ށ ފޯކައިދޫ ހެލްތު ސެންޓަރަށް ދެއްކި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ، ރަށުގައި ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ އެވެ. ސިއްހީ މަރުކަޒަށް އެ މީހާ ދެއްކީ ބަލީގެ އަލާމާތްތަކެއް ހުރުމުންނެވެ.
ހެލްތް ސެންޓަރުގެ މެނޭޖަރު އަންވަރު ކޭއޯއަށް ވިދާޅުވީ، އެ މީހާއަށް ފަރުވާދިނީ ކޮވިޑް ބަލީގެ މީހެއްގެ ގޮތުގައި ބަލައިގެން ނޫން ކަމަށާ އެހެން ދިމާވީ މި ދުވަސްވަރު އެރަށުގައި އަރިދަފުސް ރޯގާ ފެންނަމުންދާ ދުވަސްވަރެއް ކަމުން ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ، ސްކޫލް ބަންދު ދުވަސްވަރެއްކަމުން މިދުވަސްތަކުގައި އެކި ރަށްތަކުން ގިނަ ބަޔަކު ރަށަށް އަރައި ދުވަސްވަރެއްކަމުންނާއި ވިއްސާރަ ދުވަސްވަރެއްކަމުން ރަށުގައި ރޯގާ އިތުރުވެފައިވާ ކަމަށެވެ.
61 އަހަރުގެ އެ އަންހެން މީހާގެ އޮކްސިޖަން ލެވެލް ދަށްވުމުގެ ސަބަބުން އޭނާ ވަނީ ކުޅުދުއްފުށީގައި ހުންނަ ސަރަހައްދީ ހޮސްޕިޓަލަށް ގެނެސް ޓެސްޓްކުރުމުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ.
ކޭއާރުއެޗުން ބުނީ އެ މީހާއާއެކު އައި ހަތަރު މީހުން ކަރަންޓީނުކޮށްފައިވާއިރު އެ މީހާގެ ހާލު ދަށްވުމުން ބ އަތޮޅުގައި ހުންނަ ކޮވިޑް-19 ފެސިލިޓީއަށް ބަދަލުކޮށްފައިވާ ކަމަށެވެ.
އަންވަރު ވިދާޅުވީ، މި ކޭސްއާ ގުޅިގެން މިހާތަނަށް 33 ގެއެއް ކަރަންޓީނުކޮށްފައިވާއިރު ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށެވެ. އަދި މި ކޭސްގެ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަކުރެވުނު ބައެއް މީހުންގެ ފަރާތުން ބަލީގެ އަލާމަތްތައް ވަނީ ފެނިފަ އެވެ. އެހެންވުމުން އަންވަރު ވިދާޅުވީ، ކޮމިއުނިޓީ ސްޕްރެޑެއްގެ ބިރު ބޮޑުވެފައިވާ ކަމަށެވެ.
ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުންދާއިރު ޑައިރެކްޓް ކޮންޓެކްޓުންގެ ސާމްޕަލްތައް މިރޭ ނަގަން ފެށޭވަރުވާނެ ކަމަށް އަންވަރު ވިދާޅުވި އެވެ. ރަށުގެ ހާލަތު މުޅިން ދެނެގަނެވޭނީ ސާމްޕަލްތައް ނެގުމަށްފަހު ޓެސްޓްކުރުމުންކަން އޭނާ ފާހަގަކުރި އެވެ.
އެޗްޕީއޭއިން ލުއިތައް ދީފައިވީ ނަމަވެސް ހުރިހާ ފަރާތްތަކުން ބަލި ނުފެތުރޭނެހެން އުޅުމަށް އަންވަރު ވަނީ އިލްތިމާސްކޮށްފަ އެވެ. ހާއްސަކޮށް ކަރަންޓީނުގައި ތިބޭ ފަރާތްތަކުން ކަރަންޓީނު އުސޫލަށް ފުރިހަމައަށް އަމަލުކުރުމާއި މާސްކް އެޅުމާއެކު ބޭރުގައި އުޅޭއިރު ގައިދުރުކަން ބެހެއްޓުން އަދި ގިނައިން އަތް ދޮވުމަށް ވަނީ އިލްތިމާސްކުރައްވާފަ އެވެ.
ބަލި ކޮންޓްރޯލްކުރުމަށް މީގެ ކުރިންވެސް ރައްޔިތުންގެ ފަރާތުން ލިބުނު ބޮޑު އެހީތެރިކަމާ ދެއްކި ނަމޫނާ މިފަހަރުވެސް ދެއްކުމަށް އިލްތިމާސްކުރެއްވި އެވެ. ކޮންމެ ފަހަރުވެސް ބަލި ފެނުމުން ކުރަން ޖެހޭ ގިނަ މަސައްކަތްތަކާއި ރައްޔިތުން އުފުލަން ޖެހޭ ތަކުލީފު ބޮޑުކަމުން، ބަލިން އަރައި ގަތުމަށް ރައްޔިތުން އެއްބާރުލުން ދެއްވުމަށް އަންވަރު އެދިލެއްވި އެވެ.