twitterviber whatsapp telegramfacebookyoutube instagram
19th May 2024

މީޑިއާތައް ރެގިއުލޭޓްކުރުމުގައި ސަރުކާރުން ސީދާކޮށް އަދި ނުސީދާކޮށް ނުފޫޒުފޯރުވުން ހުއްޓާލަން ގޮވާލައިފި

ނަބީލާ އިސްމާޢީލް
Jun 24, 2021

މީޑިއާތައް ރެގިއުލޭޓްކުރުމުގެ މަސައްކަތުގެ ތެރެއަށް ސަރުކާރުން ސީދާކޮށް އަދި ނުސީދާކޮށް ނަމަވެސް، ނުފޫޒު ފޯރުވުން ހުއްޓާލުމަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ގޮވާލައިފި އެވެ.

އެ ޖަމިއްޔާއިން އެފަދައިން ގޮވާލާފައި ވަނީ، 13 އަހަރުގެ ކުއްޖަކު ރަހީނުކޮށް މަރާލި މައްސަލައިގެ ހަބަރުތައް ގެނެސްދިން ގޮތުން ޖެންޑާ މިނިސްޓްރީން އަވަސް އޮންލައިން ޖޫރިމަނާކޮށް، މައާފަށް އެދެން އެންގުމާއި "ވަގުތު"، "ވަން އޮންލައިން" އަދި "އަދަދު" ނޫހަށް އިންޒާރު ދިން މައްސަލައިގައި ނެރުނު ބަޔާނެއްގަ އެވެ.

އެގޮތުން އަވަސް އޮންލައިން ވަނީ 2000 ރުފިޔާއިން ޖޫރިމަނާކޮށް މާއާފަށް އެދެން އަންގާފަ އެވެ. އަދި "ވަގުތު"، "ވަން އޮންލައިން" އަދި "އަދަދު" ނޫހަށް އިންޒާރުކޮށް މިނިސްޓްރީން ވަނީ ނޯޓިސް ފޮނުވައިފަ އެވެ.

އެމްޖޭއޭ އިން ބުނީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުން ބާރު ލިބިގެން ކަމަށް ބުނެ ސީދާ ސަރުކާރުގެ ވުޒާރާއަކުން މީޑިއާތަކުން ރިޕޯޓްކުރާ ކޮންޓެންޓް ރެގިއުލޭޓްކޮށް، މީޑިއާތަކަށް ފިޔަވަޅު އަޅާ އިންޒާރުކޮށް ހެދުމަކީ އެ ޖަމިއްޔާއިން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

ރާއްޖޭގައި މީޑިއާ ރެގިއުލޭޓްކުރާނެ ގޮތާއި، އެކަން ކުރާ މުއައްސަސާތައް ސާފުކޮށް ގާނޫނުގައި ބަޔާންކޮށްފައިވަނިކޮށް، އެފަދަ އެއްވެސް މުއައްއަސަސާއެއްގެ ބައިވެރިވުމެއް އަދި މަޝްވަރާ އެއް ވެސް ނެތި، ސަރުކާރުގެ ފަރާތުން މީޑިއާތަކަށް އިންޒާރު ދީ، ޖޫރިމަނާކުރުމަކީ މިނިވަން ނޫސްވެރިކަމަށް އެޅޭ ހުރަހެއް ކަމުގައި ދެކޭ ކަމަށް ވެސް އެމްޖޭއޭ އިން ބުންޏެވެ.

އެޖަމިއްޔާއިން ނެރުނު ބަޔާނުގައި ބުނީ، އެމައްސަލައިގައި ފިޔަވަޅު އެޅި މީޑިއާތަކުން މައުލޫމާތުދިން ގޮތުގައި ޖެންޑާ މިނިސްޓްރީން ފިޔަވަޅު އެޅުމުގެ ކުރިން ޖަވާބުދާރީވުމުގެ އެއްވެސް ފުރުސަތެއް އަދި އެއްވެސް ޒާތެއްގެ މުއާމަލާތެއް ވެސް މިނިސްޓްރީން އެ މީޑިއާތަކާ އެކު ކޮށްފައި ނުވާކަމަށެވެ.

ގާނޫނުގައި ބަޔާންކުރާ އިޖުރާއަތްތައް ފުރިހަމަ ނުކޮށް އަދި ތަހުގީގެއް ކުރުމަކާ ނުލާ، ޖަވާބުދާރީވުމުގެ ފުރުސަތެއްވެސް ދިނުމެއް ނެތި މީޑިއާތަކާ ދެކޮޅަށް ފިޔަވަޅު އެޅުމަކީ އެ ޖަމިއްޔާއިން ބަލައިގަންނަ މިނިވަން ނޫސްވެރިކަމުގެ އަސާސްތަކާ ކަނޑައެޅިގެން ފުށުއަރާ، އަދި ދުނިޔޭގައި މިފަދަ މައްސަލަތަކުގައި އަމަލުކުރެވޭ "ބެސްޓް ޕްރެކްޓިސް" ގެ އުސޫލުތަކާވެސް ހިލާފުވާ ކަމެއް ކަމުގަޔާއި މިކަމަކީ އެޖަމިއްޔާއިން ކަނޑައެޅިގެން ދެކޮޅު ހަދާ އަމަލުތަކެއް ކަން ފާހަގަކުރާ ކަމެއް ކަމުގަ އެމްޖޭއޭއިން ބުންޏެވެ.

ނޫސްތަކުގައި ޝާއިއުކުރާ ހަބަރާއި، ފޮޓޯ އަދި އެހެނިހެން މައުލޫމާތާ ގުޅޭ އެތިކަލް މައްސަލަތައް ބަލައި ފިޔަވަޅު އަޅަން ޖެހޭނީ ގާނޫނުން ސާފު ސީދާކޮށް އެކަން މަތިކޮށްފައިވާ ނޫސްވެރިކަން ރެގިއުލޭޓްކުރާ އިދާރާތަކުން ކަމަށް އެމްޖޭއޭ އިން ބުންޏެވެ.

އަދި ސަރުކާރާއި ދައުލަތުގެ އެ ނޫން ފަރާތްތަކުން މީޑިއާތަކާ މެދު ފިޔަވަޅު އަޅައި އިންޒާރުދީ ހެދުމަކީ އެއްވެސް ހާލެއްގައި ބަލައިގަންނާނެ ކަމެއް ނޫން ކަމަށް ވެސް އެ ޖަމިއްޔާއިން ބުންޏެވެ.

ސަރުކާރުގެ ސިޔާސީ ނުފޫޒާއެކު އަދި ސަރުކާރުގެ ފަރާތުން މީޑިއާތައް ރެގިއުލޭޓްކުރަން އުޅުމުގެ ހިތި ތަޖުރިބާ މީގެ ކުރިން ރާއްޖޭގެ ނޫސްވެރިން ކޮށްފައިވާކަމަށާއި، އެކަމުގެ ސަބަބުން ނޫސްވެރިކަމުގެ މިނިވަންކަމަށް ނޭދެވޭ އަސަރުކުރާ މިންވަރު ނުހަނު ސާފުކޮށް ފެނިގެން ގޮސްފައިވާކަން އެމްޖޭއޭ އިން ފާހަގަކުރި އެވެ.

މިދަނޑިވަޅުގައި ސަރުކާރުގެ ފަރާތުން މިމައްސަލާގައި އަޅާފައިވާ ފިޔަވަޅުތައް އަނބުރާ ގެންގޮސް، މީޑިއާތައް ރެގިއުލޭޓްކުރުމުގެ މަސައްކަތުގެ ތެރެއަށް ސަރުކާރުން ސީދާކޮށް އަދި ނުސީދާކޮށް ނަމަވެސް، ނުފޫޒު ފޯރުވުން ހުއްޓާލުމަށް އެޖަމިއްޔާއިން ގޮވާލިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355