twitterviber whatsapp telegramfacebookyoutube instagram
3rd May 2024

ނަފުރަތުގެ ބިލުގައި ހުރި ކަންބޮޑުވުންތަކާ ދެކޮޅަށް ކުޅުދުއްފުށީގައި ހިނގާލުމެއް ބާއްވަނީ

އަބްދުލް ވާހިދު ޙަސަން
Jun 30, 2021
4

ގާނޫނުލްއުގޫބާތަށް 124 ވަނަ މާއްދާގެ މާއްދާއެއް އިތުރު ކުރުމަށް ސަރުކާރުގެ ފަރާތުން، ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ހުށަހެޅުއްވި ނަފުރަތުގެ ބިލުގައި ހުރި ކަންބޮޑުވުންތަކާ ދެކޮޅަށް މިއަދު ކުޅުދުއްފުށި ސިޓީގައި ހިނގާލުމެއް ބާއްވަން ނިންމައިފި އެވެ. މި ހަރަކާތް ފެށޭނީ މިއަދު ހަވީރު 4:15 ގައި ބަންޑާރަ މައިދާނުންނެވެ.

މިކަން އިންތިޒާމުކުރުމުގައި އިސްކޮޅު އުޅުއްވާ ފަރާތެއްކަމަށްވާ ހުސެއިން އަލީ ކޭއޯއަށް މައުލޫމާތު ދެމުން ބުނީ، މިއީ ނަފުރަތުގެ ބިލުގައި ހުރި ކަންބޮޑުވުންތަކާ ދެކޮޅަށް ރައްޔިތުން ޝުއޫރު ފާޅުކުރުމަށް ބާއްވާ ހަރަކާތެއްކަމަށެވެ. ބަންޑާރަ މައިދާނުން ފެށުމަށް ހަމަޖެހިފައިވާ މި ހަރަކާތް ކުރިއަށްގެންދާނީ ހިނގާލުމެއްގެ ގޮތުގައި ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މި ބިލު އަނބުރާ ނެގުމަށް ބާރު އެޅުމުގެ ގޮތުން، ކުޅުދުއްފުށިން 672 މީހަކު ސޮއިކޮށް، ރައީސުލް ޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސޯލިހަށާއި ރައްޔިތުން މަޖިލީހަށް އަދި ކުޅުދުއްފުށީ ސިޓީ ކައުންސިލަށް ވަނީ ޕެޓިޝަނެއްވެސް ހުށަހަޅާފަ އެވެ.

ނަފްރަތުގެ ބިލު އަނބުރާ ނެގުމަށް ގޮވާލައި 101 އިލްވެރިވެރިޔަކުވެސް ވަނީ ޕެޓިޝަނެއްގައި ސޮއިކޮށް، ރައީސަށް ހުށަހަޅާފަ އެވެ. އެ ބިލު އަނބުރާ ނެގުމަށް ގޮވާލާ އިލްމުވެރިންގެ ފަރާތުން ހުށަހެޅި ޕެޓިޝަނުގައި ވަނީ އުންމަތް ހަމަ މަގަށް އަޅުވައި، ހެޔޮކަންތައް އާންމުކޮށް ނުވއިކަންތައް މުޖުތަމައުން ނައްތާލުމަކީ އެ ބަޔެއްގެ އިސްވެރިޔަކަށް ހުންނަ މީހާގެ ޒިންމާއެއް ކަމަށެވެ.

އަދި ނަފުރަތުގެ ބިލުގައި ހިމެނިފައިވާ އަސާސީ ކަންކަމަކީ އެކަންކަމަށް އިސްލާހުތަކެއް ގެނެސްގެން ވިޔަސް، އިސްލާމީ މުޖުތަމައަކުން އެއްވެސް ހާލެއްގައި އަދި އެއްވެސް މިންވަރަކަށް މަސްލަހަތު ހިމެނޭ ކަމެއް ނޫން ކަމަށްވެސް ޕެޓިޝަނުގައި ބުނެފައި ވެއެވެ.

އަދި ނަފުރަތުގެ ބިލުގެ ސަބަބުން މުޖުތަމައުގައި އިސްލާމްދީނާ ދެކޮޅަށް ހިންގާ ބޮޑެތި މުންކަރާތްތަކާ ގުޅިގެން އެކަންކަމަކީ ނުރަނގަޅު، ގޯސް ކަންތައްކަމާއި އެކަންކަމުގެ ތެރެއަށް ނުވަދުމަށް އާންމުން ހޭލުންތެރިކުރުމަށް އިލްމުވެރިން ކުރާ މަސައްކަތަށް ހުރަސް އެޅޭނެ ކަމަށްވެސް އެ ޕެޓިޝަނުގައި ބުނެފައި ވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355