twitterviber whatsapp telegramfacebookyoutube instagram
24th April 2024

ހާސްވެ ނުތަވަސްވުމުން ސަލާމަތް ވެވޭތޯ ބަލަމާ ހިނގާ

ނަބީލާ އިސްމާޢީލް
Jun 20, 2021

ހާއްސަކޮށް މި ދުވަސްވަރަކީ އެންމެގެވެސް ހާލަތު ހީވެސްނުކުރާހާ ދަތި އުނދަގޫ އަނދަަވަޅެއްތެރޭ އޮތް ދުވަސްވަރެކެވެ. އެއްބަޔަކު ދިރިއުޅުމަށް ކުރަމުން އައި މަސައްކަތް ހުއްޓި ނުވަތަ މަސައްކަތް ގެއްލި ހަދާނެ ގޮތް ހުސްވެ މާޔޫސްވެފައިވާ ދަނޑިވަޅެކެވެ. އަދި ގިނަ އަދަދެއްގެ ކުޑަކުދިންތަކެއްވެސް ބޭރުގެ މާހައުލުނުފެނި ގޭގައި ތާށިވެތިބޭތާ އަހަރަކަށްވުރެ ގިނަ ދުވަސް މިވަނީ ފާއިތުވެގެން ގޮސްފަ އެވެ.

ސްޓްރެސް ނުވާނެ ސަބަބެއް ނެތެވެ. މި ފަދަ ހާލަތެއްގައި އުޅެން ޖެހުމަކީ އެއާވިދިގެން އެތައް ކަމެއް ކުރިމަތިވެ ސިކުނޑިއަށް ބުރަ ބޮޑުވެގެންދާނެ ހާލަތު މެދުވެރިވެދާނެ ސަބަބެއްވެސްމެ އެވެ. އަދި ހަށިގަނޑަށް އެކަމުގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރާ ކަމެކެވެ.

ނަމަވެސް މިއީވެސް އަބަދުގެ ހާލަތެއް ނޫންކަމަށް ވިސްނާ ސަބަބުތަކުގައި ހިފާ މިހާލަތުން އަރައިގަތުމަށް ގަދައަޅާ މަސައްކަތް ކުރަންވާނެ އެވެ.

މީހާ ހާސްވެ ކަންބޮޑުވުމުން ހަށިގަނޑުގައި އުފެދޭ ސްޓްރެސް ހޯމޯން ތައް ގިނަވެ އެވެ. މިފަދަ ހޯމޯން ގެ މިސާލަކީ އެޑްރެނާލިން އަދި ކޯޓިސޮލް އެވެ. މިފަދަ ހޯމޯންގެ ޒިންމާއަކީ މީހާ ހާސްވާ ފަދަ ދަނޑިވަޅެއް އަތުވެއްޖެނަމަ އެފަދަ ހާލަތެއްގައި ހަށިގަނޑަށް ލިބިދާނެ ގެއްލުމަކުން ރައްކާތެރިކޮށްދިނުމަށް އެހީތެރިވެދިނުމެވެ.

އެގޮތުން މިހާ ހާސްވެ ފިކުރު ބޮޑުވާނަމަ ހިނގާލަން ނުވަތަ ފަތާލަން ދާށެވެ. އެންމެ ރަނގަޅު ގޮތަކީ ކޮންމެ ދުވަހަކުވެސް ގަވާއިދުން ކަސްރަތު ކުރުމެވެ.

މީހާ ހާސްވެ ކަންބޮޑުވާ ހާލަތްތަކުގައި މީހަކާ މައްސަލަތައް ހިއްސާ ނުކޮށްފިނަމަ ފިކުރު ބޮޑުވާގޮތް މެދުވެރިވެއެވެ. މިކަމުގެ ސަބަބުން މީހާ އިތުރަށް ހާސްވާގޮތް މެދުވެރިވެއެވެ. އެއީ ކިތަންމެ ކުޑަކަމެއްކަމުގައި ވިނަމަވެސްމެއެވެ. ކަމަކާ ފިކުރު ބޮޑުވާ ނަމަ ލަސްނުކޮށް މައްސަލަ މީހަކާ ހިއްސާ ކުރާށެވެ. ހިއްސާ ކުރާ މީހަކީ އިތުބާރުހިފޭ ރައްޓެއްސެއް ، އެކުގައި މަސައްކަތްކުރާ މުވައްޒަފެއް، އާއިލާގެ މެންބަރެއް ނުވަތަ ކަމުގެ ތަމްރީނު ލިބިފައިވާ ތަޖުރިބާކާރަކަށްވެސް ހެދިދާނެއެވެ. މިގޮތައް މައްސަލަ ހިއްސާކުރުމުން ހާސްކަން ފިލައި މައްސަލައަށް ހައްލެއް ލިބުން އަވަސްވާނެއެވެ.

އާންމު ގޮތެއްގައި ހާސްވެ ކަންބޮޑުވުމުން ނުނިދި ވަރުބަލިވާގޮތް މެދުވެރިވެއެވެ. އެހެން ނަމަވެސް ހާސް ކަމާއި ކަންބޮޑުވުމުން ދުރުވުމަށް ނިދި ހަމަ ކުރަންވެސް އެބަޖެހެއެވެ. ހާސްވެ ކަންބޮޑުވުމުގެ ސަބަބުން ނިދިމަދުވާނަމަ ނިދުމުގެ ދެތިން ގަޑިއިރު ކުރިން ފުންކޮށް ވިސްނައިގެން ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ހުއްޓާލާށެވެ. އަދި ނިދަން އެނދަށް އެރުމުގެ ކުރިން ފެންވަރަން އާދަކުރާށެވެ. އަދި ނިދަން ދިޔުމުގެ ކުރިން ތިމާއަށް ހިތްހަމަޖެހުން ލިބޭ ކަމެއް ކުރަން އާދަ ކުރާށެވެ. މިގޮތުން ފޮތެއް ކިޔާލުން ނުވަތަ ގޭމެއް ކުޅެލެވިދާނެއެވެ. މިހެން ކަންތައް ކުރުމުން ހާސްވާ ކަންކަންމަތިން ހަނދާން ނައްތާލަން ފަސޭހަވެ އަވަހަށް ނިދޭނެއެވެ. ނިދި ހަމަކުރަން ބޭހެއް ބޭނުން ކުރުމަކީ އެއްވެސް ގޮތަކަށް ބުއްދިވެރި ކަމެއް ނޫނެވެ.

މީހާ ހާސްވެ ކަންބޮޑުވާގޮތް މެދުވެރިވުމުން އެކަމާ ދުރުވަން މީހުން ކޮށް އުޅޭ އެންމެ ނޭދެވޭ ކަމަކީ ކެފެއިން ނުވަތަ ނިކޮޓިން ހިމެނޭ ތަކެތި ބޭނުން ކުރުމެވެ. މިފަދަ ތަކެތި ބޭނުން ކުރުމުން ހާސްކަން ކަނޑުވައި ކަނބޮޑުވުމާއި ދުރުކޮށްދިނުމަށްވެ ބޮޑަށް ކޮށްދެނީ އިތުރެވެ. ސަބަބަކީ މިދެ މާއްދާއަކީ ސްޓިމުލެންޓްސްއަށް ވާތީއެވެ. ސްޓިމުލެންޓްސް އަކީ އިންސާނާގެ ސިކުނޑީގެ މަސައްކަތް އިތުރުކޮށް ވިސްނުން އިތުރުކޮށްދޭ މާއްދާތަކެވެ. ހާސްވެ ކަންބޮޑުވާނަމަ ގިނައިން ފެން ބޮއެ ހާބަލް ސަޔާއި މޭވާއިން ތައްޔާރުކޮށްފައިވާ ޖޫސްތައް ބޯން އާދަކުރާށެވެ. އޭރުން ހަށިގަނޑުގެ ސިއްހަތައް ވެސް ފައިދާ ވާނެއެވެ.

މީގެ އިތުރުން ކޮންމެ ކަމެއްގެވެސް ހައްލަކީ ތިމާގެ ވެރި ރައްބާ ތިމާއާއި އޮންނަ ގުޅުން ވަރުގަދަ ވުމެވެ. އެހެން ކަމުން ނަމާދުކޮށް، ދުއާކޮށް ތިމާގެ ހުރިހާ ހާސްކަމެއް އެފަރާތަށް ދަންނަވާށެވެ. އަދި ހެނދުނާއި ހަވީރުގެ ޒިކުރުތައް ކިޔަަން ހަނދާން ނައްތާނުލާށެވެ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355