twitterviber whatsapp telegramfacebookyoutube instagram
26th April 2024

"އަލަނާސި" ލޭ މައްޗަށްދާ މީހުންނަށް ފަރުވާއެއް

ނަބީލާ އިސްމާޢީލް
Jul 15, 2021

އިހު ޒަމާނުގައި އަލަނާސިއަކީ ހަމަ އެކަނި ރޯދަމަހަށް ހާއްސަ މޭވާއެއް ނަމަވެސް، މި ފަހަކަށް އައިސް އަހަރެމެން ދިވެހިންގެ ތެރޭގައި ވަރަށް އާންމު މޭވާ އެކެވެ. ރައްޓެހިންނާ އެކު ދަތުރެއް ދިޔަސް އަލަނާސިއެއް ނުގެންދެވިއްޖެ ނަމަ ދަތުރު ފުރިހަމައެއް ނުވާ ކަހަލަ އެވެ. އަލަނާސިއަކާ އެކު ފޮޓޯއެއް ނަގާލަން ނުލިބިއްޖެ ނަމަ އެ ދަތުރު އެއީ ވަރަށް ފޫހި ދަތުރަކަށްވުން ގާތެވެ.

ނަމަވެސް އަލަނާސިން އެއަށްވުރެންވެސް ފައިދާހުރި މާއްދާތަކެއް ހަށިގަނޑަށް ލިބޭކަން ގިނަބަޔަކަށް އެނގެންވެސް އެނގޭނެ އެވެ. އެގޮތުން އަލަނާސީގައި ސޯޑިއަމް ނުވަތަ ލޮނު ހުންނަނީ މަދު މިންވަރަކަށެވެ. ތެޔޮ، ސަރުބީ، އަދި ލޮނު ހަށިގަނޑުގައި ގިނަވުމަކީ ލޭ މައްޗަށް ދިއުމަށް މަގުފަހިކުރާ ކަންތައްތަކެކެވެ.

ލޭ މައްޗަށްދަނީ ލޭހޮޅީގެ ތެރޭގައި އާދަޔާ ހިލާފަށް ލޭދައުރުވާ ބާރުމިން މަތިވުމުންނެވެ. މިކަން ކޮންޓްރޯލްކުރުމަށް ސޯޑިއަމް މަދުވެ، ޕޮޓޭސިއަމް ގިނަ ކާނާ ހަށިގަނޑަށް ނުހަނު މުހިންމެވެ. އަދި ޕޮޓޭސިއަމް ގިނަ އަދަދަކަށް ހުރެއެވެ. 1 ޖޯޑު އަލަނާސީގައި 1 މިލިގްރާމް ސޯޑިއަމް ހުންނައިރު، 195 މިލިގްރާމް ޕޮޓޭސިއަމް ހުރެއެވެ.

މީގެ އިތުރުން އަލަނާސި އަކީ އެންޓިއޮކްސިޑެންޓުތަކުން މުއްސަނދިވެފައިވާ މޭވާ އެކެވެ. އަލަނާސި އަކީ ވިޓަމިން ސީ އިން މުއްސަނދިވެފައިވާ ރަނގަޅު މޭވާއަކަށްވާއިރު ހަށިގަނޑުގެ ދުޅަހެޔޮ ސެލްތަކަށް ހަމަލާދޭ، “ފްރީ ރެޑިކަލް” ތަކުން އަލަނާސި ކެއުމުން ހަށިގަނޑު ހިމާޔަތްކޮށްދެއެވެ.

ފްރީ ރެޑިކަލް ހަށިގަނޑުގައި ޖަމާވެ ގިނަވުމަކީ، ލޭހޮޅިތަކާއި ހިތުގެ ބަލިތައް ޖެހުމާއި، ހަކުރުބަލިޖެހުމާއި، ނޭވަޔަށް އުނދަގޫކުރުން މެދުވެރިކޮށް، ގޮހޮރުގެ ކެންސަރު ފަދަ ކެންސަރުތަކަށް މަގުފަހި ކުރުވާ ކަމެކެވެ. ވިޓަމިންސީ އަކީ ދިފާއީ ބާރު ވަރުގަދަކޮށްދޭ މާއްދާއަކަށްވާތީ، އަރިދަފުސްރޯގާ ފަދަ ބަލިތައް ވިޓަމިންސީ ބޭނުންކުރާނަމަ ވަރަށް އަވަހަށް ރަގަޅުވުމަށް އެހީތެރިވެ އެވެ.

އަދި އުމުރުން ދުވަސްވުމުން ދިމާވާ ލޮލުގެ މައްސަލަތަކުން ހިމާޔަތްކޮށް ރައްކާތެރިކޮށްދިނުމަށް އެހީތެރި ވެދެއެވެ. ކޮންމެ ދުވަހެއްގެ ކެއުމުގައި 3 ފަހަރު އަލަނާސި ފަދަ އެންޓިއޮކްސިޑެންޓް ލިބޭ ކާނާ ބޭނުންކުރުމަކީ އުމުރުން ދުވަސްވުމުން ލޮލަށްދިމާވާ މެކިޔުލަރ ޑިޖެނެރޭޝަން އޭ ކިޔާ ހާލަތު މެދުވެރިވުމުގެ ފުރުސަތު ކުޑަކޮށްދޭ ކަމެއްކަމަށް ދިރާސާތަކުން ދައްކައެވެ.

އަލަނާސިއަކީ މިހާރު ގޭގައިވެސް ފަސޭހައިން ހައްދާލެވޭ މީގެ އިތުރުންވެސް ހަށިގަނޑަށް ވަރަށް ފައިދާތަކެއް ލިއްބައިދޭ މީރު މޭވާއެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355