ލޯކަލް ކައުންސިލުތަކަށް ލިބިދީފައި އޮތް ބާރު ހަނިކުރުމާއެކު ކުޅުދުއްފުށީ ރައްޔިތު މާލިއްޔާއަށް އަހަރަކު 4 މިލިއަނެއްހާ ރުފިޔާގެ ގެއްލުން ލިބޭނެކަމަށް މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެ އެވެ.
ވިޔަފާރި ކުރުމަށާއި ތަންތަން ކުއްޔަށް ދޫކުރުމަށާއި ތަރައްގީގެ ޕްރޮޖެކްޓުތައް ހިންގަން އަދި މުވައްޒަފުން ނަގަން ލޯކަލް ކައުންސިލުތަކަށް ލިބިދީފައި އޮތް ބާރު ހަނިކުރަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު މިއަދު ފާސްކުރީ، އެ ބިލް އަނބުރާ ގެންދިޔުމަށް 50 އަށްވުރެގިނަ ކައުންސިލްތަކުން އެދި ބަޔާން ނެރެފައިވަނިކޮށްނެވެ.
ސިޓީ ކައުންސިލުން ކޮންމެ އަހަރަކުވެސް ބާއްވަމުންދާ 'ކުޅުދުއްފުށީ ޗެމްޕިއަންޝިޕްގެ' ގުރުއަތުލުމަށް މިއަދު މެންދުރުފަހު ބޭއްވި ހަފުލާގައި ވާހަކަދައްކަވަމުން މޭޔަރު އާތިފް ވިދާޅުވީ، ގިނަ ހަރަކާތްތައް ކުރިއަށްގެންދެވެނީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ލިބުނު މާލީ ބާރުވެރިކަމާއެކު ކަމަށެވެ.
އެހެންނަމަވެސް ލާމަރުކަޒީ ނިޒާމުން ކައުންސިލްތަކަށް ލިބުނު ބާރުތައް ހަނިކުރަން ސަރުކާރުން ހުށަހެޅި ބިލުގައި ބޮޑެތި ކަންބޮޑުވުންތަކެއް ހުރި ކަމަށެވެ. އެގޮތުން ފަހު އަހަރު ކައުންސިލްތަކަށް މަސައްކަތް ނުކުރެވޭ ގޮތަށް އޮތުމާއި އާމުދަނީ އިތުރުކުރަން ހުރި މަސައްކަތް ހުއްޓުވާލާނެ ކަމަށެވެ. އަދި ކުންފުނިތަކުން ކައުންސިލަށް ލިބޭ އާމުދަނީ ހުއްޓިގެންދާނެ އެވެ.
އާތިފް ވިދާޅުވީ، އެ ބިލް ފާސްވުމުން ކުޅުދުއްފުށީ ސިޓީ ކައުންސިލަށް އަހަރަކު ހަތަރު މިލިއަން ރުފިޔާގެ ގެއްލުން ލިބޭނެކަމަށް ދިރާސާއިން ދައްކާ ކަމަށެވެ. އެހެންވުމުން އާތިފް އެދިވަޑައިގެންނެވީ ރަށުގެ ހައްގުގައި ހުރިހާ ފަރާތްތަކުންވެސް މަސައްކަތްކޮށްދިނުމަށެވެ. އަދި ވަކި ހާއްސަކޮށް ރަށުގެ ސިޔާސީ ފަރާތްތަކުން އެ ބިލް ފާސްނުރަން ބާރު އަޅަން މަސައްކަތްކޮށްދިނުމަށްވެސް އޭނާ އެދިވަޑައިގެންނެވި އެވެ.
އަދި ބިލާއެކު ކައުންސިލްގެ މަސައްކަތްތައް ހިންގުމަށް ނަގައި ޓެކްނިކަލް މުވައްޒަފުންވެސް ނެގުން ހުއްޓި، ތަރައްގީގެ ޕްލޭން ހިންގުމަށް ހުރި ހަރަކާތްތަކަށް ދަތިވާނެކަމަށެވެ.
ކޮމިޓީ މަރުހަލާގައި މާ ގިނަ ބަދަލުތަކެއް ނުގެނެސް މި ބިލު ފާސްކުރީ 51 މެންބަރުންގެ ވޯޓާއެކު އެވެ. އެ ބިލާ ދެކޮޅަށް އެމްޑީޕީއަށް ނިސްބަތްވާ އަށް މެންބަރުން ވޯޓު ދެއްވި އެވެ.
މި ބިލު ފާސްނުކޮށް، އަނބުރާ ގެންދިޔުމަށް ގިނަ އަދަދެއްގެ ކައުންސިލްތަކުން ވަނީ ގޮވާލާފަ އެވެ. އޭގެ ތެރޭގައި ސިޓީ ކައުންސިލްތަކާއި، އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތައް ވެސް ހިމެނެ އެވެ. އިދިކޮޅު އެމްޑީޕީން ވެސް ވަނީ މި ބިލު ފާސްކުރުމަކީ ކައުންސިލްތަކުގެ ބާރު އެއްކޮށް ކަނޑުވައިލުން ކަމަށް ބުނެ ބިލު އަނބުރާ ގެންދިޔުމަށް ގޮވާލާފަ އެވެ.
މި ބިލަށް އާންމުންގެ ހިޔާލު ހުށަހެޅުމަށް ދިނީ އެންމެ 24 ގަޑިއިރަށް ވުރެ ކުރު މުއްދަތެކެވެ. ނަމަވެސް، އެ މުއްދަތުގައި ވެސް ބައެއް ޖަމިއްޔާތަކާއި ކައުންސިލްތަކާއި ޕާޓީތަކުން ބިލާ މެދު ދެކޭ ގޮތް މަޖިލީހާ ހިއްސާކުރި އެވެ. އެހެންނަމަވެސް ހިޔާލުތަކަށް ރިޔާއަތްނުކޮށް އަވަސް އަރުވާލައި ބިލްވަނީ ސަރުކާރުން ބޭނުންވާ ގޮތަށް ފާސްކޮށްފަ އެވެ.