ކުޅުދުއްފުއްޓަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ލިބޭނީ ގެދޮރުވެރިކަމުގެ އާ މަޝްރޫއުއަކުން ކަމަށާއި އެހެންވުމުން ބޯހިޔާވަހިކަމުގެ އާ ޕްރޮޖެކްޓެއް ކުޅުދުއްފުށީގައި ފައްޓަވައިދެއްވަމުން ރައީސުލް ޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސޯލިހްގެ އަރިހުން، ކުޅުދުއްފުށި ސިޓީ މޭޔަރު މުހައްމަދު އާތިފު އެދިވަޑައިގަންނަވައިފި އެވެ.
މޭޔަރު މިކަމަށް އެދިވަޑައިގެންނެވީ، ބުރާސްފަތި ދުވަހު ރައީސް އިބުރާހިމް މުހައްމަދު ސޯލިހާއެކު ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ. އެންމެ ފުރަތަމަވެސް މޭޔަރު އެދިވަޑައިގެންނެވީ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށް އަންނަ އަހަރު ބަޖެޓްގައި އެކަށީގެންވާ އަދަދެއްގެ ހައުންސިންގ ޔުނިޓް/ފްލެޓްތަކެއް ހިމެނޭ ގޮތަށް މަޝްރޫއުއެއް ކުޅުދުއްފުށީގައި ފަށައިދިނުމަށެވެ.
އާތިފް ވިދާޅުވީ، 582 ގޯތި އިމާރާތް ނުކުރެވި ހުރިއިރު ސަރުކާރުން އިއުލާނުކޮށްފައިވާ ގެދޮރުވެރިކަމުގެ ލޯނުން އެކަމަށް ކޮންމެވެސް ވަރެއްގައި ހައްލެއް ލިބިގެންދާނެކަމަށެވެ. އެހެންނަމަވެސް ބޯހިޔާވަހިކަމުގެ މައްސަލައަށް މުޅިން ހައްލު ލިބިގެންދާނީ ހައުންސިންގ އާ ޕްރޮޖެކްޓެއް މި ސިޓީގައި ހިންގިގެން ކަމަށެވެ.
ބިން ނުލިބި ބޯހިޔާވަހިކަމަށް ބޭނުންވެފައިވާ 1200 އަށްވުރެގިނަ އާއިލާ މި ވަގުތުވެސް ކުޅުދުއްފުށީގައި ތިބިއިރު، އެ އާއިލާތަކަށް ހައްލު ހޯދައިދިނުމަށް އަންނަ އަހަރު ކުޅުދުއްފުށީގައި ހައުސިންގ ޕްރޮޖެކްޓެއް ފައްޓަވައިދެއްވުމަށް ރައީސް ސޯލިހްގެ އަރިހުން މޭޔަރު އެދިވަޑައިގެންނެވި އެވެ.
ކޭއޯއަށް މޭޔަރު ވިދާޅުވީ، ރައީސް ފަރާތުން އެދެވޭ ޖަވާބުތަކެއް ލިބިފައިވާ ކަމަށެވެ. އެގޮތުން ރައީސް ވިދާޅުވީ އަންނަ އަހަރު ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގުމަށް ސަރުކާރުން ހަމަޖެހިފައިވާ 1.5 ބިލިއަން ރުފިޔާ ބަޖެޓްގެ ތެރެއިން ކުޅުދުއްފުއްޓަށް ރަނގަޅު އަދަދެއް ހަމަޖައްސަން މަސައްކަތްކުރާނެ ކަމަށެވެ.
މީގެ އިތުރުންވެސް ކުޅުދުއްފުއްޓަށް މިވަގުތަށް ކުރިމަތިވެފައިހުރި ބޮޑެތި މައްސަލަތަކަށް ހައްލު ހޯދައިދިނުމަށް ރައީސްގެ އަރިހުން ވަނީ އެދިވަޑައިގަންނަވާފަ އެވެ. އެގޮތުން ސިޓީ ކައުންސިލަކުން ދޭން ލާޒިމް ކުރާ ރަށްވެހި ކަމުގެ ހިދުމަތްތައް ފޯރުކޮށްދިނުމުގައި އެންމެ ބޮޑު ގޮންޖެހުމަކީ އެހެން ސިޓީ ތަކާ އަޅާ ބަލާއިރު ކުޅުދުއްފުށި ސިޓީ ކައުންސިލްގެ މުވައްޒަފުންގެ އަދަދު އެތައް ގުނައަކުން މަދުވެފައި މުހިންމު ބައެއް މަގާމުތައް ހުސްކޮށް ހުރުން ކަމަށްވާތީ އެ މަގާމުތަކަށް މުވައްޒަފުން ނެގުމަށް ފިނޭންސް މިނިސްޓްރީގެ އެޕްރޫވަލް ހަމަޖައްސައި ދިނުމަށްވެސް އެދިފައިވެ އެވެ.