twitterviber whatsapp telegramfacebookyoutube instagram
27th April 2024

ރިފާއުގެ ހިތް ޑިޖިޓަލް އާޓްގެ ދުނިޔެއަށް

މުޙައްމަދު އަހުމަދު
Jul 13, 2021
2

އެކީ އުޅޭ ރައްޓެހިން ކުރާ ތަން ފެނި އެކަމަށް ޝައުގުވެރިވި އެވެ. ފަންސޫރުން ކުރާ އެ މަންޒަރުތަކަށް ހިތް ދަމައިގަނެ ދާއިރާއަށް ގެނބުނެވެ. އެކަމަކު އަދި އުމުރުން އެންމެ 18 އަހަރެވެ. ކުޅުދުއްފުއްޓަށް އުފަން އަލީ ރިފާއު އާދަމް (ރިފޫ) އަކީ ކުރެހުމުގެ ދާއިރާއިން އަރަމުން އަންނަ ހުނަރުވެރި ކުރެހުންތެރިއެކެވެ. އެކަމަކު ރިފޫ ޝައުގުވެރިކަން ހުރީ ޑިޖިޓަލް އާޓްގެ ދާއިރާއިން ކުރިއަށް ދިޔުމަށެވެ.

ނަމަވެސް ރިފާއު އެންމެ ފުރަތަމަ ކުރަހަން ފެށީ ޑިޖިޓަލްކޮށެއް ނޫނެވެ. ހަމަ ފަންސުރުން ގަނޑުގައި ކުރަހަން ފަށައިގެން ޑިޖިޓަލް އާޓްއާ ހަމައަށް ކުރި ދަތުރު ހިއްސާ ކޮށްލާނަމެވެ.

އެންމެ ކުޑައިރުއްސުރެ ކުރަހާ އުޅޭ ރިފޫއަށް މިކަމުގެ ތެރެއަށް ވަދެވުން ގޮތް ކޭއޯއާ ހިއްސާކުރަމުން ބުނީ އެންމެ ފުރަތަމަ ކުރަހަން ފެށުނީ އެކީ އުޅޭ ކުދިން ކުރަހާ ތަން ފެނިގެން އެކަމަށް ޝައުގުވެރިކަން އުފެދިގެން ކަމަށެވެ. ޕްރީ ސްކޫލްގައި އުޅުނުއިރުވެސް ރިފޫ ކުރެހުމުގައި ހަރަކާތްތެރިވެ އެވެ. އެންމެ ތުއްތުއިރުން ފެށިގެން އުމުރުފުރާއާ ގުޅޭ ތަފާތު އެކި އެއްޗެހި ކުރެހުމުގެ ފަންސުރަށް ފަރިތަ އެވެ.

ޅަ އުމުރުގައި ކުރެހި ކުރެހުންތައް އެތައް ބަޔަކަށް ކަމުދިޔަ އެވެ. އުމުރު ފުރާއާ ގުޅޭ ކުރެހުމުގެ އެކި މުބާރާތްތަކުގައި ވާދަކޮށް ރަނގަޅު ކާމިޔާބީތައްވެސް ހޯދާފައި އެބަހުއްޓެވެ. އެކަމަކު ރިފޫގެ ފަންސުރުން ހުދުގަނޑުތަކަށް ރީތީ އެތަކެއް ކުރެހުންތަކެއް ދޫކޮށްލުމަށްފަހު އޭނާ ހިޔާރުކުރީ ޑިޖިޓަލް އާޓްގެ ދާއިރާއިން ކުރިއަށްދިޔުމަށެވެ. އެ ދާއިރާއިން އިތުރު ހަރުފަތަށް ޖެހިލުމަށެވެ.

"
އަސްލު ކުރެހުމުގެ ދާއިރާއަށް ވަދެވުނީ ޕްރީ ސުކޫލްގައި އުޅުންއިރު. އޭރު ކައިރީގައި އިން ކުއްޖާ ކުރަހާ ތަން ފެނިގެން މިކަމަށް ހިތްޖެހި، މިކަމުގެ ތެރެއަށް ވަދެވުނީ.
ޑިޖިޓަލް އާޓިސްޓް، އަލީ ރިފާއު

ޑިޖިޓަލް އާޓް ހިޔާރު ކުރެވުނު ގޮތް؟

ރިފާއު ބުނާ ގޮތުގައި ޑިޖިޓަލް އާޓްގެ ތެރެއަށް އެންމެ ފުރަތަމަ ވަދެވުނީ ކޮމްޕިއުޓަރެއް ލިބުނު ހިސާބުންނެވެ. "ކޮމްޕިއުޓަރު ލިބުނު ހިސާބުން އެއަށް ކޮރަލް ޑްރޯ އަޅައިގެން އެދަސްކުރަން ފެށީ" ރިފާއު ބުންޏެވެ. ކޮރަލް ޑްރޯ ބޭނުންކޮށްގެން އެކިކަހަލަ ކުރެހުންތައް ކުރަހަން ރިފާއުގެ ޝައުގު ހުރެ އެވެ. ޑިޖިޓަލް އާޓްގެ ދާއިރާއިން ކުރި މަސައްކަތުގައި މިއަދު އޭނާ ހުރީ ރަނގަޅު ހަރުފަތެއްގައި އެވެ. މޮޅު ކުރެހުންތެރިޔަކަށް ވުމަށް އޭނާ ދެކެމުން އަންނަ ހުވަފެނުގައި ހަގީގީ ކުލަ އަރަމުންދާ މަންޒަރު ދަނީ ފެންނަމުންނެވެ.

ފުރަތަމަ ރައްޓެހިންނަށް ހިލޭ ކުރަހައިދޭން ފެށި ރިފާއު ފަހަކަށް އައިސް ވިޔަފާރިއެއްގެ ގޮތުގައި އެކަން ފެށި އެވެ. ދެމަފިރިންގެ އިލަސްޓްރޭޝަންސްތަކުން ފެށިގެން ގޮސް ފޭން އާޓްތަކާއި އެކިކަހަލަ ކުރެހުންތައް ރިފޫ ކުރަހާ އުޅެ އެވެ. ރިފާއު އެންމެ ޝައުގުވެރިކަމާއެކު ކުރަހަނީ އަމިއްލަ ހިޔާލާއި ވިސްނުމަށް އުފައްދާ ކުރެހުންތަކެވެ. އާންމުކޮށް އެކި އެއްޗެހި ކުރަހަމުންދާ ރިފޫއަށް އެންމެ ގިނައިން ލިބެނީ ކަޕަލްސް އިލަސްޓްރޭޝަންސް އެވެ.

"
"ޑިޖިޓަލް އާޓް ހިޔާރުކުރެވުނީ އަސްލު ޑިޖިޓަލް އާޓަކީ ފަސޭހަ އެއްޗަކަށްވެފައި ގިނަ މީހުންނަށް އެއަށް އެކްސެސް ވެވޭތީ."
ޑިޖިޓަލް އާޓިސްޓް، އަލީ ރިފާއު

ކުރިއަށް އޮތްތާ މިދާއިރާއިން ކުރިއަށް ދިއުމާމެދު ވިސްނާފައި އޮތް ގޮތް؟

މިކަން މިއަށް ވުރެ ފުޅާ ދާއިރާއެއްގައި ކުރުމުގެ ވިސްނުން އެބަހުރި ކަމަށާއި ކުރިއަށް އޮތްތާ އަމިއްލަ ކުރެހުންތައް ނެރޭނެ ކަމަށް އަދި އިތުރަށް ކުރިއޭޓިވްވާން މަސައްކަތް ކުރާނެ ކަމަށް ރިފާއު ބުންޏެވެ. މިއީ ހޮބީއެއްގެ އިތުރުން އާމްދަނީ ހޯދަންވެސް ކުރަން ރަނގަޅު މަސައްކަތެކެވެ.

ޑިޖިޓަލްކޮށް ކުރެހުމަކީ ފަސޭހަ ކަމަކަށް ވިއަސް މިކަމުގައި ވެސް ގޮންޖެހުންތައް ހުރެ އެވެ. އެގޮތުން ރިފާއުއަށް ކުރިމަތިވާ އެންމެ ބޮޑު އުދަނގުލަކީ ވަގުތު ނުވުމެވެ. ޖަލާލުއްދީން ސުކޫލުގައި އޭލެވެލް ހަދަމުންދާ ރިފާއު ބުނީ ސުކޫލްގައި އުޅެމުން ކުރަހަން ވަރަށް ވަގުތު ނުވާ ކަމަށާއި ވަރަށް ގިނަ އޯޑަރުތައް ލިބޭ ކަމަށެވެ. ނަމަވެސް އޭނާއަށް ވީވަރަކުން ކުރަހައިދެން ކަމަށްވެސް ބުންޏެވެ.

"ސުކޫލްގައި އުޅެމުން ވަރަށް ގިނަ އޯޑަރުތައް ލިބޭ. އެކަމަކު ލިބޭ މިންވަރަށް ބަލާފަ ވަގުތުކޮޅު އަސްލު ވަރަށް ކުޑަ." ރިފާއު ބުންޏެވެ.

މިދާއިރާއިން ކުރިއަށް ދާން ބޭނުންވާ ކުދިންނަށް ދޭން ބޭނުންވާ ނަސޭހަތް؟

މިދާއިރާއިން ކުރިއަށް ދާން ބޭނުންވާ ކުދިންނަށް ރިފާއު ދިން މެސެޖަކީ މިއީ ކުރަން އުޅެފިނަމަ ދަސްކުރަން ވަރަށް ފަސޭހަ އެއްޗެއް ކަމަށާއި ކުރަން ވަރަށް ފަސޭހަ ކަމެއް ކަމަށެވެ. މިދާއިރާއިން ކުރިއަށް ދާން ސައުގުވެރިކަން ހުންނަ ކުދިންނަށް ރިފާއުގެ އެހީތެރިކަން ލިބޭނެކަމަށް އޭނާ ބުންޏެވެ. އަދި ރިފާއު ބުނީ އޭނާގެ އެދުމަކީ މިދާއިރާއަށް ގިނަ ކުދިން ވަނުން ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355