ޑަބްލިއު ސްޕޯޓްސް އެކަޑަމީން އިންތިޒާމްކޮށްގެން ބާއްވާ އިންޓަރ އޮފީސް ހޭންޑްބޯޅަ މުބާރާތް މާދަމާ ކުޅުދުއްފުށީގައި ފަށަން ތާވަލުކޮށްފި އެވެ.
މުބާރާތް ފުރަތަމަ ފަށަން ތާވަލުކޮށްފައި އޮތީ މިމަހުގެ 11 ވަނަ ދުވަހުއެވެ. ނަމަވެސް ކުޅުދުއްފުށި ސިޓީ މޮނީޓަރިންއަށްލުމާ ގުޅިގެން މުބާރާތް ފަސްކުރެވުނެވެ. ނަމަވެސް މޮނީޓަރިންއިން ނެގުމުން އަނެއްކާވެސް މުބާރާތް ފަށަން މިވަނީ ތާވަލުކޮށްފަ އެވެ.
މިމުބާރާތްކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޖުލައި 1 ން 7 ގެ ނިޔަލަށެވެ. މުބާރާތުގެ މެއިން ސްޕޮންސަރުންނަކީ މަންނަމް އެވެ. މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދެބަޔަކަށް ބަހައިލައިގެނެވެ. އެއީ ފިރިހެނުންގެ ބަޔާއި އަންހެނުންގެ ބަޔެވެ. މިމުބާރާތުގައި މިފަހަރު ބައިވެރިވެފައިވަނީ ފިރިހެން ހަތަރު ޓީމަކުންނެވެ. އެއީ ކުލަބް ކޭއާރްއެޗާއި ދިރާގާއި ކަސްޓަމްސް އަދި ޕޮލިހެވެ. އަދި އަންހެން 7 ޓީމެއް މިފަހަރުގެ މުބާރާތުގައި ވާދަކުރެ އެވެ. އެއީ ޕުރޯ މިކްސްއާއި ސިލްވަރ ސޭންޑާއި ކުލަބް ކޭއާރްއެޗާއި އަފީފުއްދީނުގެ އިތުރުން ކުލަބް ނިކައާއި ސްޓާ އަދި ފައިވް އެވެ.
މުބާރާތުގައި ތިން ގުރޫޕެއް ހިމެނޭއިރު ފިރިހެން އޮތީ އެންމެ ގުރޫޕެކެވެ. މިގުރޫޕްގައި ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ކުޅެ ގުރޫޕްގެ އެއްވަނައަށްދާ ޓީމު ސީދާ ފައިނަލަށް ދަތުރުކުރާނެ އެވެ. ދެވަނައާއި ތިންވަނަ ޓީމުގެ މެދުގައި ސެމީ ފައިނަލްގެ މެޗެއް ކުޅެވޭނެ އެވެ. މިމެޗުން މޮޅުވާ ބަޔަކު ފައިނަލަށް ދަތުރުކުރާނެ އެވެ.
އަންހެން ޓީމުތައްވަނީ ދެ ގުރޫޕަކަށް ބަހާލާފަ އެވެ. އެއީ ގުރޫޕް އެކްސްއާއި ގުރޫޕް ވައި އެވެ. ގުރޫޕް އެކްސްގައި ހިމެނޭ ޓީމުތަކަކީ ޕުރޯ މިކްސްއާއި ސިލްވަރ ސޭންޑްގެ އިތުރުން އަފީފުއްދީނާއި ކުލަބް ކޭއާރްއެޗެވެ. ގުރޫޕް ވައިގައި ހިމެނޭ ޓީމުތަކަކީ ނިކައާއި ސްޓާ އަދި ފައިވް އެވެ. އަންހެނުން ބައިގައި ކޮންމެ ގުރޫޕަކުން އެއްވަނަ އަދި ދެވަނަ ޓީމު ސެމީ ފައިނަލަށް ދަތުރުކުރާނެއެވެ. އަދި ސެމީ ފައިނަލުގައި ގުރޫޕް އެކްސްގެ އެއްވަނަ ޓީމު ބައްދަލުކުރާނީ ގުރޫޕް ވައިގެ ދެވަނަ ޓީމާ އެވެ. ގުރޫޕް ވައިގެ އެއްވަނަ ޓީމު ބައްދަލުކުރާނީ ގުރޫޕް އެކްސްގެ ދެވަނަ ޓީމާ އެވެ. އަދި މިތަނުން މޮޅުވާ ދެޓީމު ފައިނަލަށް ދަތުރުކުރާނެ އެވެ.
މުބާރާތުގެ ފައިނަލް ކުޅުމަށް ހަމަޖެހިފައިވަނީ ޖުލައި މަހުގެ 7 ވަނަ ދުވަހު އެވެ.