twitterviber whatsapp telegramfacebookyoutube instagram
6th May 2025

ނަފުރަތުގެ އަމަލުގެ ބިލު އިސްލާހުކުރަން އެޗްއާރްސީއެމް އިން އެދިއްޖެ

ނަބީލާ އިސްމާޢީލް
Jun 25, 2021

ނަފްރަތު އުފެއްދުން ކުށަކަށް ހަދަން ގާނޫނުލް އުގޫބާތަށް އިސްލާހު ގެންނަން ހުށަހަޅާފައިވާ ބިލުން، ހިޔާލުފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަން އަދި މައުލޫމާތު ލިބުމާއި ފެތުރުމުގެ ހައްގު ކަށަވަރުކޮށްދޭ ގޮތަށް އިސްލާހުކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ހުށަހަޅައިފި އެވެ.

އެ ބިލު ދިރާސާކުރަމުން އަންނަނީ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގަ އެވެ. ކޮމިޓީން ނިންމާފައި ވަނީ އިސްލާމިކް މިނިސްޓްރީ އާއި، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުންނާއި އެޗްއާރްސީއެމްގެ ފަރާތުން އެ ބިލަށް ހިޔާލު ހޯދުމަށެވެ.

ހިޔާލު ހުށަހަޅަން ދިން ފުރުސަތުގައި އިސްލާމިކް މިނިސްޓްރީން ވެސް ވަނީ ބިލަށް އިސްލާހުތަކެއް ގެންނަން ހުށަހަޅައިފަ އެވެ. އަދި އެޗްއާރްސީއެމުން ވެސް ވަނީ އިސްލާހުތަކެއް ހުށަހަޅައިފަ އެވެ.

އެޗްއާރްސީއެމުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ ބިލަށް އިސްލާހު ހުށަހެޅުމުގައި، ގާނޫނުއަސާސީ އާއި ގާނޫނުތަކާއި ގަވާއިދުތަކުގެ އިތުރުން، ރާއްޖެ ސޮއިކޮށް ތަސްދީގުކޮށްފައިވާ މުއާހަދާތަކާއި އަދި އެ މުއާހަދާތަކަ ގުޅިގެން ހަދާފައިވާ އ.ދ.ގެ މިންގަނޑުތަކާއި ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކުގެ މިންގަނޑުތަކަށް ރިއާޔަތްކޮށްފައިވާނެ ކަމަށެވެ.

ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމާއި މައުލޫމާތު ލިބުމާއި ފެތުރުމުގެ މިނިވަންކަމާއި އަދި އދގެ މަދަނީ އަދި ސިޔާސީ ހައްގުތަކާ ގުޅޭ ބައިނަލްއަގުވާމީ މުއާހަދާގައި ބަޔާންކޮށްފައިވާ ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހަވާލާދީފައިވާނެ ކަމަށެވެ.

އެ ކޮމިޝަނުން ބުނި ގޮތުގައި ގާނޫނަކުން ނަފްރަތުގެ ކުށުގެ ގޮތުގައި އަމަލުތަކެއް ކަނޑައަޅާއިރު، ގާނޫނުއަސާސީގެ 16 ވަނަ މާއްދާއާ އދ. ގެ މަދަނީ އަދި ސިޔާސީ ހައްގުތަކާ ގުޅޭ ބައިނަލްއަގުވާމީ މުއާހަދާގެ 19 ވަނަ މާއްދާ އަދި 30 ވަނަ މާއްދާގައި ބުނާ ހަމަތަކުގެ މަތިން ގާނޫނު އެކުލަވާލަން ރިއާޔަތްކުރަން ޖެހޭނެ އަސާސްތަކާއި ހަމަތަކަށް ބިނާކުރަން ލަފާދީފައިވާނެ އެވެ.

އެޗްއާރްސީއެމުން ބުނީ މަދަނީ އަދި ސިޔާސީ ހައްގުތަކާ ގުޅޭ މުއާހަދާގައި، ވަކި ގައުމެއްގެ ނުވަތަ ވަކި ނަސްލެއްގެ ނުވަތަ ވަކި ދީނެއްގެ ބަޔަކާ ދެކޮޅަށް ނަފުރަތާއި ފަސާދަ އުފެއްދުމާއި، ނަފުރަތާއި ފަސާދައަށް ބާރުއެޅުމުގެ ސަބަބުން އެ ބަޔަކަށް ކުރިމަތިވާ އަނިޔާވެރިކަމާއި ތަފާތުކުރުންތައް ގާނޫނުން މަނާކުރެވިދާނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.

ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ހުށަހެޅުއްވި ބިލުގެ އެއް ވަނަ ނަމްބަރުގައިވާ ގޮތުން، އެ ބިލް ގާނޫނަކަށް ވުމުން، ވަކި މީހަކީ އިސްލާމްދީނާ ހިލާފަށް އުޅޭ މީހެއް ކަމަށް ނުވަތަ ދީނާ ދެކޮޅު މީހެއް ކަމަށް އާއްމު ތަނެއްގައި ބުނުން ވާނީ ޖަލު ހުކުމެއް އަންނާނެ ކުށަކަށެވެ.

އެ މާއްދާ އެހެން އޮންނާތީ ބައެއް ދީނީ އިލްމުވެރިންނާއި އާއްމުން ވެސް ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެކަމާ ކަންބޮޑުވުން ފާޅުކުރާ ފަރާތްތަކުން ދެކޭ ގޮތުގައި އެއީ ރާއްޖޭގައި ފާޅުގައި އިސްލާމްދީނާ ދެކޮޅަށް ވާހަކަ ދައްކާ މީހުންނަށް ލިބިގެންދާނެ ބޮޑު މިނިވަންކަމަކަށް ވާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355