ކުޅުދުއްފުށީ ކުޅީގެ ދެކުނުން ގޯތިތަކުގެ އުތުރުން މަގެއް ހެދުމަށްޓަކައި އެސަރަހައްދު ސާފުކުރުމާމެދު ގޮތެއް ނިންމުމަށް ކުޅުދުއްފުށި ސިޓީ ކައުންސިލްގައި މަޝްވަރާކޮށްފި އެވެ. މިއަދު އެ ކައުންސިލްގައި ބޭއްވި ބައްދަލުވުމުގައި އެތަނުގައި ތިމާވެއްޓާއި ރަށްޓެހި ނޯ ވެހިކަލް ޒޯނެއް ގާއިމުކުރުމަށް ކައުންސިލަރު މުހައްމަދު ދާއޫދު ހުށަހެޅި ހުށަހެޅުއްވުމުން ވަނީ ހުރިހާ މެމްބަރުގެ އިއްތިފާގު ފާސްވެފައި އެވެ. އެހެންވުމުން އެ މަގު ތަރައްގީވެގެން ދިޔުމުން އެމަގު ވެގެންދާނީ މީހުން ހިނގާފައި އުޅޭ މަގަކަށެވެ.
ކުޅުދުއްފުށީގެ ކުޅީގެ ދެކުނުން ގެތަކުގެ އުތުރުން އެދޭތެރޭގައި މަގެއް ހެދުމަށްޓަކާ އެސަރަހައްދު ސާފުކުރުމުގެ ބަހުސްއަށް ހުޅުވާލައްވަމުން މޭޔަރު ފާހަގަކުރެއްވީ އެތަނުގައި އޮންނަ ޗަކަބިމުގެ ފެންގަނޑުގެ ސަބަބުން އެސަރަހައްދުގެ ބައެއް ގޭގެތަކަށް ވިއްސާރަ މޫސުމުގައި ހާއްސަކޮށް ގޭގެ ފާރާއި ހަމައަށް ފެންގަނޑު ހެދިފައި ހުންނަ ކަމަށެވެ. އަދި ރައްޔިތުންނަށް މިކަމުގެ ސަބަބުން ދަތިތަކެއް ކުރިމަތިވާ ކަމަށް މޭޔަރު ވިދާޅުވި އެވެ.
އެހެންވެ އެކަމާމެދު ކައުންސިލުން އަމަލުކުރާނެ ގޮތެއް ނިންމުމަށް ބުދަދުވަހު ބޭއްވި ބައްދަލުވުމަށް ބަހުސްއަށް ހުޅުވާލުމުން މިމައްސަލައަށް އެންމެ ފުރަތަމަ ވާހަކަދެއްކެވީ ކައުންސިލަރު މުހައްމަދު ދާއޫދެވެ. މޭޔަރުގެ ވާހަކައަށް ތާއީދުކުރައްވަމުން ކައުންސިލަރު މުހައްމަދު ވިދާޅުވީ އެތަނުގައި ފެންބޮޑުވެ ވަރަށް ގިނަ ބަޔަކަށް ދަތިތަކާ ކުރިމަތިލާން ޖެހޭ ކަމަށާއި އެހެންވުމުގެ ސަބަބުން ގޭގެ ވަޅުގެ ފެން ނުބައިވުން ފަދަ ކަންކަން ކުރިމަތިވާ ކަމަށެވެ.
މުހައްމަދު ވިދާޅުވީ އޭނާ ބޭނުންވަނީ މަގެއް ގޮތަށް އެތަން ތަރައްގީ ކުރި ނަމަވެސް ނޯ ވެހިކަލް ޒޯނެއްގެ ގޮތުގައި އެތަން ތަރައްގީކުރަން ކަމަށާއި ގަސްގަހަށް ގެއްލުން ނުދީ އަދި އެންވާރަމެންޓަލް ފުރެންޑްލީ ސަރަހައްދެއްގެ ގޮތުގައި އެ ސަރަހައްދު ސާފުކުރެވިގެން ދިއުން ކަމަށެވެ. އޭނާ ވިދާޅުވީ ކުރިއަށް އޮތްތަނުގައި ކުޅީގެ އެކި ޕްރޮޖެކްޓްތައް ހިންގުމަށް ވިސްނާފައި ހުރުމުން އެ ޕްރޮޖެކްޓްތަކަށް ފަހިވާނެ ގޮތަކަށްވެސް މިކަން ވެގެންދާނެ ކަމަށެވެ.
މަގެއް ހަދާ ވާހަކަ ދެކެވެމުންދާއިރު ކުޅުދުއްފުށީ ކުޅި މިހާލަތަށް ގޮސްފައި މިވަނީ އެތަނުގައި އެއާޕޯޓެއް އެޅުމަށް ހިންގުނު ޕުރޮޖެކްޓްގެ ސަބަބުންކަމަށް ވިދާޅުވެ ޑެޕިއުޓީ މޭޔަރު އަލީ އަހުމަދު ވަނީ އީއައިއޭގެ ރިޕޯޓުގައި ހުރި ބައެއް ކަންކަން ފާހަގަކުރައްވާފަ އެވެ. އެގޮތުން އެއާޕޯޓެއް ނިމިގެންދާއިރު ފުރިހަމަވެފައި ހުންނަ ޖެހޭ ކަންކަން އޮތީ ފުރިހަމަ ނުކޮށް އެއޮތްގޮތަށް ދޫކޮށްލެވިފައިކަމަށް ޑެޕިއުޓީ ވިދާޅުވި އެވެ. ބަފާރ ޒޯނުގެ ވާހަކަވެސް އޭނާ ފާހަގަކުރެއްވި އެވެ. މިހާރު ފުރިހަމަ ނުވެ ހުރި ކަންތައްތައް އިތުރަށް ފުރިހަމަ ކުރުމަށް އީޕީއޭއާ ވާހަކަދެކެވެމުން އަންނަ ކަމަށް ވެސް ޑެޕިއުޓީ މޭޔަރު ވިދާޅުވި އެވެ.
މިހާރުވެސް އެއާޕޯޓުގެ ބައުންޑަރީ ފެންސާއި ޖެހިގެން މަގެއް އޮންނަން ޖެހޭއިރު ކުރިން ހެދި މަގު، ކުޅި ހިއްކިއިރު އީއައިއޭ ސްޓޭޓްމަންޓްގައި އޮތް ގޮތަށް ޝީޓް ޕައިލްސް ކޮށްފައި ނުވަތަ ރޮކް ބޯޑާސް ބޭނުންކޮށްގެން އެތަން ގާއިމުކުރެވިފައި ނެތުމުން ކުޅިއަށް ވެލިގަނޑު ކެހިގެން ގޮސް އެމަގު ވަރަށް ބޮޑަށް ހިމަވެފައިވާކަން ޑެޕިއުޓީ ފާހަގަކުރެއްވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ މިކަންކަމަކީ އެއާޕޯޓް ހަދާ ނިމުނުއިރު ފުރިހަމަވެފައި ހުންނަން ޖެހޭ ކަންކަން ކަމަށާއި އޭނާގެ އުއްމީދަކީ އީޕީއޭއާ ގުޅިގެން މިމައްސަލަ ހައްލުކުރުމަށް ކުރެވޭ މަސައްކަތުގައި މިކަންކަން ފުރިހަމަވާނެ ކަމަށެވެ. ޑެޕިއުޓީ މޭޔަރު އިތުރަށް ވިދާޅުވެފައިވަނީ ވީހާވެސް އަވަހަކަށް ސާފުކުރުމުގެ މަސައްކަތް ކުރިއަށް ގެންދަން ފެންނަ ކަމަށާއި އެއީ އިހަށް މިއޮތީ ސާފުކުރުމާމެދު މަޝްވަރާކުރުން ކަމަށާއި މަގު ހެދުން އަންނާނީ އެއަށްފަހު ކަމަށެވެ.
ކުޅި ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް، ދިރިއުޅެމުން ގެންދަނީ ވަރަށް ހިތްދަތި ހާލުގައި ގިނަ ތަކުލީފުތަކާއެކުކަމަށް ވިދާޅުވަމުން ކައުންސިލަރު މަޖީދާވެސް މިހުށަހެޅުމަށް ތާއީދުކުރެއްވި އެވެ. އަދި މިކަން ވީހާވެސް އަވަހަކަށް ހައްލުކޮށްދީ އެސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ލުއި ފަސޭހަ ގޮތެއް ހަދައިދިނުމަށެވެ. މަޖީދަ ވިދާޅުވީ ރައްޔިތުންނަށް އެ ސަރަހައްދުގެ ގޭތެރެއަށް ވެސް ފެން ވަންނަ ކަމަށާއި އެހެން ދިމާވަނީ ވިއްސާރަ މޫސުމުގައި ދިޔަވަރާއެކު ކުޅީގެ ފެންގަނޑު ބޮޑުވާތީ ކަމަށެވެ. އެހެންކަމުން މިކަމަށް އަވަސް ހައްލެއް ހޯދައިދޭން އެބަޖެހޭ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
ބަހުސްގައި ވާހަކަ ދައްކަމުން ކައުންސިލަރު ރިލްވާން ވިދާޅުވީ އެއާޕޯޓާ ގުޅިގެން ކުރަންޖެހޭ ވަރަށް ގިނަ ކަންތައްތަކެއް ނުކޮށް ހުރުމުން އެކަމުގެ ތަކުލީފު "އަޅުގަނޑުމެންނަށް" އުފުލަންޖެހިފައިވާ ކަމަށެވެ. ކުޅި ސަރަހައްދުގައި ނޫނަސް މިމައްސަލަ ޖެހިފައިވާ ކަމަށް ފާހަގަ ކުރައްވަމުން ރިލްވާން ވިދާޅުވީ މީހުން ދިރިއުޅޭ ބައެއް ސަރަހައްދުތަކުގައި މިކަހަލަ ގޮތަކަށް އޮޅުތައް ވެސް އެބަހުރި ކަމަށެވެ. އަދި މިކަމުގެ މިސާލެއްގެ ގޮތުން ރިލްވާން ދެއްކީ ހިރަފުސް ދަނޑުގެ އިރުއުތުރު ކަންމަތީގައި ހުރި އޮޅުތަކެވެ. މިކަމުގެ ސަބަބުން އެސަރަހައްދުގައި ދިރިއުޅޭ އާއްމު ރައްޔިތުންނަށް މިކަމުގެ އުދަނގުލާ ކުރިމަތިލާންޖެހޭ ކަމަށް ރިލްވާން ވިދާޅުވި އެވެ.
މަގު ހަދައި ސާފުކުރާއިރު ނަގަން ޖެހޭ ގަސްތައް ނަގައި އެހެން ތަނެއްގައި އިނދުމަށް ރިލްވާނު އެދުނެވެ.
މެމްބަރު އާތިފާ އަލީ ވިދާޅުވީ މިމަގު ހެދިގެން ދިއުމުން ކުޅީގެ ރީތިކަން ވެސް ފެނިގެންދާނެ ކަމަށާއި މިހާރުވެސް އެތަނަކީ ރީތި ތަނެއް ކަމަށެވެ. އަދި އާތިފާ ވިދާޅުވީ އޭނާ ދެކޭގޮތުގައި ކުރިއަށް އޮތްތާ ނޭޗާރ ޕާކެއް ކުޅީގައި އެޅިގެންދާއިރު މިކަމަށް ނޯ ވެހިކަލް ކޮންސެޕްޓް ވަރަށް ރަނގަޅު ވާނެ ކަމަށެވެ.
މިކަމާ ބެހޭގޮތުން މޭޔަރު އާތިފް ވިދާޅުވެލެއްވީ ޑެޕިއުޓީ މޭޔަރުވެސް ފާހަގަކުރި ފަދައިން އީއައިއޭ ރިޕޯޓްގައިވާ ގިނަ ކަންކަން ފުރިހަމަވެފައިނުވާ ކަމަށާއި މިކަމާ ގުޅިގެން އީޕީއޭއާ ވެސް އަދި އެންވަރަޔަމެންޓް މިނިސްޓްރީއާވެސް ވާހަކަދެކެވެމުންދާ ކަމަށެވެ.