twitterviber whatsapp telegramfacebookyoutube instagram
30th April 2024

އެމްޑަބުލިއުއެސްސީން ކުޅުދުއްފުށީގައި ދޭ ހިދުމަތްތައް މާލެއާ އެއް އަގެއްގައި ލިބޭނެ ގޮތް ހަމަޖައްސައިދިނުމަށް އެދިއްޖެ

އަބްދުލް ވާހިދު ޙަސަން
Jun 18, 2021
3

މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީން ކުޅުދުއްފުށީގައި ދެމުންގެންދާ ހިދުމަތްތައް މާލޭއާ އެއް އަގެއްގައި ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން އެދިއްޖެ އެވެ.

އެމްޑަބުލިއުއެސްސީން ކުޅުދުއްފުށީގައި ދެމުންގެންދާ ހިދުމަތްތަކުގެ އަގު މާލޭގައި ދޭ އަގަށްވުރެ ބޮޑުވުމަކީ ގިނަ ބައެއްގެ ދުވަސްވީ ޝަކުވާއެކެވެ.

އެމްޑަބުލިއުއެސްސީއާއެކު ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުރާސްފަތި ދުވަހު ކުރިއަށްގެންދިޔަ ވާޗުއަލް ބައްދަލުވުމުގައި ކައުންސިލުން އެދުނީ، އެ ކުންފުނިން ކުޅުދުއްފުށީގައި ދެމުންގެންދާ ހިދުމަތް މާލޭގައި ދޭ އަގާ އެއް އަގެއްގައި ކުޅުދުއްފުށީ ރައްޔިތުންނަށްވެސް ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށެވެ.

މީގެ އިތުރުން އެ ބައްދަލުވުމުގައި އެ ކުންފުނީގެ މަސައްކަތްތައް އިތުރަށް ކުޅުދުއްފުށީގައި ފުޅާކުރުމަށާއި، ރައްޔިތުންނަށް ހިދުމަތްދިނުމުގައި ދެފަރާތުން މަޝްވަރާ ކުރެވި ދިމާވާ ދަތިތައް ހައްލުކުރުރެވޭނޭ ގޮތްތަކާމެދު މަޝްވަރާކޮށްފައިވާ ކަމަށެވެ.

މި ބައްދަލުވުމާ ބެހޭ ގޮތުން ކޭއޯއަށް މައުލޫމާތު ދެއްވަމުން މޭޔަރު މުހައްމަދު އާތިފް ވިދާޅުވީ، ބައެއް ގޭބިސީތަކުގެ ފުރާޅުގެ ފެންހޮޅި ނަރުދަމާ ނިޒާމަށް ގުޅާތީ ކުރިމަތިވާ މައްސަލަތަކާ އެކަމުގެ ރައްޔިތުން އެއްބާރުލުން ހޯދުމާ ބެހޭގޮތުން ވެސް މަޝްވަރާކޮށްފައިވެ އެވެ. އަދި އެއާޕޯޓްގެ އުތުރުގައި ހުންނަ އެ ކުންފުނީގެ ޕްލާންޓް ހުރި ބިމަށް ވަދެ ނުކުތުމުގައި ދިމާވާ ދަތިތަކާއި ބަންޑާރަހިޔާގެ 100 ރޯހައުސްއަށް ފެނާއި ނަރުދަމާ ކަނެކްޝަން ހެދުމަށްވެސް މަޝްވަރާކުރެވުނުކަމަށް މޭޔަރު ވިދާޅުވި އެވެ.

މަގު ހެދުމުގެ ދެވަނަ ފިޔަވަހި ފެށުމަށް ތައްޔާރުވާއިރު އެ މަސައްކަތުގައި އާރުޑީސީއާއި ކައުންސިލާއެކު އެމްޑަބުލިއުއެސްސީން ގާތުން މަސައްކަތްކުރުމަށްވެސް މަޝްވަރާކުރެވުނެވެ. މޭޔަރު ވިދާޅުވީ ރަށުގެ ލޭންޑްޔޫސް ޕްލޭން ނުހެދި ހުރި ސަރަހައްދުތުގެ މަގުތަކުގެ ކުރެހުން ފައިނަލްކޮށް ފެން އަދި ނަރުދަނާ ނެޓްވޯކް ގާއިމުކުރުމާ ބެހޭގޮތުން ވާހަކަދެއްކެވި ކަމަށެވެ.

މީގެ އިތުރުން ކޮވިޑާ ގުޅިގެން ސަރުކާރުން ދޭ ޑިސްކައުންޓް ރޯހައުސްތަކުގައި އުޅޭ ފަރާތްތަކަށް ލިބެމުން ނުދާތީ އެކަމަށް ހައްލެއް ހޯދުމަށްވެސް މަޝްވަރާކުރި އެވެ. މޭޔަރު ވިދާޅުވީ އެ މައްސަލަ ހައްލުވާނެކަމުގެ ޔަގީންކަން އެ ކުންފުނިން ދީފައިވާކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355