ހދ އަތޮޅުގައި އެމްޓީސީސީން ދެމުންގެންދާ ފެރީގެ ހިދުމަތް މިހާރަށްވުރެ ހަރުދަނާ ކުރުމާއި ބެހޭގޮތުން ހދ އަތޮޅު ކައުންސިލުން އެމްޓީސީސީއާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި އެވެ.
ހދ އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ސިރާޖު ވިދާޅުވީ އެމްޓީސީސީއާއި ބައްދަލުކޮށްފައިވަނީ މިދިޔަ ހަފްތާގެ ތެރޭގައި ކަމަށާއި ކުއްލިއަކަށްވެސް ފެރީ ކެންސަލްވާ މައްސަލަ މިހާރުވެސް ޖެހޭކަމަށެވެ.
"އެއް މިސާލަކީ ވައިކަރަދޫއިން ހަމަގައިމުވެސް ވަރަށް ގިނައިން ފެރީ އަންނައިރު ކުޅުދުއްފުއްޓަށް ވަރަށް ބައިވަރު ކެޔޮ ފޮނުވާނެ. އެތައް ސަތޭކަ ކެޔޮގަނޑެއް ހަމަ ހުންނާނެ ފެރީ އަންނަވާއިރަށް ބަނދަރު މައްޗަށް ނެރެފަ. ދެން ފެރީ އަންނަ ގަޑިޖެހި ބައިގަޑިއިރު ދާފަހުން މި އެނގެނީ ކޮންމެވެސް ކަމެއް ދިމާވެގެން ފެރީ މިއަދު ކެންސަލްކަން" ސިރާޖު ވިދާޅުވި އެވެ.
އެކަން އެހެން ދިމާވަމުން ދާތީ ދަނޑުވެރިންނަށް ވަރަށް ބޮޑަށް ގެއްލުން ވަމުން ދާކަމަށާއި ކެޔޮ ނޫނަސް ކޮޕީފަތް ކަހަލަ އަވަހަށް ހަލާކުވާ ޒާތުގެ ތަކެތިވެސް ރަށްރަށަށް ފޮނުވާއިރު ފެރީ ކެންސަލްވުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއްކަމަށް އޭނަ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފެރީ ކެންސަލްވި ކަން ގިނަ ފަހަރު އެނގެނީ ދަނޑުންތަކެތި ކަނޑައިގެން ބަނދަރު މައްޗަށް ނެރޭފަހުން ކަމަށެވެ. އެހެންކަމުން ހަލާކުވާ ޒާތުގެތަކެތި ދެން ފެރީ އަންނަ ދުވަހަކަށްވެސް ނުބެހެއްޓުމުގެ ސަބަބުން ދަނޑުވެރިންނަށް ވަރަށް ގެއްލުންވާކަމަށްވެސް ވިދާޅުވި އެވެ.
ބައްދަލުވުމުގައި އެމްޓީސީސީން ވަނީ ދިމާވާ މައްސަލަތައް އެބޭފުޅުންގެ ޓީމްތަކައި ވާހަކަ ދައްކައިގެން ހައްލު ކުރާނެކަމަށް ވިދާޅުވެފައި ކަމަށް ސިރާޖު ވިދާޅުވި އެވެ. އަދި މައްސަލަތައް ބަލައި ރައްޔިތުންނައި ގުޅިގެން މަސައްކުރާނެކަން އެމްޓީސީސީން ފާހަގަ ކުރެއްވިކަމަށް ސިރާޖު ވިދާޅުވި އެވެ.