twitterviber whatsapp telegramfacebookyoutube instagram
4th May 2024

ވެކްސިން ފުރިހަމަ ކުރި މީހުން ކަރަންޓީނުން ދޫކޮށްލަން އަންގައިފި

ޚަދީޖާ އާދަމް
Jul 8, 2021

ކޮވިޑް-19 ވެކްސިން ފުރިހަމަކުރި މީހުންނަށް ލުއި ދިނުމުގެ ކުރިން ވެކްސިން ފުރިހަމަކޮށް ރަށްރަށަށް ގޮސް ކަރަންޓީނުގައި ތިބި މީހުންނަށް ޓެސްޓްކޮށް ނެގެޓިވް ނަމަ ދޫކޮށްލަން އެޗްޕީއޭ އިން މިއަދު އަންގައިފި އެވެ.

ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ މީހުންނަށް ލުއި ދޭން އެޗްޕީއޭއިން އިއްޔެ އެންގި އިރު ރަށްރަށަށް ގޮސް ގިނަ އަދަދެއްގެ ބަޔަކު ތިބީ ކަރަންޓީނުގަ އެވެ.

އެޗްޕީއޭ އިން އިއްޔެ އާންމުކުރީ ވެކްސިން ފުރިހަމަކުރިތާ 14 ދުވަސްވެފައިވާ ނަމަ، ކަރަންޓީނު ނުވެ ރަށަށް ދެވޭނެ ކަމަށެވެ. އެކަމަކު އެމީހުން ދަތުރުކުރަން ޖެހޭނީ ޕީސީއާރު ނެގެޓިވް ނަތީޖާއަކާ އެކު އެވެ.

އެޗްޕީއޭ އިން މިއަދު ކުރި އިއުލާނެއްގައި ބުނީ މިވަގުތު ހޯމް ކަރަންޓީނުގައި ތިބި މީހުންނާއި އެމީހުންނާއި އެކު ދަތުރުކޮށް ކަރަންޓީނުގައި ތިބި ވެކްސިން ނުޖެހޭ ކުދިން، ޕީސީއާރު ޓެސްޓް ހަދައި ނެގެޓިވް ނަތީޖާއާ އެކު ކަރަންޓީނުން ދޫކޮށްލެވޭނެ ކަމަށެވެ.

އެޗްޕީއޭ އިން ބުނީ ޑަބްލިއުއެޗްއޯގެ އިމަޖެންސީ ލިސްޓުގައި ހިމެނޭ ވެކްސިނެއް ފުރިހަމަކޮށް 14 ދުވަސް ހަމަވެފައިވާ، މީހުންގެ ތެރެއިން ކަރަންޓީނުގެ ހަތް ދުވަސް ފުރިހަމަވެފައިވާ ނަމަ، ޕީސީއާރު ޓެސްޓް ހަދައި ނެގެޓިވް ނަތީޖާ ލިބުމުން ކަރަންޓީނުން ދޫކުރެވޭނެ ކަމަށެވެ.

ވެކްސިން ފުރިހަމަ ކުރި މީހުންނަށް ކަރަންޓީނު ނުވެ، ދަތުރުކުރެވޭނީ އެމީހަކު ދަތުރުކުރާ ތަނެއްގައި ޕޮޒިޓިވިޓީ ރޭޓް ފަހަކަށް ވުރެ ދަށް ނަމަ އެވެ. މިވަގުތު މާލޭގެ ޕޮޒިޓިވިޓީ ރޭޓު ވެސް ފަހަކުން ދަށުގައި ހުރުމާ ގުޅިގެން މާލެއިން މޮނިޓަރިންގައި ނެތް ރަށްރަށްރަށް ވެކްސިން ފުރިހަމަ ކުރި މީހުންނަށް ކަރަންޓީވުމެއް ނެތި ދަތުރުކުރެވޭނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355