އައްޑޫ ސިޓީގައި ޕައިލަޓުން ތަމްރީނުކުރާ އޭޝިއަން އެކެޑެމީ އޮފް އެއިރޮނޯޓިކްސް (އޭއޭއޭ)އާ އެވިކް ކޮލެޖުން މިއަދު ހަވާލުވެއްޖެ އެވެ.
އެ ކޮލެޖުން އޭއޭއޭ އާއި ހަވާލުވެފައި އެ އެކެޑެމީ ވަނީ އެވިޑްގެ ފެކަލްޓީއަކަށް ބަދަލުކޮށްފަ އެވެ. އެގޮތުން މިއަދުން ފެށިގެން އޭއޭއޭ ހިންގާނީ އެވިޑް ސްކޫލް އޮފް އެއިރޮނޯޓިކްސް (އޭއެސްއޭ) ގެ ނަމުގަ އެވެ.
އައްޑޫ ފްލައިން ސްކޫލު އެވިޑް ކޮލެޖާ ހަވާލުކުރުމުގެ ރަސްމިއްޔާތުގައި އެ ކޮލެޖުގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ޗެއާމަން އަބްދުﷲ މުސްތާގު ރަޝާދު އެވެ. އަދި ފްލައިން ސްކޫލުގެ ފަރާތުން ސޮއި ކުރެއްވީ އެތަނުގެ ޖެނެރަލް މެނޭޖަރު އަހްމަދު ފަޒީލް ރަޝީދެވެ.
އެވިޑް ކޮލެޖުން މައުލޫމާތު ދިން ގޮތުގައި އެއްބަސްވުމުގެ ދަށުން މިހާރު އޭއޭއޭގެ ދަށުގައި ހުރި ހުރިހާ މުދަލެއް ވަނީ އެވިޑް ކޮލެޖުގެ ނަމަށް ބަދަލުކޮށްފަ އެވެ. މިކަން އިއުލާންކުރަން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެވިޑް ކޮލެޖުގެ ޗެއާމަން އަބްދުﷲ މުޝްތާގު ރަޝާދު ވިދާޅުވީ، މިއީ ޕައިލެޓުކަން ކިޔަވާ ދިވެހި ދަރިވަރުންނަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯދައި ދިނުމުގެ މަގުސަދުގައި އެވިޑުން ފެށި މަސައްކަތެއް ކަމަށެވެ.
މުޝްތާގު ވިދާޅުވީ އެވިޑް ސްކޫލުގެ ދަށަށް އޭއޭއޭ ބަދަލުވުމާ އެކު ދަރިވަރުންނާއި އެކުދިންގެ މައިންބަފައިންގެ ކަންބޮޑުވުންތައް ހައްލުކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށެވެ. ދަރިވަރުންގެ ފްލައިން މެދުކެނޑިފައިވާ މައްސަލަ ހައްލުކުރުމަށް އިތުރު ސްޕެއާ ޕާޓްސް ގެނައުމުގެ މަސައްކަތަށް ބޭނުންވާ ޑޮލަރު ހޯދުމަށް ބެންކުގެ އެހީއާ އެކު މަސައްކަތް ކުރަމުން ގެންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން މުޝްތާގު ވިދާޅުވީ އެވިޑް ސްކޫލުގެ ދަށަށް އޭއޭއޭ ބަދަލުވުމާ އެކު ދަރިވަރުންނާއި އެކުދިންގެ މައިންބަފައިންގެ ކަންބޮޑުވުންތައް ހައްލުކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށެވެ. ދަރިވަރުންނާއި ދެ ހަފްތާ ފަހުން ބައްދަލުކުރައްވާނެ ކަމަށާއި ބެލެނިވެރިންނާ ވެސް ވީއެންމެ އަވަސް ފުރުސަތެއްގައި ބައްދަލު ކުރައްވާނެ ކަމުގައި ވިދާޅުވި އެވެ.
ދަރިވަރުންގެ ފްލައިން މެދުކެނޑިފައިވާ މައްސަލަ ހައްލުކުރުމަށް އިތުރު ސްޕެއާ ޕާޓްސް ގެނައުމުގެ މަސައްކަތަށް ބޭނުންވާ ޑޮލަރު ހޯދުމަށް ބެންކުގެ އެހީއާ އެކު މަސައްކަތް ކުރަމުން ގެންދާ ކަމަށް ވެސް ވިދާޅުވި އެވެ. ފްލައިން ފެށޭނެ ކަމަށް ލަފާކުރަނީ ސެޕްޓެމްބަރު ފަހު ކޮޅުގައި ކަމަށް ވެސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކިޔެވުމުގައި އެތައް ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ 170 ދަރިވަރުންގެ ކިޔެވުން ވީއެންމެ އަވަހަށް ނިންމާލުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރަމުންދާނެ ކަމަށާއި ކުދިންނަށް ކިޔަވާ ދިނުމަށް ތަޖުރިބާ ހުރި އެހެން އިންސްޓްރަކްޓަރުން ހޯދަމުންދާ ކަމަށެވެ.
މިހާރު ކުރެވެމުންދާ މަސައްކަތްތަކާ އެކީ އިންތިގާލީ މަރުހަލާއަށް ހަ މަސް ދުވަސް ހޭދަވާނެ ކަމަށް ލަފާކުރެވޭކަމަށް އެވިޑް ކޮލެޖުން މައުލޫމާތު ދެއެވެ.
މި މުއްދަތަކީ ސިވިލް އޭވިއޭޝަން އޮތޯރިޓީން ފްލައިން ސްކޫލް ހިންގަން އޭއޭއޭއަށް ދޫކޮށްފައި އޮތް ލައިސެންސް އެވިޑް ކޮލެޖުގެ ދަށަށް ބަދަލުކުރަން ހިނގާނެ މުއްދަތެވެ.
އައްޑޫ ފްލައިން ސުކޫލްގެ މައްސަލަ ބޮޑުވެ އެތަނުގެ އިސް ދެ ވެރިޔަކަށް ފިޔަވަޅު އަޅަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވެސް މީގެ ކުރިން އަންގަވާފައިވެ އެވެ. އަދި ފްލައިން ސުކޫލް އޮޑިޓްކޮށް ސިވިލް އޭވިއޭޝަން އޮތޯރިޓީން މީގެ ކުރިން ފާހަގަ ކޮށްފައިވާ ކަންކަމާއި ގުޅިގެން އެ ސުކޫލްގެ ހެޑް އޮފް ޕައިލެޓް ޓްރެއިނިން ކެޕްޓަން ސުރަންޖަން ޑީ ސިލްވާ އާއި އެކައުންޓެބަލް މެނޭޖަރު އަލީ އަކްބަރު ޖީވަންޖީގެ މައްސަލަ އިތުރަށް ބަލައި ފިޔަވަޅު އަޅަން ވެސް ރައީސް ވަނީ އަންގަވާފަ އެވެ.
ފްލައިން ސުކޫލްގެ މައްސަލަ ދިގުލައިގެން ދިއުމުގައި ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އިހުމާލެއް ވޭތޯ ބެލުމަށް މިނިވަން އޮޑިޓެއް ހަދައި އިހުމާލުވެފައިވާ ނަމަ އިހުމާލުވީ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ވެސް ރައީސް ވަނީ އަންގަވާފަ އެވެ. އަދި ފްލައިން ސުކޫލްގެ މައްސަލަ ބޮޑުވުމުން އެކަން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައާއި ގުޅޭ ކޮމިޓީން ވެސް ވަނީ ބަލާފަ އެވެ.