ހއ. އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު) އިން ކުޑަކުދިންނަށް ނަމާދުކުރަން ދަސްކޮށްދޭ ޕްރޮގުރާމެއް ފަށައިފި އެވެ.
ކޭއޯއަށް މައުލޫމާތު ދެއްވަމުން އިމަގުގެ ރައީސް މޫސާ އަލީ ވިދާޅުވީ މި ޕްރޮގުރާމަކީ ތުއްތު ކުދިންނަށް ނަމާދު ކުރަން ދަސްކޮށްދިނުމުގެ މަގުސަދުގައި ކުރިއަށްގެންދާ ޕްރޮގުރާމެއް ކަމަށެވެ. މި ޕްރޮގުރާމުގައި ދުއިސައްތައަށްވުރެ ގިނަ ކުދިން ބައިވެރިވެފައިވާކަމަށްވެސް އެ ފަރާތުން ފާހަގަ ކުރި އެވެ.
އުމުރުން 4 އަހަރުން ފެށިގެން މަތީގެ 2 ޖިންސައްވެސް ބައިވެރިވެވޭ ގޮތަށް ހުޅުވާލައިގެން ކުރިއަށްގެންދާ މި ޕްރޮގުރާމުގައި ކިޔަވައިދެއްވަނީ އައްޝައިޙް އަބުދުލް ޤާދިރު މުހައްމަދެވެ.
ހަތަރު ދުވަހަށް އަމާޒުކޮށްގެން ކުރިއަށްދާ މި ޕްރޮގުރާމު ނިންމުމަށް ހަމަޖެހިފައިވަނީ މާދަމާ އެވެ. ޕްރޮގުރާމް ނިމޭއިރު ހުރިހާ ކުދިންނަށް ކަހަލަ ގޮތަކަށް ވުލުޟޫ ކުރާށާއި ނަމާދު ކުރަން އެނގިގެން ދާނެ ކަމަށް އެ މޫސަ ބުންޏެވެ.
މި ޕްރޮގްރާމް އިހަވަންދޫ މަސްޖިދުލް ތައުބާ މިސްކިތުގައި ކުރިއަށް ގެންދާއިރު، މި ޕްރޮގުރާމުގައި ނަމާދުގެ ހަރަކާތްތަކުގެ އިތުރުން ނަމާދުގައި ކިޔާތަކެތިވެސް ދަސްކޮށްދޭނެ އެވެ. މި ޕްރޮގުރާމް ކުރިއަށް ގެންދަނީ އެކި ގަޑިތަކަށް ބަހާލައިގެނެވެ.
މި ޕްރޮގުރާމުގައި ތުއްތު ކުދިންނަށް މިސްކިތުގެ އަދަބުތަކާއި ނަމާދުގެ މުހިންމު ކަމަށް ވަރަށްބޮޑަށް އަލި އަޅުވާލައިގެން ކުރިއަށްގެންދިޔަ ކަމަށް އޭނާ ބުންޏެވެ.
މި ޕްރޮގުރާމަށް ލިބުނު ބޮޑު ތަރުހީބަށް ބަލާ ކޮންމެ ބަންދަކާއި ދިމާކޮށް މި ޕްރޮގުރާމް ބާއްވަން ވަނީ އެ ޖަމިއްޔާއިން ނިންމާފަ އެވެ.