twitterviber whatsapp telegramfacebookyoutube instagram
18th July 2025

މަރުގެ ދިޔަ އަކީ އެއް މިލިއަން ރުފިޔާ ކަމަށް ކަނޑައަޅައިފި

ނަބީލާ އިސްމާޢީލް
Jul 2, 2021

ރާއްޖޭގައި މަރުގެ މައްސަލަތަކުގައި އިސްލާމީ ޝަރީއަތުން ކަނޑައަޅާފައިވާ މަރުގެ ދިޔައިގެ ގޮތުގައި ނަގަން ހުކުމް ކުރެވޭނީ އެންމެ މަދުވެގެން އެއް މިލިއަން ރުފިޔާކަމަށް މިއަދު ކަނޑައަޅައިފިއެވެ.

ސުޕްރީމް ކޯޓުން މިއަދު އާންމުކުރި އެ އިސްލާހުގައި ބުނެފައި ވަނީ މަރަށް މަރު ހިފުމަށް ޝަރީއަތުން ކަނޑަނާޅާ ހާލަތެއްގައި ވާރިސުންނަށް ދިޔައިން ހައްގުވާ މިންވަރު ލިބިދިނުމަށް ޝަރީއަތުން ކަނޑައަޅަން ވާނެ ކަމަށެވެ. އެ ފައިސާ ވާރިސުންނަށް ދިނުމަށް ވަކި މުއްދަތެއްގެ ތެރޭގައި ސިވިލް ކޯޓަށް ހުށަހަޅަން ކުށްވެރިޔާއަށް ޝަރީއަތުން އަންގަން ވާނެ ކަމަށް ވެސް އުސޫލުގައިވެއެވެ.

މިހާތަނަށް ރާއްޖޭގައި މަރުގެ ދިޔައިގެ ގޮތުގައި ނަގައިދެނީ 100،000 ރުފިޔާ އެވެ.

އިސްލާމީ ޝަރީއަތުގައި ކަނޑައަޅާފައިވާ މަރުގެ ދިޔައަކީ މަރުގެ މައްސަލަތަކުގައި ގާތިލުގެ އަތުން މަރުވި މީހާގެ އާއިލާއަށް އަދާކުރަންޖެހޭ ފައިސާއެވެ. ކޮންމެ ކަހަލަ މަރުގެ މައްސަލައެއްގައިވެސް ގަތުލުވި މީހާގެ އާއިލާއަށް، އެ މަރު ސާބިތުވެއްޖެނަމަ، މަރުގެ ދިޔައަށް އެދެވިދާނެއެވެ.

މަރުގެ މައްސަލަތަކުގައި ކޯޓުން އަމަލުކުރަންޖެހޭ ގޮތުގެ އިތުރުން މިއަދު ނެރުނު އެ އުސޫލުގައި ވަނީ ޒިނޭގެ ކުށް ސާބިތުވުމުން 100 އެތިފަހަރުން ހައްދުޖަހައި ގޭ ބަންދު ކުރުން ފަދަ އަދަބުތައްވެސް ހިމަނާފައެވެ.

މި އުސޫލުގެ ބޭނުމަކީ ރާއްޖޭގެ ކޯޓުތަކުން އަދަބުގެ މިންވަރަށް ވާސިލުވުމަށް ގެންގުޅޭ އުސޫލުތައް އެއްގޮތްކޮށް، މަރުގެ އަދަބާއި ކައްފާރާގެ އަދަބާއި، މަރުގެ ދިޔަ ކަނޑައަޅާއިރު ރިއާޔަތްކުރާނެ އުސޫލުތައް ކަނޑައެޅުމެވެ.

މި އުސޫލު މަދުވެގެން ދެ އަހަރުން މުރާޖާ ކުރަން ޖެހޭ ކަމަށް ވެސް އެ އުސޫލުގައި ބުނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355