ކޮވިޑް-19ގެ ބަލިމަޑުކަމުން ސަލާމަތް ވުމަށް އަޅާފައިވާ އެންމެ މުހިންމު ފިޔަވަޅަކީ 14 ދުވަހުގެ ކަރަންޓީން މުއްދަތު ފުރިހަމަކުރުމެވެ. ނަމަވެސް މި އުސޫލަށް ތަބާވާންވެސް ރިސޯޓް މުވައްޒަފުންނަށް ރަށަށް ދިއުމަށް ވަރަށް ގިނަ ހުރަސްތައް އެބަ ކުރިމަތިވެ އެވެ.
މީގެ ކުރިން ގިނަ ރިސޯޓްތަކުން ދެ މަސް ވުމުން މުވައްޒަފުން އޮފަށް ރިސޯޓުން ރަށަށް ފޮނުވަ އެވެ. ނަމަވެސް ކޮވިޑްގެ ބަލިމަޑުކަމުގައި އެންމެ ތަކުލީފު އުފުލަން ޖެހޭ ބަޔަކަށް ވެފައި މިވަނީ ރިސޯޓް މުވައްޒަފުންނެވެ. ފިޔަވަޅުތައް ހަރުދަނާ ވިއްޔެއް ނޫނެވެ. ފިޔަވަޅުތައް ހަރުކަށިވީ އެވެ. މިހާރު އެ މުވައްޒަފުންނަށް އަނބި ދަރިންނާއި މައިންބަފައިން ކައިރިއަށް އާދެވެނީ އަހަރަކު އެއްފަހަރު އެވެ.
އެއީ ހަމަ އެކަނި އަހަރީ ޗުއްޓީއަށެވެ. ބައެއް ރަށްރަށުގެ ކައުންސިލުން ފިޔަވަޅުތައް ހަރުކަށި ކުރުމަށްފަހު ބުނެފައިވާ ގޮތުގައި އެ މުވައްޒަފުންނަށް ރަށަށް އާދެވޭނީ އަހަރީ ޗުއްޓީ ކެންސަލުވާނަމަ އެވެ.
ކޮވިޑް ބަލިމަޑުކަމުގައި އެންމެ ރިސްކްގައި ތަކުލީފުތަކާއެކު ގައުމު ކޮޅަށް ޖަހަން އެންމެ ހިތަވަރާއެކު މަސައްކަތް ކުރާ އެއްބަޔަކީ ރިސޯޓް މުވައްޒަފުންނެވެ. ނަމަވެސް އެ މީހުންގެ އެ ބުރަ މަސައްކަތް ބަޔަކު ބަލައިގަންނަ ހެނެ ހިޔެއް ނުވެ އެވެ.
ސަރުކާރުގެ އިސްމަގާމުތަކުގައި ސިޔާސީ މަގާމުތަކުގައި ތިބޭ ފަރާތްތަކުން ހާއްސަ ހުއްދަ އާއި ފާޑު ފާޑުގެ ނަންނަމުގެ ހުއްދައެއް ދަށުން ރަށްރަށް ގޮސް ކަރަންޓީން ނުވެ އުޅުނު ކަމުގައި ވިޔަސް ރިސޯޓް މުވައްޒަފުން ޖެހެނީ ސަރުކާރުން ބުނި މުއްދަތެއްގައި ކަރަންޓީން މުއްދަތު ފުރިހަމަ ކުރާށެވެ. ހިތާމަޔަކީ މި މުއްދަތު ފުރިހަމަކޮށްގެން ވެސް އަމިއްލަ ވަޒަނަށް އައުމަށް ހުރަސް އަޅާތީ އެވެ.
ކަރަންޓީނަކީވެސް ފަސޭހަ ކަމެއް ނޫނެވެ، ގިނަ މުވައްޒަފުން އެއް މަހުގެ މުސާރަ ހަރަދުވަނީ ކަރަންޓީނުވާ ތަނުގެ ކުލި ދެއްކުމަށެވެ. ކޮންމެ މީހަކީ އަމިއްލަ ގޭގައި އެކަހެރިވެގެން ހުރެވޭގޮތް ތަނަވަސްވެފައިވާ ބައެއް ނޫނެވެ.
ކޮވިޑުގެ ފުރަތަމަ ރާޅާއެކުވެސް އެ އިންޑަސްޓްރީގެ ގިނަ މުވައްޒަފުން ވަނީ ބިކަވެ ނިކަމެތިވެފަ އެވެ. އެ މީހުން ކިތަންމެ ހިފަހައްޓައިގެން ގެންގުޅުނު ކަމުގައިވިޔަސް އެ މީހުންނަށް ވުރެން މާލޭގައި ދިރިއުޅޭ މީހުން ބައްޔާމެދު ނުވިސްނާ އުޅެމުންވެސް ރަށްރަށް ފަސޭހަކަމާއެކު މިވީ ދުވަސްތަކުގައި ދަތުރު ކުރެވުނެވެ.
ގަބޫލު ކުރާ ގޮތުގައި ރިސޯޓު މުވައްޒަފުންނަށް ރަށަށް އާދެވެން ވާނީ އަހަރަކު އެއް ފަަހަރަކު ނޫނެވެ. އުސޫލުތަކާ އެއްގޮތަށް އެ މީހުންގެ ހައްގުތައްވެސް އެ މީހުންނަށް ހޯދައިދެވެންޖެހޭނެ އެވެ.