ޕްރިސެސް ޑަޔާނާ ނުވަތަ ޕްރިންސެސް އޮފް ވޭލްސް ގެ މަރަކީ މިހާތަނަށްވެސް އެކަމުގެ އަޑި ނޭނގޭ ހަގީގަތްތަކެއް އެކުލެވިފައިވާ މަރެކެވެ.
ގިނަ ބަޔަކު ގަބޫލް ކުރާގޮތުގައި ޑަޔާނާގެ މަރުގެ ފަހަތުގައި ވަނީ ޝާހީ އާއިލާއެވެ. އަދި އެފަދަ ވާހަކަތައް ދޭތެރެ ދޭތެރެއިން މީޑިޔާއަށް ތިލަވެއެވެ.
ޑަޔާނާ މަރުވެފައިވަނީ 31 އޮގަސްޓް 1997 ވަނަ ދުވަހު ޕެރިސްގެ ޓަނަލެއް ކަމަށްވާ ޕޮންޓް ދެ ލައަލްމާ ތެރޭގައި ހިނގި ކާރު އެކްސިޑެންޓެއްގައެވެ. އެގުތު ކާރުގައި ތިބި މީހުންގެ ތެރެއިން ހަމައެކަނި ސަލާމަތްވީ ޑަޔާނާގެ ބޮޑީ ގާޑް ޓްރެވާ ރީސް ޖޯންސް އެވެ.
އެދުވަސް ވަރު ޑަޔާނާއާއި ލޯބީގެ ގޮތުން ގުޅިގެން އުޅުންކަމަށް އަޑު ފެތުރިފައިވާ ޑޯޑި ފަޔާދު ވެސް ވަނީ އެކްސިޑެންޓުގައި މަރުވެފައެވެ. ބުނެވޭ ގޮތުގައި ޑަޔާނާގެ ކާރު އެކްސިޑެންޓުވި ސަރަހައްދުގައި 4 ސިސީޓީވީ ކެމެރާ ހުރިއިރުވެސް އެއިން އެއްވެސް ކެމެރާއަކަށް އެކްސިޓެންޑް އަރާފައެއް ނުވެއެވެ.
އޭގެ 23 އަހަރުފަހުން ފުރަތަމަ ޑަޔާނާ ސަލާމަތްކުރަން އުޅުނު ގޮތް ޑޮކްޓަރުން މި ވަނީ ކިޔާދީފައެވެ.
މޮންސެފް ޑާމެން އަކީ އެއިރު ވަރަށް ޅަ ޖެނެރަލް ސާރޖަންއެކެވެ. އޭނާ ބުނީ އެކްސިޑެންޓް ވެގެން ފުރަތަމަ ގުޅި ފަރާތުންވެސް އޭނާކައިރީގައި ބުނީ ޒުވާން އަންހެނަކު އެކްސިޑެންޓެއްގައި ހާލު ސީރިއަސް ވެގެން އުޅޭ ވާހަކަ ކަމަށެވެ.
ޑެއިލީ މެއިލްއަށް ދިން އިންޓަވިއުއެއްގައި ޑރ ޑާމެން ބުނީ އެވަގުތު ޑިއުޓީގައި ހުރި އެނަސްތިޓިސްޓް ގުޅާފަ އެކްސިޓެންޑުގެ ވާހަކަ ބުނީ ޑިއުޓީ ރޫމްގައި އަރާމުކޮށްލަން އޮއްވާކަމަށެވެ. އެއިރު އޭނާގެ އުމުރުން އެންމެ 33 އަހަރެވެ.
ޑރ ޑާމެން ބުނީ އެއީ ޑަޔާނާ ކަން އެގުނީ އޭ އެންޑް އީ (އެކްސިޑެންޓް އެންޑް އެމަޖެންސީ) އަށް ދިއުމުން ކަމަށެވެ. ޑަޔާނާއަށް ލިބިފައިވާ އަނިޔާގެ ތަފްސީލް އިންޓަވިއުގައި ދީފައެއް ނުވެއެވެ. އެހެން ނަމަވެސް އެކްސްރޭ ތަކުން އެތެރެ ހައްޓަށް ވަރަށް ބޮޑަށް ލޭ އެޅިފައިވާކަން އެނގުނުކަމަށް ޑރ ޑާމެން ބުންޏެވެ. ޑަޔާނާ ސަލާމަތްކުރުމަށް މޭގައި ހެދިފައިވާ ފެންތައް ބޭރުކޮށް ބްލަޑް ޓްރާންސްފިއުޝަނެއް ހެދިކަމަށްވެސް އޭނާ ބުންޏެވެ. އެއަށްފަހު އެރޭ ދަންވަރު 2:15 ހާއިރު ޑަޔާނާއަށް ހާޓް އެޓޭކެއްވެސް ޖެހުނުކަމަށާއި އެވަގުތުވެސް އެމަޖެންސީ ސާޖަރީއެއް ކުރިކަމަށެވެ.
ނަމަވެސް ހަށިގަނޑުން ލޭ މަދުވަމުން ދިއުމުގެ ސަބަބުން ޑަޔާނާގެ ހިތް ރަނގަޅަށް މަސައްކަތް ނުކުރާކަމަށާއި ހިތް ހުއްޓުނަ ނުދިނުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރިކަމަށް ޑރ ޑާމެން ބުންޏެވެ. އަދި އެހުރިހާ މަސައްކަތެއް ކުރީ އޮފަރޭޝަން ތިއޭޓަރަށްވެސް ބަދަލުކުރުމުގެ ކުރިން އޭ އިންޑް އީގެ ސްޓްރެޗާއެއްގައި ބާއްވައިގެން ކަމަށްވެސް ޑރ ޑާމެން ބުންޏެވެ.
ފްރާންސްގެ ލީޑިން އެއް ހާޓް ސާރޖަން ޕްރޮފެސަރ އަލްވިން ޕަވިންއަށް ހޮސްޕިޓަލަށް އާދެވުނީ ޑަޔާނާ ތިއޭޓަރަށް ބަދަލުކުރި ފަހުންނެވެ. ނަމަވެސް ހިތާ ގުޅިފައިވާ އެކި ގުނަވަންތަކަށް އެކްސިޑެންޓުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ވެފައިވާތީ ސާރޖަރީގެ ކުރިން ޑަޔާނާގެ ހިތް ހުއްޓުނީއެވެ. އެއަށްފަހު އިލެކްޓްރިކް ޝޮކް ދިނުމަށްފަހު ކުރި މަސައްކަތުންވެސް ވިންދު ނުގެނެވުންކަމަށް އޭނާ ބުންޏެވެ.
އަލުން ވިންދު ގެނެވޭތޯ ގަޑިއިރެއްހާއިރު މަސައްކަތް ކުރިކަމަށާއި ހާސްވެފައި ތިބިވަރުން އެހުރިހާ ވަގުތު އެކަމަށް ހޭދަވިކަންވެސް ޑޮކްޓަރުންގެ ޓީމަށް ރޭކާނުލިކަމަށް ޑރ ޑާމެން ބުންޏެވެ. ޑަޔާނާ ސަލާމަތް ނުކުރެވުމުގެ ސަބަބުން ވަރަށް އަސަރުކުރިކަމަށާއި އެކަމަކު ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރިކަމަށްވެސް ޑރ ޑާމެން ބުންޏެވެ.
މިހާ ދުވަސް ފަހުންވެސް އެ ވާހަތައް މީޑީއާއަށް ހިއްސާ ކުރުމުގެ ބޭނުމަކީ ޑަޔާނާ ސަލާމަތްކުރަން ކުރެވުނު ހުރިހާކެމެއް ކުރިކަން ބުނެދިނުން ކަމަށް އޭނާ ބުންޏެވެ.