ރާއްޖޭގައި ބޮޑެތި ޕްރޮޖެކްޓްތައް ހިންގާ ކުންފުނިތަކުން ކުރިއަށް ގެންދާ މަޝްރޫއުތަކާ ގުޅުވައިގެން ޓެކްސް މާފުކޮށްދިނުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދޭ މާއްދާއެއް ހިމެނޭ ގޮތަށް، އިންކަމް ޓެކްސްގެ ގާނޫނަށް ބަދަލު ގެންނަން ސަރުކާރުން ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.
ސަރުކާރުގެ ފަރާތުން ގައްދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު ޒާހިރު ހުށަހެޅުއްވި ބިލު ރައްޔިތުންގެ މަޖިލީހުގެ އިގުތިސާދީ ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓް މުޅި މަޖިލީހުގެ ކޮމިޓީން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 28 މެމްބަރުންގެ ތެރެއިން 27 ބޭފުޅެއްގެ ވޯޓުންނެވެ.
އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނަށް ބަދަލު ގެންނަން ހުށަހެޅި ބިލުގައި އޮތީ، އެ ގާނޫނުގެ (12) ވަނަ މާއްދާގައި ބުނާ އިސްތިސްނާތަކުގެ އިތުރުން ހާއްސަ އިސްތިސްނާއެއް ދިނުމުގެ ބާރު ރައީސަށް ދިނުމަށެވެ. އެ ބާރު ރައީސަށް ދިނުމަށްޓަކައި (12) ވަނަ މާއްދާގެ ފަހަތަށް އަކުރެއް އިތުރު ކުރަން ބިލުގައި ހިމަނާފައިވެ އެވެ.
އެގޮތުން އިތުރުކުރާ އަކުރަކީ އެ ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީ ނަމަވެސް އިތުރުކުރާ މާއްދާގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި، ވަކި ވިޔަފާރި މަޝްރޫއުތަކަކުން ނުވަތަ ދާއިރާތަކަކުން ލިބޭ އާމްދަނީން ޓެކްސް ނެގުން އިސްތިސްނާ ކުރުމުގެ އިހުތިޔާރު ރައީސަށް ދިނުމެވެ.
އިގްތިސާދީ ކޮމިޓީން ބިލު ދިރާސާކުރިއިރު، ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރާއި ޓެކްސް އިދާރާ މީރާގެ ވެރިންނާއި ކޮމިޓީން ސުވާލުކޮށް މަޝްވަރާ ކުރި އެވެ. އެގޮތުން ފިނޭންސް މިނިސްޓަރާ އެންމެ ގިނަ މެމްބަރުން ސުވާލު ކުރެއްވީ ވެސް ޓެކްސް މާފުކޮށްދިނުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ދޭ މާއްދާއާ ގުޅޭ ގޮތުންނެވެ. ޖަވާބުގައި މިނިސްޓަރު އަމީރު ވިދާޅުވީ އެއީ ބޮޑެތި އިންފްރާސްޓްރަކްޗާ މަޝްރޫއުތަކަށް ފުރުސަތު ދޭން ހިމަނާފައިވާ މާއްދާއެއް ކަމަށެވެ.
އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނަށް ބަދަލުގެންނަން ސަރުކާރުން ހުށަހެޅި ބިލަށް އިގްތިސާދީ ކޮމިޓީން އިސްލާހުތަކެއް ހުށަހެޅި އެވެ. އޭގެ ތެރޭގައި އެ ގާނޫނުން އިސްތިސްނާ ވާނެ އާމްދަނީގެ ތެރެއަށް، މަޖިލީހުގެ މެމްބަރުންނަށް މަޖިލީހުން ލިބޭ އާމްދަނީ އިތުރުކުރުން ހިމެނެ އެވެ.
ބިލުގައި ސަރުކާރުން ހުށަހަޅާފައި އޮތީ ރައީސާއި ނައިބު ރައީސަށް މުސާރަ އާއި އިނާތްތަކުގެ ގޮތުގައި ލިބޭ އާމްދަނީ އިސްތިސްނާ ކުރުމަށެވެ. އެއާއެކު، އިގްތިސާދީ ކޮމިޓީން ނިންމީ ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒްތަކާއި ބާރުތަކުގެ ގާނޫނުގެ ދަށުން މެމްބަރުންނަށް ލިބޭ އާމްދަނީ ވެސް އެ އިސްތިސްނާގައި ހިމެނުމަށެވެ.