޑްސް އާއި ޔޫކްރޭނެވެ.