twitterviber whatsapp telegramfacebookyoutube instagram
28th March 2024

ފޮއްދޫގެ ފެނާއި ނަރުދަމާގެ އަމަލީ މަސައްކަތް ފަށައިފި

ނަބީލާ އިސްމާޢީލް
Jul 14, 2021

ނ. ފޮއްދޫގައި ކުރިޔަށްދާ ފެނާ ނަރުދަމާ ތަރައްގީކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިގެން ހަލުވިކަމާއެކު ކުރިޔަށްދާކަމަށް މޯލްޑިވްސް ވޯޓާ އެންޑް ސިވެރެޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ބުނެފިއެވެ.

އެމްޑަބްލިއުއެސްސީ އިން ބުނީ މިހާރު ކުރިޔަށްދަނީ ފެން ޕްލާންޓް ބަހައްޓަން އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގް އިމާރާތްކުރުމުގެ މަސައްކަތްކަމަށެވެ. އަދި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމްކުރުމަށް ބޭނުންވާ ހޮޅިއާއި އެހެނިހެން ތަކެތި މިހާރު ފޮއްދޫއަށް ގެންދެވިފައިވާކަމަށްވެސް އެ ކުންފުނިން ބުނެއެވެ.

އެ ކުންފުނިން ބުނީ މި މަޝްރޫއުގައި ހިމެނޭ ފެނުގެ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތުގެ ދަށުން ފޮއްދޫގައި 4.76 ކިލޯމީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކެއް އެޅުމަށް ނިންމައިފައިވާކަމަށެވެ.

އެއާއެކު އާރު.އޯ ފެސިލިޓީ ބިލްޑިންގް އިމާރާތް ކުރުމާއި ފެން އުފެއްދުމަށްޓަކައި ދެ އާރު.އޯ ޕްލާންޓް ބެހެއްޓުމުގެ މަސައްކަތް ކުރުމަށްވެސް ނިންމައިފައިވާކަމަށް އެ ކުންފުނިން ބުންޏެވެ. އެގޮތުން ފެން ރައްކާކުރުމަށްޓަކައި ތިން ތާނގި ބަހައްޓާނެކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ.

މަޝްރޫއު ނިމިގެންދާއިރު އެރަށު ގޭގޭގައި ފެންމީޓަރ ބަހައްޓައި، ފެނުގެ ކަނެކްޝަން ގުޅައިދީ، ގެތަކަށް ރައްކާތެރި ބޯފެން ފޯރުކޮށްދެވިގެންދާނެކަމަށް އެމްޑަބްލިއުއެސްސީ އިން ބުންޏެވެ.

މި މަޝްރޫގައި ހިމެނޭ ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ދަށުން ފޮއްދޫގައި 3.89 ކިލޯމީޓަރުގެ ދިގު ނަރުދަމާ މައި ނެޓްވޯކް ގާއިމްކުރުމުގެ މަސައްކަތްކުރިޔަށް ގެންދާނެއެވެ. އަދި 454 މީޓަރުގެ ޕަންޕިން ލައިން އެޅުމާއި، ނަރުދަމާގެ އިދާރީ ބިލްޑިންގް އިމާރާތް ކުރުމުގެ އިތުރުން ދެ ޕަންޕިންގް ސްޓޭޝަނާއި އަދި އެއް ސީއައުޓް ފޯލް ގާއިމްކުރުމުގެ މަސައްކަތްވެސް ކުރިޔަށް ގެންދާނެއެވެ.

މީގެއިތުރުންވެސް ގޭގޭގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާ ކަނެކްޝަން ގުޅައިދީ މިގެތަކަށް ނަރުދަމާގެ ހިދުމަތް ފޯރުކޮށްދެވިގެން ދާނެކަމަށް އެމްޑަބްލިއުއެސްސީއިން ބުންޏެވެ.

އަދި މިމަޝްރޫގެ ދަށުން ފެނާއި ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނެރޭޓަރު ސެޓާއި ވެހިކަލް އަދި ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސާމާނުވެސް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާކަމަށްވެސް އެ ކުންފުނިން ބުނެއެވެ.

ފޮއްދޫގެ ފެނާއި ނަރުދަމާގެ މަޝްރޫއަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ. މިމަޝްރޫގެ އަގަކީ 58 މިލިއަން ރުފިޔާއެވެ. އަދި މި މި މަޝްރޫއު އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްފައިވަނީ 540 ދުވަހުން މަސައްކަތް ނިންމާ ގޮތަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355