twitterviber whatsapp telegramfacebookyoutube instagram
9th August 2025

އަތޮޅުތެރޭގެ ރައްޔިތުން ނިކަމެތިކޮށްލުމަށް ހުށަހަޅާފައިވާ ބިލު އަނބުރާ ގެންދިޔުމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ގޮވާލައިފި

އަބްދުލް ވާހިދު ޙަސަން
Aug 4, 2025

ސަރުކާރުގެ ފަރާތުން ލާމަރުކަޒީ ޤާނޫނު ބަދަލުކުރުމަށް ހުށަހަޅާފައިވާ ބިލު އަނބުރާ ގެންދިޔުމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ގޮވާލައިފި އެވެ.

ސިޓީ ކައުންސިލުން ނެރުނު ނޫސްބަޔާނުގައި ބުނީ؛ ސަރުކާރުގެ ފަރާތުން ގާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) އަށް އިޞްލާހު ގެނައުމަށް 27 ޖުލައި 2025 ވީ ދުވަހު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލަކީ ކައުންސިލްތައް އިދާރީ ގޮތުންނާއި މާލީގޮތުން ބާރުވެރިކުރުވުމަށް ނިމިދިޔަ 19 ވަނަ ރައްޔިތުންގެ މަޖިލީހުން ގެނެސްފައިވާ މުހިއްމު އިސްލާހުތަކުގެ ބާރު ކަނޑުވާލާ، ކައުންސިލްތަކަށް ލިބިދީފައިވާ މާލީ މިނިވަންކަމާއި، ވަޞީލަތްތަކުގެ މިލްކުވެރިކަމާއި، ރަށްރަށުގެ ޚިދުމަތްތަކާއި އުމްރާނީ ތަރައްޤީއަށް ފަހިވެގެން ދިޔަ ދޮރުތައް ބަންދުކުރުމުގެ ބޭނުމުގައި ސަރުކާރުން ގެންނަން ހުށަހަޅާފައިވާ ބަދަލުތަކެއްކަން ފާހަގަކުރެއްވި އެވެ.

މޭޔަރު އާތިފް ސޮއިކުރައްވައި ނެރުނު މި ބަޔާނުގައި ބުނެފައިވަނީ، މި ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ ރަށްތަކުގެ ރައްޔިތުންނަށް ލިބިފައިވާ ވަޞީލަތްތައް ބޭނުންކޮށްގެން މާލީ ނަފާ ހޯދުމަށާއި، އިގުތިސޯދު ބިނާކުރުމަށް ހުޅުވިފައިވާ އެންމެހާ ދޮރުތަކުގައި ތަޅުއެޅި، އަދި ރައްޔިތުން 05 އަހަރު ދުވަހުގެ ދައުރަކަށް އިންތިހާބުކޮށްފައިވާ ކައުންސިލްތަކުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށް ނުކުޅެދި، ކައުންސިލަރުންނާއި ރައްޔިތުންގެ ހައްޤުތަކެއް ގެއްލިގެންދާނެ ކަމަށެވެ.

އަދި މިބަދަލުތަކަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީން ކައުންސިލްތަކަށް މަތިކޮށްފައިވާ މަސްޢޫލިއްޔަތުތައް އަދާކުރުމަށް ހުރަސްއެޅޭނެ، ޤާނޫނު އަސާސީ އާއި ލާމަރުކަޒީ ޤާނޫނުގެ ރޫހާއި ވެސް ހިލާފު ބަދަލުތަކެއް ކަމަށާއި މިއީ މިސަރުކާރުން ލާމަރުކަޒީ ނިޒާމާއި ގުޅޭގޮތުން ކޮށްފައިވާ ދިރާސާގެ ނަތީޖާއަށްވެސް ރިއާޔަތްކުރުމެއްނެތި ގެންނަން ހުށަހަޅާފައިވާ ބަދަލުތަކެއްކަން ފާހަގަކުރެއްވި އެވެ.

"އެހެންކަމުން، ސަރުކާރުގެ ފަރާތުން ލާމަރުކަޒީ ޤާނޫނު ބަދަލުކުރުމަށް ހުށަހަޅާފައިވާ ބިލު އަނބުރާ ގެންދިޔުމަށް ގޮވާލަމެވެ. އަދި ބިލު އަނބުރާ ނުގެންދިޔަކަމުގައި ވީނަމަވެސް، ރައްޔިތުންގެ ހައްޤުގައި ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތަރި މެމްބަރުން މިބިލަށް ވޯޓު ނުދެއްވުމަށް އާދޭހާއިއެކު ދަންނަވަމެވެ." ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ނޫސްބަޔާނުގައިވެ އެވެ.

ސަރުކާރުން ހުށަހަޅާފައިވާ މިބަދަލުތަކުގެ ސަބަބުން ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ހިންގުމަށާއި، ޖުމްލަކޮށް ލާމަރުކަޒީ ނިޒާމަށް ކުރާނެ ނޭދެވޭ އަސަރުތައް މިއިދާރާއިން ދިރާސާކުރުމަށްފަހު އެކުލަވާލާފައިވާ ތަފްސީލީ ރިޕޯޓް މި ނޫސް ބަޔާނާއެކު ވަނީ އާންމުކޮށްފަ އެވެ. އެއީ؛

1- ލާމަރުކަޒީ ޤާނޫނުގެ 70 ވަނަ މާއްދާގެ (ބ) ގެ ފަހަތަށް ފުރަތަމަ އަކުރު އިތުރުކުރުން؛

• މިމާއްދާ މިގޮތަށް އިތުރުކުރުމުގެ ބޭނުމަކީ ކައުންސިލްތަކުން އުފައްދާ ލޯކަލް އޮތޯރިޓީ ކުންފުނިތައް މެދުވެރިކޮށް ރަށްތަކުގެ އިޤްތިޞާދީ ހާލަތު ރަނގަޅުކޮށް، ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދީ، ކައުންސިލްގެ އާމްދަނީ އިތުރުކުރުމަށާއި ރައްޔިތުންގެ މާލިއްޔަތު ތަނަވަސްކޮށް، ރަށުގެ ތަރައްޤީއަށް ހިންގަން ގަސްދުކުރާ މަޝްރޫޢުތައް ފަންޑުކުރުމަށް ހިންގޭނެ ހަރަކާތްތަކުގެ ދާއިރާ ހަނިކުރުމެވެ.

• މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުންނަމަ، 10 (ދިހައެއް) މިލިއަން ރުފިޔާއަށްވުރެ ކުޑަ އިންވެސްޓްމަންޓަކުން ކުރިއަށްގެންދާ، ޢުމްރާނީ ތަރައްޤީގެ މަސައްކަތްތައް ކަމުގައި ނުބެލޭވޭ ވިޔަފާރި ހަރަކާތްތައް ލޯކަލް އޮތޯރިޓީ ކުންފުންޏަކުން ނުހިންގޭނެއެވެ. މިއަދަދަކީ ގިނަ ކައުންސިލްތަކަށް ލިބޭ ދައުލަތުގެ ހިލޭ އެހީއާއި އެހެނިހެން ގޮތްގޮތުން ހޯދާ އާމްދަނީ ބޭނުންކޮށްގެން ކުންފުނީގެ ވިޔަފާރި ހަރަކާތެއް ފަށަން އިންވެސްޓްކުރަން ދަތިވާނެ ވަރުގެ ބޮޑު އަދަދެކެވެ. މި މާއްދާގެ ސަބަބުން ކުންފުނި އުފައްދައިގެން ވިޔަފާރިކޮށްގެން އާމްދަނީ އިތުރުކުރުމަށް ކައުންސިލްތަކަށް ލާމަރުކަޒީ ޤާނޫނުން ހޯދައިދީފައިވާ މިނިވަންކަން މުޅިންހެން ގެއްލިގެންދާނެއެވެ.

• އުމްރާނީ ތަރައްޤީގެ މަސައްކަތަކަށް ނުވި ނަމަވެސް ކުޅުދުއްފުށި ސިޓީ ކައުންސިލުން ލޯކަލް އޮތޯރިޓީ ކުންފުނި މެދުވެރިކޮށް ދޭން ނިންމާފައިވާ އެންމެ ފުރަތަމަ ޚިދުމަތްކަމުގައިވާ ޕްލޭ ސްކޫލްގެ ޚިދުމަތަކީ ޅަދަރީންގެ ސިކުނޑިތައް ތަރައްޤީކޮށް، ޢިޖުތިމާއީ ހުނަރާއި ބަސްމޮށުންތެރިކަމުގެ ހުނަރު ތަރައްޤީކުރުމާއި، ސްކޫލްގެ މާހައުލަށް ކުއްޖާ އަހުލުވެރިކުރުވުމާއި ކުޅިވަރުގެ ތެރެއިން މުހިއްމު ކަންތައްތަކެއް ދަރިންނަށް ދަސްކޮށްދިނުމަށްޓަކައި ކޮންމެހެން ފޯރުކޮށްދޭންޖެހޭ، ރަށުގައި އޮތް ޑިމާންޑާއި އެކަށީގެންވާ މިންވަރަށް، އެކަށީގެންވާ އަގެއްގައި، އެކަށީގެންވާ މާހައުލެއްގައި އަދި އެކަށީގެންވާ ވަޞީލަތްތަކާއިއެކު ފޯރުކޮށްދެވެމުން ނުދާ، ނުހަނު ބޭނުންތެރި ޚިދުމަތެކެވެ.

• އަދި މީގެ އިތުރުން ކުދި އެހެންނަމަވެސް ރަށުގެ ވިޔަފާރިތައް މެދުވެރިކޮށް މަގުފަހިވެފައިނުވާ ނަމަވެސް ރައްޔިތުންނަށް މުހިންމުކަންކަން ފަދަ ރަށަށް ބޭނުންވާ ހުދުކޫޑި ބޭސް އަދި އެހެނިހެން ޕެސްޓިސައިޑް/އިންސެކްޓިސައިޑް ސަޕްލައިކުރުމަށް ކުރެވިފައިވާ މަސައްކަތްތައް ނާކާމިޔާބުވެ، އެތަކެތި ރައްޔިތުންނަށް ބޭނުންވާ މިންވަރަށް ފަސޭހަކަމާއިއެކު ލިބޭނެ އިންތިޒާމު ހަމަޖައްސުން ފަދަ ރައްޔިތތުންނަށް މުހންމު ކަންކަމަޚިވެސް ލޯކަލް އޮތޯރިޓީ ކުންފުނި މެދުވެރިކޮށް ކުޅުދުއްފުށި ސިޓީ ކައުންސިލުން ކުރަންބޭނުންވާ މުހިއްމު މަސައްކަތްތަކެވެ. ނަމަވެސް މި އިޞްލާހުގެ ސަބަބުން ލޯކަލް އޮތޯރިޓީ ކުންފުނިތައް މެދުވެރިކޮށް ރައްޔިތުންނަށް ބޭނުންވާ މިފަދަ ޒަރޫރީ ޚިދުމަތްތައް ފޯރުކޮށްދިނުމަކީ ނާދިރުކަމަކަށް ވެގެންދާނެއެވެ.

2- ލާމަރުކަޒީ ޤާނޫނުގެ 70 ވަނަ މާއްދާގެ (ބ) ގެ ފަހަތަށް ދެވަނަ އަކުރު އިތުރުކުރުން ؛

• މި އަކުރު އިތުރުކުރުމުގެ ބޭނުމަކީ ކައުންސިލްތަކުން އިންވެސްޓްކޮށްގެން ލޯކަލް އޮތޯރިޓީ ކުންފުނިތައް މެދުވެރިކޮށްގެން ފަށާފައިހުރި، ފައިދާވާ ވިޔަފާރި ހަރަކާތްތައް ހުއްޓުވާލުން ކަމުގައި ބެލެވެއެވެ. އެހެނީ 10 (ދިހައެއް) މިލިއަން ރުފިޔާގެ އިންވެސްޓްމަންޓަކާއި އެކު ފަށާފައިވާ ޢުމްރާނީ ތަރައްޤީގެ މަސައްކަތްތައް ފިޔަވާ އެހެން އެންމެހާ ވިޔަފާރި ހަރަކާތްތައް މި އިޞްލާހު ފާސްކޮށް ޤާނޫނަށް އަމަލުކުރަންފަށާތާ 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި ހުއްޓާލަން ސަރުކާރަށް އެންގޭނެއެވެ. މިފަދަ ގޮތަކަށް ރަށްރަށުގެ މާލިއްޔާއިން އިންވެސްޓްކޮށްގެން ފަށާ، ކޮޅަށް ޖަހާފައިހުރި ވިޔަފާރިތައް ފުނޑިގެން، ހުއްޓިގެން ދިޔުމަކީ ރަށްރަށުގެ ރައްޔިތުންގެ ފުދުންތެރިކަމަށާއި، ރަށްރަށުގެ އިޤްތިޞާދަށް އޭގެ ސީދާ ގެއްލުން ލިބޭނެކަމެކެވެ.

• މައި ސަރުކާރުން އަމިއްލަ ފަރާތްތަކުން ކުރަމުންދާ ވިޔަފާރިތަކުގެ ތެރެއަށްވަދެ، ޓެކްސީ ލައިން ތަޢާރަފްކުރުމާއި އައިނުގެ ވިޔަފާރިކުރުމާއި، ސަރުކާރުގެ ކުންފުނިތައް މެދުވެރިކޮށް މިފަދަ ވިޔަފާރި ހަރަކާތްތަކުގެ ތެރެއަށް ވަންނަމުންދާ މިފަދަ ދަނޑިވަޅެއްގައި މި އިޞްލާހަކީ އެއްވެސް ވަރަކަށް ބަލައިގަނެވޭނެ އިޞްލާހެއްނޫނެވެ.

3- ލާމަރުކަޒީ ޤާނޫނުގެ 75 ވަނަ މާއްދާގެ (ނ) ގެ ފަހަތަށް އަކުރެއް އިތުރުކުރުން:

• ކުޅުދުއްފުށި ސިޓީ ކައުންސިލަށް އަހަރެއްގެ މައްޗަށް ލިބޭ އާމްދަނީގެ ތެރެއިން 3،994،950.52ރ (ތިން މިލިއަން ނުވަލައްކަ ނުވަދިހަ ހަތަރުހާސް ނުވަސަތޭކަ ފަންސާސް ރުފިޔާ ފަންސާސް ދެލާރި) ހިއްސާކުރަނީ މުވާސަލާތީ ޚިދުމަތް ފޯރުކޮށްދިނުމަށާއި، ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދިނުމަށާއި، ބޭންކިންގެ އަސާސީ ޚިދުމަތްތަކާއި ސަރުކާރުގެ އެހެނިހެން އިދާރާތަކުގެ ޚިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި އެކިއެކި ކުންފުނިތަކާއި ދައުލަތުގެ އިދާރާތަކަށް ދޫކޮށްފައިވާ ބިންތަކަށް ލިބޭ ކުއްޔެވެ.

• މިއާމްދަނީ އަކީ ކުރިން އެއްބަސްވުމެއްނެތި ދޫކުރެވިފައިވާ އިމާރާތްތަކާއިގުޅޭ ކުލީގެ އެއްބަސްވުންތައް އެކުލަވާލުމަށާއި، ކުރިން ހެދިފައިހުރި އެއްބަސްވުންތައް މުރާޖާކޮށް އެފަރާތްތަކުން ކައުންސިލަށް ދައްކާ ކުއްޔަކީ މިހާރުގެ ރަށުގެ ބިމުގެ ވެލިޔުއާއި އެކަށީގެންވާ އަދަދުތަކަކަށް ހެދުމަށް ކުރެވުނު މިންނެއް މަސައްކަތްތަކުން ކައުންސިލްގެ މިދައުރުގައި ރައްޔިތުންގެ މާލިއްޔާއަށް އިތުރުކުރެވިފައިވާ އާމްދަނީއެވެ. އަދި މިފަދަ މަސައްކަތްތަކުން ކައުންސިލަށް ލިބޭ އާމްދަނީއަކީ ރަށުގެ ޢުމްރާނީ، އިޤްތިޞާދީ އަދި ޢިޖުތިމާއީ ތަރައްޤީގެ މަޝްރޫއުތައް ފުރިހަމަކަމާއިއެކު ބާރު ދުވެލީގައި ކުރިއަށް ގެންދެވުމުގެ އަސްލުކަންވެސް ފާހަގަކުރެވެއެވެ.

• ކައުންސިލްތައް މާލީ ގޮތުން ބާރުވެރިވެ ރައްޔިތުން ބޭނުންވާ ތަރައްޤީގެ މަޝްރޫއުތައް ހިންގުމަށް ބޭނުންވާ ފައިސާ ލިބެން ހުރި މިފަދަ ދޮރުތައް ބަންދުކުރުމަށް ލާމަރުކަޒީ ޤާނޫނަށް މިފަދަ އިސްލާހުތައް ހުށަހެޅުމަކީ އޭގެ ސަބަބުން ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރަށްރަށުގެ ތަރައްޤީގެ ދުވެއްޔަށް އައިސްފައިވާ ހެޔޮބަދަލުތައް ހީނަރުވެގެންދާނެ ކަމެކެވެ. އަދި މި އިސްލާހުގެ ސަބަބުން ސަރުކާރު ހިއްސާވާ، ފައިދާވާ، ބިޔަ ކުންފުނިތަކުން ރަށްރަށުގައި ހިންގާ އޮޕަރޭޝަންތަކަށް ބޭނުންކުރާ ބިމަކީ ރައްޔިތުން އެފަރާތްތަކަށް ހިލޭ ދޭންޖެހޭ އެއްޗަކަށް ބަދަލުވެ، ރާއްޖެތެރޭގެ ރައްޔިތުންނާއި ކައުންސިލްތައް ނިކަމެތިވެގެންދާނެއެވެ. އަދި މިފަދަ ކުންފުނިތަކުން މައިސަރުކާރަށް ލިބޭ އާމްދަނީ އެތައް ގުނައެއް އިތުރުވެގެންދާނެއެވެ. ނަމަވެސް އޭގެ ބަދަލުގައި ރާއްޖެތެރޭގެ ރައްޔިތުން މިފަދަ އަސާސީ ޚިދުމަތްތަކަށް ދައްކަންޖެހޭ ފީތަކަށް އެދެވޭ އެއްވެސް ބަދަލެއް ނާންނާނެކަންވެސް ފާހަގަކުރަމެވެ.

4- ލާމަރުކަޒީ ޤާނޫނުގެ 79 ވަނަ މާއްދާގެ (ނ) އިޞްލާހުކުރުން :

• މި އިޞްލާހުގެ ސަބަބުން ކައުންސިލްތަކަށް މައިސަރުކާރުން ދޫކުރާ ބްލޮކް ގްރާންޓްގެ ފައިސާގެ ތެރެއިން ކައުންސިލްތަކުގެ ރުހުމާއިނުލައި، އެއީ މައިސަރުކާރުގެ އިދާރާތަކަށް ދައްކަންޖެހޭކަމަށް އެފަރާތްތަކަށް ފެންނަ ކޮންމެ އަދަދެއް އުނިކުރުމުގެ ބާރާއި އިޚްތިޔާރު މައިސަރުކާރަށް ލިބިގެންދެއެވެ. ނަމަވެސް ކައުންސިލްތަކުން ގިނަ ފަހަރަށް ނުދައްކާ މަޑުޖައްސާލާފަ ހުންނަ ބިލް ނުވަތަ ފައިސާއަކީ މައިސަރުކާރުގެ އިދާރާއާއި ކައުންސިލާއި ދެމެދު އުފެދޭ ދެބަސްވުންތަކުގެ (ޑިސްޕިއުޓްތަކުގެ) ސަބަބުން ވަކިގޮތެއް ނުނިމިގެން ނުވަތަ ވަކި އެއްބަސްވުމަކަށް ނާދެވިގެން ނުދައްކާ ހުންނަ ފައިސާއެވެ.

• ވީއިރު މިކަމަކީ ޤާނޫނުގައި ލިޔެގެން، ބްލޮކް ގްރާންޓްގެ ގޮތުގައި ދައުލަތުގެ ބަޖެޓުން ކައުންސިލްތަކަށް ދޫކުރާ މަދު ފައިސާކޮޅުން ބައެއް، ކައުންސިލްތަކުގެ ބަހެއްނެތި އަތުލައިގެން ހައްލުކުރަން އުޅޭނަމަ އެކަމުގެ ބޭއިންސާފާއި ނިކަމެތިކަން ރާއްޖެތެރޭގެ ރައްޔިތުން ތަހައްމަލުކުރަންޖެހޭނެ ކަމެކެވެ. އޭގެ ބަދަލުގައި މިފަދަ މައްސަލަތައް ހައްލުކުރަންވާނީ، ކޭސް ބައި ކޭސް ރިވިއުކޮށް، ކައުންސިލްތަކަށްވެސް ބަސްބުނުމުގެ ފުރުޞަތު ދީގެންނެވެ.

5- ލާމަރުކަޒީ ޤާނޫނުގެ 100 ވަނަ މާއްދާގެ (ށ) ގެ ފަހަތަށް ދެ އަކުރު އިތުރުކުރުން؛

• ކައުންސިލްތަކަށް ލިބޭ ބްލޮކް ގްރާންޓާއި، ހޯދާ އާމްދަނީ އަކީ މިހާރުވެސް ދަޢުލަތުގެ މާލިއްޔަތު ގަވާއިދުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ޚަރަދުކުރަންޖެހޭ އެއްޗަކަށް ވެފައި އަދި ކައުންސިލްތަކުގެ ޚަރަދު ރިޕޯޓްތަކާއި ރީކޮންސައިލްޑް ސްޓޭޓްމަންޓްތަކަކީ މިހާރުވެސް ފިނޭންސް މިނިސްޓްރީއަށް ގަވާއިދުން ފޮނުވަންޖެހޭ ލިޔުންތަކަކަށް ވީއިއިރު މިއީ އަލުން މިޤާނޫނުގައި މިގޮތަށް އިބާރާތްކުރެވިފައި އޮންނަންޖެހޭ މައްދާތަކެއް ނޫނެވެ. އަދި މިކަންކަމަކީ އިތުރަށް ފިނޭންސް މިނިސްޓްރީއިން އުޞޫލުތަކެއް ކަނޑައަޅަންޖެހޭ ކަމެއްވެސް ނޫނެވެ.

• މިމާއްދާ މިގޮތަށް ބޭއްވުމުގެ ބޭނުމަކީ ކައުންސިލްތައް މާލީގޮތުން ޒިންމާދާރުކުރުވުމުގެ ބަދަލުގައި ކައުންސިލްތަކަށް މާލީގޮތުން މިހާރު ލިބިދީފައިވާ މިނިވަންކަން ނަގާލާ، ކައުންސިލްތަކުގެ މާލީ ހިންގުމާއި ގުޅޭ ކަންކަމުގެ ކޮންޓްރޯލް މައިސަރުކާރަށް ނެގުން ކަމުގައި ގަބޫލުކުރެވެއެވެ. އަދި ޤާނޫނު މިގޮތަށް އިސްލާހުކުރުމަށްފަހު އެކުލަވާލާ އެއްވެސް ޢުޞޫލަކީ ކައުންސިލްތަކަށް އެއާއިމެދު އެއްވެސް ވަރަކަށް ބަސްބުނުމުގެ ފުރުޞަތު ނުދީ އެކުލަވާނެ އުޞޫލުތަކެއް ކަންވެސް ފާހަގަކުރަމެވެ.

• މިބީދާއިން ސަރުކާރުން ކައުންސިލްތަކުގެ މާލީ ބާރުވެރިކަން ނަގާލައިފިނަމަ މިހާރު ސަރުކާރުގެ އެހެން އިދާރާތަކުން ކޮންމެ ޚަރަދެއްކުރުމަށް ފިނޭންސް މިނިސްޓްރީގެ ހުއްދަ ހޯދަންޖެހޭ އުޞޫލުން ކައުންސިލްތައްވެސް މައި ސަރުކާރު އަތްދަށުވެ ކައުންސިލްގެ މަސައްކަތްތައް އެކީހެން ހުއްޓިގެންދާނެއެވެ. އަދި ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ކުރުމާއި މުވައްޒަފުން ތަމްރީން ވުމަށް ލިބޭ ފުރުޞަތުތައްވެސް ހުއްދަ ނުލިބިގެން ބޭކާރުވުމުގެ ފުރުޞަތު އެބައޮތެވެ.

6- ލާމަރުކަޒީ ޤާނޫނުގެ 144 ވަނަ މާއްދާގެ ފަހަތަށް މާއްދާއެއް އިތުރުކުރުން:

• 2025 ވަނަ އަހަރަކީ ކައުންސިލްތަކަށް މިދައުރުގައި ލިބޭ ފަހު އަހަރުކަމަށް ދެކިގެން، ކައުންސިލްތަކުން ރައްޔިތުންނަށް ވެފައިހުރި ވައުދުތައް ފުއްދުމަށްޓަކައި، 2025 ވަނަ އަހަރުގެ މަސައްކަތު ތާވަލުތަކާއި ބަޖެޓް އެކުލަވާލާ ފާސްކޮށް، އެއާއި އެއްގޮތަށް މުވައްޒަފުން ނެގުމާއި، ބިންތައް ކުއްޔަށް ދިނުމާއި އަދި ތަރައްޤީގެ މަޝްރޫއުތައް ކުރިއަށް ގެންދަނިކޮށް އަހަރުގެ ތިންބައިކުޅަ ދެބައި ނިމެން ގާތްވެފައި އޮއްވާ ޤާނޫނަށް މިފަދަ އިޞްލާހެއް ގެނެސް، ދައުރުގެ ފަހު ވަގުތު ކައުންސިލްތަކުގެ ބާރު ކަނޑުވާލާ އަތްފައި ބަނުމަށް ކުރެވޭ މަސައްކަތެއްގެ ގޮތުގައި މި މާއްދާ ފާހަގަކުރެވެއެވެ.

• ކުޅުދުއްފުށި ސިޓީ ކައުންސިލުން ރައްޔިތުންނަށް ފޯރުކޮށްދޭ އިޖުތިމާއީ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް ރަށުގެ އިޖުތިމާއީ ފޭރާން ވަރުގަދަކޮށް މުޖުތަމައުގައިހުރި ނޭދެވޭ އެކިއެކި މައްސަލަތައް ހައްލުކުރުމުގެ ބޭނުމުގައި އުފެއްދުމަށް ތައްޔާރުވެފައިވާ ސޯޝަލް ސަރވިސް ޔުނިޓާއި، ރައްޔިތުންނަށް ކައުންސިލުން ފޯރުކޮށްދޭ ޚިދުމަތްތައް ޑިޖިޓަލައިޒްކޮށް ލުއިފަސޭހަކަމާއި އެކު ރައްޔިތުންނާއި ގާތުން ފޯރުކޮށްދީ، ރައްޔިތުންނާއި ކައުންސިލާއި ދެމެދު އޮންނަ ގުޅުން ވަރުގަދަކޮށް، ރައްޔިތުން ބޭނުންވާ ފެންވަރުގެ ޚިދުމަތްތަކެއް ލިބޭ ތަނަކަށް ކައުންސިލް ހެދުމަށްޓަކައި އުފެއްދުމަށް ތައްޔާރުވެފައިވާ ސިޓިޒަން ސަރވިސް މެނޭޖްމަންޓް ޔުނިޓް އެކުލަވާލުމުގެ މަސައްކަތް މި އިސްލާހުގެ ސަބަބުން ހުއްޓާލަންޖެހޭނެއެވެ.

• އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކައްކާ ގޭސް ގުދަން ކުރުމާއި ފިއުލް ބައުޒަރު އަދި ހެވީ ވެހިކަލް ޕާރކް ކުރުން ފަދަ ކަންތައްތައް ކުރުމަށް ރަށުގައި އެކަންކަމަށް ހާއްސަ ސަރަހައްދުތަކެއް ކަނޑައަޅާ އެބޭނުންތަކަށް ބިންކުއްޔަށް ދިނުމަށާއި އަދި ލޭންޑް ޔޫސް ޕްލޭނާއި އެއްގޮތަށް އެކިއެކި ބޭނުންތަކަށް ކަނޑައެޅިފައިވާ ބިންތައް ތަރައްޤީކޮށް ރަށުގެ އިޤްތިޞާދު ވަރުގަދަކޮށް، ރައްޔިތުންގެ ފުދުންތެރިކަން އިތުރުކުރުމުގެ ބޭނުމުގައި މިއަހަރުގެ ތެރޭގައި ކުއްޔަށް ދިނުމަށް ކަނޑައަޅާފައިވާ ބިންތައް ކުއްޔަށްދިނުމުގެ މަސައްކަތްތައްވެސް ހުއްޓި، ކައުންސިލްގެ އާމްދަނީ އިތުރުކުރުމަށް އޮތް އިތުރު ދޮރެއް ބަންދުވެގެންދާނެއެވެ.

• 2021 ވަނަ އަހަރު ކައުންސިލްތަކުން އެކުލަވާލާފައިހުރި ތަރައްޤީގެ ޕްލޭންތަކުގައި ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާޞިލްކުރުމަށް 2025 ވަނަ އަހަރަށް ތަވާލު ކުރެވިފައިވާ ހުރި މަސައްކަތްތަކާއި ޕްރޮޖެކްޓްތަކަކީ ކޮންމެހެން ބަހުން ބަހަށް ތަރައްޤީގެ ޕްލޭނުގައި ލިޔެވިފައި ނެތް ހަރަކާތްތަކެއް ކަމަށްވެދާނެއެވެ. މި އިސްލާހުގެ ސަބަބުން މައިސަރުކާރުން ބޭނުންވެއްޖެ ނަމަ އެފަދަ އެންމެހާ މަޝްރޫޢުތައްވެސް ހުއްޓުވާލުމުގެ ބާރު ސަރުކާރަށް ލިބިގެންދާނެއެވެ.

• މި އިސްލާހު ސިފަކުރެވެނީ ރައްޔިތުން 05 އަހަރު ދުވަހުގެ ދައުރަކަށް އިންތިހާބުކުރި ކައުންސިލް މެމްބަރުންނަށް ދައުރުގައި ދުވަސްތަކެއް ބާކީ އޮއްވާ އެފަރާތްތަކަށް ލިބިފައިވާ ހައްޤުތަކަކާއި ބާރުތަކެއް ގަދަކަމުން ނިގުޅައިގަތުމަށް ކުރެވޭ މަސައްކަތެއްގެ ގޮތުގައިވެސްމެއެވެ.

ކައުންސިލުން އިތުރަށް ބުނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ އަށްވަނަ ބާބުން ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ ލާމަރުކަޒީ ނިޒާމާއި، އެ ނިޒާމުގެ ތެރެއިން ވޭތުވެދިޔަ 15 އަހަރު ދުވަހުގެ ތެރޭގައި އިދާރީ ގޮތުންނާއި، ސިޔާސީ ގޮތުންނާއި މާލީ ގޮތުން ރާއްޖޭގެ ލޯކަލް ކައުންސިލްތަކަށް އަދި ރާއްޖެތެރޭގެ ރައްޔިތުންނަށް ލިބިދީފައިވާ ބާރުވެރިކަން އަނބުރާ ގެންގޮސް، ބާރުތައް އަލުން މަރުކަޒުކުރުން ކަމުގައި އެވެ.

އަދި ރާއްޖެތެރޭގެ ތަރައްޤީއަށް ހުރަސްއެޅުމަށް މަޖިލީހުގެ ތެރެއިން ކުރަމުންދާ މިފަދަ މަސައްކަތްތަކަކީ ޤާނޫނު އަސާސީއާއި ލާމަރުކަޒީ ޤާނޫނުގެ ރޫހާއިވެސް ޚިލާފުކަމެކެވެ. ލާމަރުކަޒީ ޤާނޫނު އުފަންވުމަށްފަހު އެތައް ރައްޔިތުންނެއްގެ މިންނެތް މަސައްކަތުން ހޯދާފައިވާ މިފަދަ ކުރިއެރުންތަކަށް ހުރަސްއެޅޭގޮތަށް ކަންކަން ކުރުމަކީ ޤާނޫނު ކައުންސިލްތަކަށް މަތިކޮށްފައިހުރި މަސްއޫލިއްޔަތުތައް އަދާކުރުމުގައިވެސް ނުހަނު ގިނަ ދަތިތަކާއި ގޮންޖެހުންތައް ކުރިމަތިވާނެ ކަމެކެވެ. އަދި މީގެ އިތުރުން 05 އަހަރު ދުވަހަށް އިންތިހާބުވެފައިވާ ކައުންސިލެއްގެ ދައުރުގެ ވަކި ހިސާބަކުން މިފަދަ އިސްލާހުތަކެއް ހުށައެޅުމަކީ އިންތިހާބުވެފައިވާ ކައުންސިލަރުން ކޮށްފައިވާ ތަސައްވާރާއި، ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށް އޮތް މަގުތައް ބަންދުވެ، އެ ކައުންސިލަރުންނާއި ރައްޔިތުންގެ ހައްގުތައްވެސް ގެއްލޭ އިސްލާހުތަކެއްކަން ކައުންސިލްގެ ބަޔާނުގައި ފާހަގަކުރަމެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355