twitterviber whatsapp telegramfacebookyoutube instagram
23rd April 2024

މިފަހަރުގެ އޮލިމްޕިކްސްގައި މަޝްހޫރު ޓެނިސް ކުޅުންތެރިޔާ ރޮޖާ ފެޑެރާ ނުފެންނާނެ

މުޙައްމަދު އަހުމަދު
Jul 14, 2021

ދުނިޔޭގެ ރޭންކިންގެ ނުވަ ވަނައިގައި މިވަގުތު އޮތް ދުނިޔޭގެ މަޝްހޫރު ޓެނިސް ކުޅުންތެރިޔާ ރޮޖާ ފެޑެރާ މިމަހު ފަށަން ތާވަލުކޮށްފައި އޮތް ޓޯކިއޯ އޮލިމްޕިކްސްގައި ވާދަނުކުރާނެ ކަމަށް އޭނާ ބުނެފި އެވެ.

2008 ވަނަ އަހަރުގެ ބެއިޖިން އޮލިމްޕިކްސް އިން ރަން މެޑަލާއި 2012 ވަނަ އަހަރުގެ ލަންޑަން އޮލިމްޕިކްސް އިން ރިހި މެޑަލް ހާސިލްކުރި ފެޑެރާ މިފަހަރުގެ މުބާރާތުގައި ނުކުޅޭ އެންމެ ބޮޑު ސަބަބަކީ އޭނާ ކަކުލަށް ތަދުވާތީ ރިކަވަރީ އަށް އެކަށީގެންވާ ވަގުތު ދޭން ބޭނުންވާތީ އެވެ. އެކަމާހުރެ ފެޑެރާއަށް ވަނީ ގާތްގާތުގައި ގިނަ މުބާރާތްތަކެއް ގެއްލިފަ އެވެ. އޭނާ ވަނީ މިދިޔަ އަހަރު ކަކުލުގެ ދެ އޮޕަރޭޝަނެއްވެސް ކޮށްފަ އެވެ.

"ގްރާސްކޯޓުގައި އެންމެ ފަހުން މި ކުޅުނު މުބާރާތު (ވިމްބަލްޑަން) ގައި އަހަރެންގެ ކަކުލަށް ދިމާވެފައިވާ މައްސަަަލައިގެ ސަބަބުން ވަނީ އުނދަގޫތަކެއް ކުރިމަތިވެފައި. އެހެންވެ އަހަރެން ނިންމީ އޮލިމްޕިކްސްގައި ވާދަނުކުރަން. އޮލިމްޕިކްސް ފަދަ ބޮޑު ކުޅިވަރު ހަރަކާތެއްގައި ގައުމު ތަމްސީލުކުރުމަކީ ޝަރަފެއް. ކެރިއަރުގެ މި ހިސާބުގައި އެ ފަދަ ފުރުސަތެއް ގެއްލުމަކީ ދެރައެއް،" ފެޑެރާ ބުންޏެވެ.

ދާދި ފަހުން ނިމުނު ވިމްބަލްޑަން ޓެނިސް މުބާރާތުގައި ފެޑެރާ ކުޅެފައިވާއިރު މިމުބާރާތުން އޭނާ ކެޓީ ކުއާޓާ ފައިނަލުގައި ޕޮލެންޑްގެ ހިއުބާޓް ހުކާޒް އަތުން ބަލިވެގެންނެވެ. އެންމެފަހުން ބޭއްވި ވިމްބަލްޑަން ކާމިޔާބުކުރި ނޮވަކް ޖޮކޮވިޗް ވަނީ 20 ގްރޭންޑް ސްލޭމް ޓެނިސް މުބާރާތް ކާމިޔާބުކޮށް ސްޕެއިނުގެ ރަފައެލް ނަޑާލާއި ފެޑެރާ އެންމެ ގިނަ ގްރޭންޑް ސްލޭމް ކާމިޔާބުކޮށް ހަދާފައިވާ ރެކޯޑާއި އަރާ ހަމަކޮށްފަ އެވެ.

އަނިޔާގެ ސަބަބުން މިފަހަރުގެ އޮލިމްޕިކްސް ނަޑާލަށް ވެސް ގެއްލޭއިރު އަނިޔާގެ ސަބަބުން އޭނާ ވިމްބަލްޑަންގައި ވެސް ނުކުޅެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355