ސައްތައިން ސައްތަ ބޭރު ކުންފުނިތަކަށް ރާއްޖޭގައި އެއާޕޯޓު ހިންގުމުގެ ފުރުސަތު ލިބޭގޮތަށް ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީއަށް ގެނައި އިސްލާހަކީ އިހު އޮތް ގޮތަށް ފޮރިން އިންވެސްޓްމެންޓް ޕޮލިސީ އިޔާދަކުރުމެއްކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ވިދާޅުވީ ސަރުކާރުން އޮޕަރޭޓު ކުރަމުންދާ އެއްވެސް އެއާޕޯޓެއް ޕްރައިވެޓައިޒް ކުރުމުގެ ވިސްނުމެއް ނެތް ކަމަށެވެ.
މިވަގުތު ގިނަ އެއާޕޯޓުތައް ހިންގަމުންދަނީ ގެއްލުމުގައި ކަމަށާއި އެހެން ނަމަވެސް އެތަންތަން ވެސް ޕްރައިވެޓައިޒް ކުރުމުގެ ވިސްނުމެއް ނެތް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އެހެން ނަމަވެސް ސަރުކާރުން މިހާރު އަޅަން ރާވާފައިވާ ބައެއް އެއާޕޯޓުތަކަށް އިންވެސްޓަރުން ހޯދާ އިރު އެތަނުގެ 100 ޕަސަންޓު ހިއްސާ އޮންނަ ގޮތަށް ބޭއްވުމަށް ބައެއް އިންވެސްޓަރުން އެދެމުން ގެންދާތީ, ހިއްސާގެ ނިސްބަތް އިހު އޮތް ގޮތަށް އިޔާދަކުރީކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ކުރީގެ ރައީސް އަބްދުالله ޔާމީނުގެ ސަރުކާރުގައިވެސް އެ ފޮރިން ޑައިރެކްޓް އިންވެސްޓްމެންޓުގެ ގޮތުގައި 100 ޕަސަންޓު ހިއްސާ އޮތް ބޭރު ކުންފުނިތަކަށް އެއާޕޯޓު ހިންގަން ދީޛައި ހުރިކަމަށާއި ނަމަވެސް އެ ސިޔާސަތު ކަރުދާހުގައި ލިޔެ, އެއާޕޯޓެއްގައި ބޭރުގެ ހިއްސާ އޮންނާނީ 75 ޕަސަންޓަށް ކަމަށް ކުޑަކޮށް ލިޔުނީ މި ސަރުކާރުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ ސަރުކާރުން މިހާރު ހިންގަމުންދާ އެއްވެސް އެއާޕޯޓެއްގެ އެންމެ ހިއްސާއެއް އެއްވެސް ޕްރައިވެޓް ކުންފުންޏަކަށް ދިނުމުގެ ވިސްނުމެއް ނެތް ކަމަށެވެ.