އެވިޑް ސްކޫލް އޮފް އޭވިއޭޝަންސްގެ ޑީންގެ މަގާމު އުފައްދައި އެ މަގާމަށް މިއަދު ބޭފުޅަކު އައްޔަންކުރައްވައިފި އެވެ.
އެ މަގާމަށް އައްޔަންކުރެއްވީ ގދ. ތިނަދޫ ފުސްތޮޅާގެ, މުހައްމަދު ޝަރީފެވެ. އެވިޑް ކޮލެޖްގެ ޑައިމަންޑް ކެމްޕަސްގައި މިއަދު ބޭއްވި ރަސްމިއްޔާތެއް ގައި، އެ މަޤާމަށް އައްޔަންކުރެވުނު ޝަރީފްއަށް މަގާމުގެ ލިޔުން ހަވާލުކުރެއްވީ އެވިޑް ކޮލެޖްގެ ޗެއާމަން އަބްދުﷲ މުސްތާގު ރަޝާދުއެވެ.
މި ރަސްމިއްޔާތު ގައި އެވިޑް ކޮލެޖްގެ ސީނިއާ މަގާމު ތަކުގައި ތިއްބެވި ބޭފުޅުން ވެސް ބައިވެރި ވެފައި ވެއެވެ.
ޝަރީފް ވަނީ ކާޑެއްދޫ އެއާޕޯޓްގެ ޑިރެކްޓަރު ކަމާއި ކޮންރެޑް މޯލްޑިވްސް ރަންގަލި އައިލެންޑްގެ ސޭފްޓީ އެންޑް ސެކިއުރިޓީ މެނޭޖަރު ކަމާއި ވެލާ ޕްރައިވެޓް އައިލެންޑްގެ ސޭފްޓީ އެންޑް ސެކިއުރިޓީ ސްޕަވައިޒަރުގެ މަގާމު އަދާކުރައްވައިފަ އެވެ. އަދި ފުލުސް އޮފީހުގެ ޗީފް ސްޓޭޝަން އިންސްޕެކްޓަރުގެ މަގާމާއި ބައެއް ސްކޫލުތަކުގެ ހެޑްމާސްޓަރުގެ މަގާމުގެ އިތުރުން ގަލަޑޯނިއާ އާއި ބަތޯލްޑް އެންޑް އެސޯސިއޭޓްގެ ޕްރޮޖެކްޓް ކޯޑިނޭޓަރެއްގެ ގޮތުގައި ވެސް ޝަރީފް މަސައްކަތެއް ކުރެއްވި އެވެ.
މީގެ އިތުރުން ބައެއް އަމިއްލަ ކުންފުނިތަކުގައިވެސް އޭނާ މަސައްކަތްކުރައްވާފައިވެއެވެ.
އޮސްޓްރޭލިއާގެ ލާ ޓްރޯބް ޔުނިވާސިޓީން ބެޗްލާސް އޮފް ބިޒްނަސް އަދި ގްރެޖުއޭޓް ޑިޕްލޮމާ އިން ސެކެންޑްރީ އެޑިއުކޭޝަނާއި އޮސްޓްރޭލިއަން އިންސްޓިޓިއުޓް އޮފް ބިޒްނަސް އިން މާސްޓާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން އޭނާ ހާސިލުކުރެއްވި އެވެ.
އެވިޑް ސްކޫލް އޮފް އޭވިއޭޝަނަކީ އައްޑޫގައި ހިންގަމުން އައި ފްލައިންގް ސްކޫލް ކަމުގައިވާ އޭޝިއަން އެކެޑެމީ އޮފް އެރެނޯޓިކްސް (އޭއޭއޭ)ގެ މިލްކިއްޔާތުގައިވާ ހުރިހާ މުދަލެއް އެވިޑް ކޮލެޖުން ގަނެ, އުފެއްދި ފްލައިންގް ސްކޫލެކެވެ.