twitterviber whatsapp telegramfacebookyoutube instagram
28th March 2024

ގާނޫނީ ކޮލަމް: އިންތިޤާލީ އިންޞާފަށް އެދި މިހާރު ހުށަހެޅިދާނެ!

Jul 8, 2021

ތިމާއަށް ލިބެންޖެހޭ ޙައްޤެއް ނުލިބި، އެމައްސަލަ ކަމާބެހޭ ފަރާތްތަކަށް ހުށަނޭޅި ގިނަދުވަސްވުމަކީ، އެޙައްޤެއް ހޯދުމަށް ބައެއްފަހަރު ހުރަސްއެޅޭ ސަބަބެކެވެ. އެގޮތުން، ބައެއް ބާވަތުގެ މައްސަލަތަކަކީ، ހާދިސާ ހިނގާފަހުން ގިނަދުވަސްވުމުގެ ސަބަބުން ޝަރީޢަތަށް ހުށަހެޅުމަށް ހުރަހަކަށްވެސް ވެދާނެ މައްސަލަތަކެކެވެ. މިގޮތުން ކުރިން ހިނގާފައިވާ މިފަދަ މައްސަލަތަކުގެ ތެރެއިން، އަސާސީ ޙައްޤުތަކާ މިނިވަންކަން ނިގުޅައިގެންފައިވާ މައްސަލަތައް ބަލައި، އިންޞާފު ހޯދުމަށް އިންތިޤާލީ އިންޞާފުގެ އޮންބަޑްސްޕަރސަންގެ އޮފީހަށް ހުށަހެޅިދާނެއެވެ.

އިންތިޤާލީ އިންޞާފުގެ އޮންބަޑްސްޕަރސަން އޮފީސް

އިންތިޤާލީ އިންޞާފުގެ އޮންބަޑްސްޕަރސަން އޮފީހަކީ، ދައުލަތުގެ އިދާރާއަކުން ނުވަތަ ދައުލަތުގެ އިދާރާއެއްގެ އިސްވެރިޔަކު ނިޒާމީ ސިފައެއްގައި ރާވައިގެން ހިންގާފައިވާ އިންސާނީ ޙައްޤުތަކާ މިނިވަންކަން ނިގުޅައިގެންފައިވާ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ލިބިގެންވާ އޮފީހެކެވެ. އެފަދަ މައްސަލަތައް ބަލައި، ތަޙްޤީޤުކުރުމުގެ ބާރު އެއޮފީހަށް ލިބިގެންވެއެވެ. އަދި އެއޮފީހަކީ، އަމިއްލަ ނަމުގައި ދަޢުވާކުރުމާއި ދަޢުވާ ލިބިގަތުމުގެ ބާރު އޮންނަ، މިނިވަން މުސްތަޤިއްލު ޤާނޫނީ ޝަޚްޞެކެވެ. މި އޮފީހުގެ ދައުރަކީ 2 އަހަރުދުވަހެވެ.

އިންތިޤާލީ އިންޞާފުގެ އޮންބަޑްސްޕަރސަން އޮފީހުގެ އިޚްތިޞާޞް އަދި އެއޮފީހުން ބެލޭނެ މައްސަލަތައް

ދައުލަތުގެ އިދާރާއަކުން ނުވަތަ ދައުލަތުގެ އިދާރާއެއްގެ އިސްވެރިޔަކު ނިޒާމީ ސިފައެއްގައި ރާވައިގެން ހިންގާފައިވާ ޢަމަލެއްގެ ސަބަބުން ނުވަތަ އެފަދަ ޢަމަލެއްގެ ނަތީޖާއެއްގެ ސަބަބުން، އިންސާނީ ޙައްޤުތަކާ މިނިވަންކަމާ ބެހޭ ޚިލާފަށް ހިންގާފައިވާ މައްސަލަތަކުގެ ތެރެއިން، 1 ޖެނުއަރީ 1953 އިން ފެށިގެން 17 ނޮވެމްބަރ 2018 އާއި ދެމެދު ހިނގާފައިވާ މައްސަލަތަކުގެ ތެރެއިން ބެލުމުގެ އިޚްތިޞާޞް އެއޮފީހަށް ލިބިގެންވެއެވެ. އިންތިޤާލީ އިންޞާފުގެ އޮފީހަށް ހުށަހެޅޭ މައްސަލައަކީ، ނިޒާމީ ސިފައެއްގައި ރާވައިގެން ހިންގާފައިވާ މައްސަލައެއްކަން ނުވަތަ ނޫންކަން ކަނޑައެޅުމުގައި ބަލާނީ، އެމައްސަލައެއް ދިމާވެފައިވަނީ ދައުލަތުގެ މުއައްސަސާއެއް ހިންގުމަށް ޤާނޫނާއި ޤަވައިދުތަކުން ލާޒިމުކުރާ އުޞޫލުތަކާ އިޖުރާއަތުތަކާ ޚިލާފަށް ކޮށްފައިވާ ކަމެއްތޯ ނުވަތަ ނޫންތޯއެވެ. އަދި މިފަދައިން ޢަމަލުކުރުމުގެ ސަބަބުން އެއްވެސް ފަރާތެއްގެ ނުވަތަ ބައެއްގެ އިންސާނީ ޙައްޤެއް ނުވަތަ މިނިވަންކަމެއް ނިގުޅައިގެންފައިވާނަމަ، އެމައްސަލައެއް ބެލުމުގެ އިޚްތިޞާޞް އެއޮފީހަށް ލިބިގެންވެއެވެ. އިންތިޤާލީ އިންޞާފުގެ އޮންބަޑްސްޕަރސަން އޮފީހަށް ހުށަހެޅޭނެ މައްސަލަތަކުގެ ތެރޭގައި، އަންނަނިވި ބާވަތުގެ މައްސަލަތައް ހިމެނެއެވެ.

1. ވަޒީފާއާއި ބެހޭ ކަންކަމުގައި ޤާނޫނާ ޚިލާފަށް ޢަމަލުކޮށްފައިވާ މައްސަލަތައް (މިސާލަކަށް، ޤާނޫނާއި ޚިލާފަށް ވަޒީފާއިން ވަކިކުރުން)؛
ޤާނޫނާއި ޚިލާފަށް ހައްޔަރުކުރުން؛
2. ކުށެއްގެ ތުހުމަތުގައި ތަޙްޤީޤުގައި ބަންދުގައި ބަހައްޓަފައި ހުންނައިރު، މުއްދަތަޙަމަށް ލިބިދިނުމަށް ޤާނޫނު ލާޒިމުކުރާ ހައްޤެއް ނުލިބިވާ މައްސަލަތައް (މިސާލަކަށް، ބޭސްފަރުވާ ނުލިބުން ނުވަތަ އަނިޔާކޮށްފައިވުން)؛
3. ޝަރީޢަތުގެ މަރުޙަލާގައި، ދަޢުވާކުރާ ފަރާތަށް ނުވަތަ ދަޢުވާލިބޭ ފަރާތަށް ލިބިދިނުމަށް ޤާނޫނު ލާޒިމުކުރާ ޙައްޤެއް ނުލިބިވާ މައްސަލަތައް (މިސާލަކަށް، ވަކީލެއް އައްޔަނުކުރުމުގެ ޙައްޤު ނުލިބުން)؛
4. މީހެއްގެ މައްޗަށް ދަޢުވާ އުފުލުމުގައި ޤާނޫނީގޮތުން ރިޢާޔަތްކުރަންޖެހޭ ކަންކަމަށް ރިޢާޔަތްނުކޮށް ދަޢުވާއުފުލުމުގެ ސަބަބުން، ޙައްޤެއް ގެއްލުން؛
5. ތަޢުލީމު ހޯދާ ލިބިގަތުމުގެ ޙައްޤެއް ނިގުޅައިގެންފައިވާ މައްސަލަތައް؛
6. އަދި ބޯހިޔާވަހިކަން ދިނުމުގައި ނުވަތަ ގޯއްޗާއި ގުޅޭ އެހެންވެސް ކަމެއްގައި ޤާނޫނާ ޚިލާފަށް ޢަމަލުކުރުމުގެ ސަބަބުން، ބޯހިޔާވަހިކަމުގެ ޙައްޤު ގެއްލިފައިވުން؛
7. ރަށްރަށުން މީހުން ބަދަލުކުރުމުގައި ޤާނޫނާ ޚިލާފަށް ޢަމަލުކޮށްފައިވުން؛
8. ޢާންމުންގެ މުދަލަށް ގެއްލުންދިނުން؛ އަދި
10. މިނޫނަސް، ދިވެހިރާއްޖޭގެ ޤާނޫނޫއަސާސީގެ 2 ވަނަ ބާބުން ކޮންމެ ދިވެހިރައްޔިތަކަށް ކަށަވަރުކޮށްދޭ އަސާސީ ޙައްޤެއް ނުވަތަ މިނިވަންކަމެއް ނިގުޅައިގެންފައިވާ މައްސަލަތައް.

އިންތިޤާލީ އިންޞާފުގެ އޮންބަޑްސްޕަރސަން އޮފީހުން ނުބެލޭނެ މައްސަލަތައް

އަންނަނިވި ބާވަތުގެ މައްސަލަތަކަކީ، އިންތިޤާލީ އިންޞާފުގެ އޮންބަޑްސްޕަރސަން އޮފީހުން ނުބެލޭނެ މައްސަލަތަކެވެ.
1. އެހެން ރިޔާސީ ކޮމިޝަނަކުން މިހާރު ބަލަމުންދާ މައްސަލައެއް؛
2. ދައުލަތުގެ އިދާރާއެއް ނުވަތަ އިދާރާއެއްގެ އިސްވެރިއެއްގެ ރޯލެއް ނުހިމެނޭ މައްސަލައެއް؛
3. އިންސާނީ ޙައްޤަކަށް ނުވަތަ މިނިވަންކަމެއް ނިގުޅައިގެންފާނުވާ މައްސަލައެއް؛ އަދި
4. އެއޮފީހުގެ އިޚްތިޞާޞްގެ ތެރޭގައި ނުހިމެނޭ މައްސަލައެއް.

13 ޖޫން 2021 އިން ފެށިގެން 13 އޯގަސްޓް 2021 ދުވަހާއި ހަމައަށް، އިންތިޤާލީ އިންޞާފުގެ އޮންބަޑްސަޕަރސަންގެ އޮފީހަށް މައްސަލަ ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ. ވީމާ، އަސާސީ މިނިވަންކަން ނުވަތަ އިންސާނީ ޙައްޤެއް ގެއްލިފައިވާ މައްސަލަތަކުގެ ތެރެއިން، އެއޮފީހުގެ އިޚްތިޞާޞް ލިބިގެންވާ މައްސަލައެއްވާނަމަ، އެންމެ ބުއްދިވެރިގޮތަކީ އެމައްސަލައެއް އެއޮފީހަށް ހުށަހެޅުމެވެ.

އާޓިކަލް ލިޔުނީ: އަލްއުސްތާޛާ ޠާހިރާ ޢުމަރު

އަލްއުސްތާޛާ ޠާހިރާ ޢުމަރަކީ ނަޝީދު އެންޑް ކޯ އުތުރު ބްރާންޗުގެ ވަކީލެކެވެ. މިއީ ޢާންމު ޙޭލުންތެރިކަން އިތުރު ކުރުމުގެ މަޤްސަދުގައި، ނަޝީދު އެންޑް ކޯ އުތުރު ބްރާންޗުން އެކުލަވާލާފައިވާ ލިޔުމެކެވެ. މިއީ، ޤާނޫނީ ލަފާކަމުގައި ނުބެއްލެވުންއެދެމެވެ. ދިމާވާވަކި ޤާނޫނީ މައްސަލަތަކުގައި އެންމެ ރަނގަޅު ގޮތަކަށްވާނީ، އެކަމަކަށް ވަކިން ޤާނޫނީލަފާ ހޯއްދެވުމެވެ.

ނަޝީދު އެންޑް ކޯ އުތުރު ބްރާންޗު
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355