ހދ އަތޮޅުގެ ތިން ރަށަކަށް ރައީސް ވަޑައިގަންނަވާ ހަބަރާއެކު އެމްޑީޕީގެ އެކްޓިވިސްޓަކު ސޯޝަލް މީޑިއާގައި ލިޔެފައިވާ ލިޔުމެއް ލޮލުގައި އަޅައިގަތެވެ. ހަމަ ޔަގީން ހުސްއަތާ ތިލަދުންމައްޗަށް އަދި ހާއްސަކޮށް ކުޅުދުއްފުށި ސިޓީއަށް ރައީސް ވަޑައިނުގަންނަވާނެކަމަށެވެ. މިއާއެކު ހިތަށް އެރީ ހަމަ އެންމެ އެއްޗެއްކެވެ. ހުސްއަތަކާ ނޫނެވެ. އެކަމަކު ބާ ވައުދުތަކަކާއެކުބާ އެެވެ.
ރައީސް ސޯލިހުވެސް ކެމްޕެއިންގެ ތެރޭގައި ކުޅުދުއްފުއްޓަށް ގިނަ ވައުދުތަކެއް ވެވަޑައިގަތެވެ. ރަށަށް ތަރައްގީ އަންނާނެ އެތައް ހުވަފެނެއް ރައްޔިތުންގެ ލޯތަކަށް ދެއްކި އެވެ. ޒަމާންވީ އެތަކެއް މައްސަލަތަކަށް ހައްލު ގެނެސްދޭނެކަމަށްވީ ވައުދުތަކެވެ. ކުރިން ފަށާފައިހުރި އެތަކެއް މަޝްރޫއުތަކެއް އަލުން ފަށާނެ ކަމެވެ. އަތޮޅުތެރެ ތަފާތުނުކުރާނެކަމެވެ. އެ ވައުދުތަކަށް ބުރަދަން އިތުރުކުރީ ފަހަތުން އެމްޑީޕީން އެ ވައުދުތައް ފުއްދައި ދޭނެކަމަށް ބުނެ ދެމުން ދިޔަ ޔަގީންކަމެވެ.
އެ ޔަގީންކަންވެގެން ދިޔައީ ތަރައްގީއަށް ފެންބޮވައިގެންފައިވާ ކުޅުދުއްފުށީގެ ރައްޔިތުން ރައީސް ސޯލިހު ހޮވުމަށް ވޯޓުދޭން ފަސް ނުޖެހުނު އެއްސަބަބަކަށެވެ. އަނެއް ސަބަބަކީ އޭގެކުރީގެ ވެރިކަމުގައިވެސް ރައްޔިތުންގެ އަތުގައި މާބޮޑު ނަސީބެއް ނުހިފުމެވެ. ލިބުނީ ކިރިޔަ ކިރިޔާ ހިދުމަތް ހޯދޭ ވަރުގެ އެއާޕޯޓެވެ. އެމްޑީޕީގެ ސަރުކާރެއްގައި އެތަން ވެސް ތަރައްގީ ކުރާނެކަމުގެ ވައުދުވެ ރައްޔިތުންގެ އިތުބާރު ދަމައިގަތީ ވަރަށް ފަސޭހައިންނެވެ.
ހަގީގަތުގައި މިވާހަކަ ފެށުން އެންމެ އައުލާކަން ބޮޑުވެގެން ވަނީވެސް އެއާޕޯޓުގެ ވާހަކައިންނެވެ. ވެރިކަން ދެ ބައިވެގެން ދިޔައިރު އެއާޕޯޓްގެ ރަންވޭގައި ލައިޓް ގަނޑެއްވެސް ޖަހާނުލެވުނެވެ. ހުރިހާ ކަމެއް އަޅުވަނީ ކޮވިޑާ އެވެ. އެކަމަކު ސަރުކާރުން ކުރިއަށްގެންދަން ބޭނުންވާ މަޝްރޫއުތައް ނުހުއްޓި ކުރިއަށްދެ އެވެ. މިސާލަކަށް ހޯރަފުށި އެއާޕޯޓް ފުދޭނެ އެވެ.
ރާއްޖޭގެ ތާރީހުގައިވެސް އެއާޕޯޓެއް ތަރައްގީކުރުުން ފަދަ ބޮޑު މަޝްރޫއެއް އިއުލާންކޮށް އެންމެ ކުރު މުއްދަތެއްގެ ތެރޭ ނިންމާލި ކަމުގެ ރެކޯޑް މި ސަރުކާރުން ހޯދި އެވެ. އެއީ ބާރުއޮތްނަމަ ކަންކަން ވާނެކަމުގެ ފުރިހަމަ މިސާލެވެ. އެވެސް ކޮވިޑްގެ ފުރަތަމަ ރާޅުގެތެރޭ ރާއްޖެ ގެށެމުން ދަނިކޮށެވެ. އެއަށްފަހު މިއަހަރު މެއި މަހު ރާއްޖެއަށް ކުރި ވިއްސާރާގައި ހޯރަފުށި އެއާޕޯޓަށް ބޮޑެތި ގެއްލުންތަކެއް ވިއެވެ. ރަންވޭއާއި ހައިވޭއަށް އުދައަރާ ދަތުރުފަތުރު ހުއްޓެވެ.
ޓާމިނަލްއަށްވެސް ގެއްލުންވި އެވެ. ބޮޑެތި ގެއްލުން ވީއިރު އެއާޕޯޓް އޮތީ އެކޮށްހެން ފުނޑިފަ އެވެ. ނަމަވެސް މަހެއްގެތެރޭ ބޮޑެތި މަރާމާތުތަކެއްކޮށް އަލުން އެއާޕޯޓް ހުޅުވާ ހިދުމަތް ދޭން ފެށުނެވެ. މައްސަލައަކީ ހޯރަފުއްޓެއް ނޫނެވެ. ރަށްރަށުގެ މެދުގައި ސަރުކާރުން ގެންގުޅޭ އިންތިހާ ދަރަޖައިގެ ތަފާތުކުރުމެވެ.
ޕްލައިޓް ބާއްވައިފިނަމަ އެންމެ މީހުން ދަތުރުކުރާނެ އެއާޕޯޓަކީ ކުޅުދުއްފުށި އެއާޕޯޓެވެ. އެކަމަކު އެކަން ސަރުކާރުން ކުރަނީ އަމާބުނީތީ ފަރަށްދާ އުސޫލުންނެވެ. ރަންވޭގައި ލައިޓްގަނޑެއްވެސް ހަރުކޮށްލެވިފައިނުވުމުން ރޭގަނޑު އެމަޖެންސީ ހާލަތެއްގައި ބަލި މީހަކު މާލެ ފޮނުވަންޖެހުނަސް އެއާޕޯޓެއް އޮވެމެ އޭގެ ބޭނުން ނުހިފެ އެވެ. ފަހަރުގައި މިހެން މިވަނީ ރަށަށް ނިސްބަތްވާ، ވާގިވެރިވާނެ ވަޒީރެއް ނެތުމުން ކަމަށްވެސް ވެދާނެ އެވެ. އެކަމަކު ޔަގީންވެސް މިރަށް ތަމްސީލްކުރަން މަޖިލީހުގައި ތިބޭނީ އެމްޑީޕީގެ ދެ މެމްބަރުންނެވެ.
މިއީ އަދި އެންމެ މައްސަލައެކެވެ. ބޯހިޔާވަހިކަމާއި، މަގުހެދުމާއި، ބަނދަރު ހެދުމުގައިވެސް ސަރުކާރުން ފަހަތުފަޔަށް ބަރުކުރާ ޝަކުވާގެ އަޑު ކަނޑައިގެން ނުދެ އެވެ. ރައީސް ނަޝީދުގެ ވެރިކަމުގައި ކުޅުދުއްފުށީ ބިން ހިއްކާ ބިންގަނޑު ހަަމަވެސް ނުޖެހެނީސް އަޅަން ފެށި ރޯހައުސްތައް ބޮލަށް ވެއްޓޭހާ ބޮޑަށް ވީރާނާވެފައި ވަނިކޮށް، އެތަނުގެ ބަދަލުގައި އާ ރޯހައުސްތަކެއް އެޅުމަށް ރައްޔިތުން ކުރަމުންދިޔަ އާދޭހަށް ބީރުކަންފަތެއް ދީ އަލުން އެތަން މަރާމާތުކުރަން މި ސަރުކާރުން ނިންމި އެވެ. އެތަނުގެ ހާލަތު އޮތްގޮތުން އެއީ މަރާމާތުކޮށްގެންވެސް މީހަކު އުޅެން ހެޔޮވާވަރުގެ ތަނެއް ނޫންކަން ރައްޔިތުންގެން ދިޔައީ ތަކުރާރުކޮށް ބުނަމުންދިޔަސް އެކަމަށް އަޅައެއް ނުލި އެވެ.
ދެން އޮތީ މަގުތަކުގެ މައްސަލައެވެ. ތާރު އަޅާފައިވާ މަގުތައް ފިޔަވާ ވާރެ ވެހޭ ދުވަހެއްނަމަ ފިޔަވަޅެއް އަޅާލެވޭނެ ފަދަ މަގެއް ނެތެވެ. ތާރު އެޅިނަމަވެސް ބައެއް މަގުތައް ހަދާފައިވާ ގޮތުން ފެންބޮޑުވެއެވެ. މަގުހެދުމުގެ ދެވަނަ ފިޔަވަހި އިއުލާންކުރިތާ އަހަރަކަށްވުރެ ގިނަ ދުވަސް ވަނީ އެވެ. އަދި އެއިން މަގަގުން ގާބުރިއެއްވެސް އެއްކައިރި ނުކޮށްލެވެއެވެ. ވާރެ ވެހިއްޖެނަމަ ރައްޔިތުމީހާ އުޅެންޖެހެނީ ހެދުމުގެ ފަސްބައި ނުހިކިއެވެ. މަގުހެދުމުގެ މަޝްރޫއު އެހެން ރަށްރަށުގައި ބަރާބަރަށް އެބަ ހިނގާ އެވެ.
އޭޑީބީ ހަދައި ބަނދަރުގައި ހުރި މައްސަލަތަކަށް ބަލާލަމާ ހިނގާށެވެ މަސައްކަތް ނުފެށި ދިގުލައިގެން ދިޔަ ދިއުމަށް ރައްޔިތުން ބަނދަރަކަށް ކުރި އިންތިޒާރަށް ނިމުން އައިއިރު ލިބުނު ބަނދަރުގެ ފެންވަރުވެ ދަށެވެ. ބަލާބެލުމަށް ތަން ހެދުމުގައި އެއްވެސް ޕްލޭނެއްވެސް ނެތެވެ. ކުރިންވެސް ރައްޔިތުން ސަރުކާރުގައި އާދޭސްކުރި ކަންކަން ނުވެ މިހާރު އޮތީ ނިންމާލާފަ އެވެ
މިހެން އެތަކެއް މައްސަލަތަކެއް އެބަހުއްޓެވެ. ކިހާ ކޮޅުން ނުލަހާ ޝަކުވާ އެބަހުއްޓެވެ. މާލެ ސަރަހައްދު ނޫންވިމަ ނުވަތަ ދައުލަތުގައި ކުޅުދުއްފުއްޓަށް ނިސްބަތްވާ ވަޒީރުން ނެތުމުން ވެރިކަމަށް ތިން އަހަރު ވެގެންދާއިރު މާ ބޮޑު ހިތްހަމަޖެހުމެއް ކުޅުދުއްފުށީ ރައްޔިތުންނަކަށް ނެތެވެ. ސިޓީ ކައުންސިލްގެ ސުޕަރ މެޖޯރިޓީ ދިންކަމުގައިވިޔަސް އަދިވެސް ފެންނަނީ ސަރުކާރުގައި އާދެސް ދަންނަވަން ޖެހޭ މަންޒަރެވެ. ސަރުކާރުގައި ސަލާން ޖަހައިގެން ނޫނީ ކުދި ކުދި ކަންކަންވެސް ކައުންސިލަށް ނުކުރެވި އުޅޭ މަންޒަރެވެ. އެކަން އެންމެ ފަހު ރައީސް ސޯލިހާއި ކުޅުދުއްފުށި ސިޓީ ކައުންސިލް މެމްބަރުނާއެކު ބޭއްވި ބައްދަލުވުމުންވެސް ސާފެވެ.
މި ސަރުކާރާއެކު ކުޅުދުއްފުއްޓަށް ކިރިޔާވެސް ތަރައްގީއެއް ލިބުނީ ހޮސްޕިޓަލަށެވެ. ޑޮކްޓަރުން އިތުރުވެ، އެމްއާރުއައި ފަދަ މުހިއްމު ހިދުމަތްތަކެއް ލިބިގެންދިޔައެވެ. ބޮޑެތި ކާމިޔާބު އޮޕަރޭޝަންތައްކޮށްފި އެވެ. އެކަމަކު ރައީސް ވައުދުވި ޓާޝިއަރީ ހޮސްޕިޓާ ވީތަނެއް އަދިވެސް ނޭނގޭ އެވެ. ހަމަ ޔަގީންވެސް ބިން އޮތީ ކަނޑައަޅާފަ އެވެ. ދައުރު ދެ ބަޔަށްވުރެ ބޮޑުވިއިރު ސަރުކާރަށް މިރަށަށް މާބޮޑު މަސައްކަތެއް ނުކުރެވެ އެވެ. ގިނަ ވައުދުތައް އަޑުއިވިއިވި ފޫހިވެއްޖެ އެވެ. އަދިވެސް ރައްޔިތުން ކުރަނީ ހަމަ ކުރީގެ ޝަކުވާތަކެވެ. މިހެން ތިއްބާ އަނެއްކާވެސް ރައީސް ވަޑައި މިގަންނަވަނީ ކުރީގެ ބާ ވައުދުތަކަކާއެކު ބާ އެވެ.