twitterviber whatsapp telegramfacebookyoutube instagram
26th April 2024

ލައިސެންސާއެކު ދޫކުރާ 100 ކްރެޑިޓް ޕޮއިންޓް ހުސްވެއްޖެނަމަ ލައިސެންސް ބާތިލް ކުރަނީ

ޚަދީޖާ އާދަމް
Jul 16, 2021

މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިޝަނުން ދޫކުރާ ކޮންމެ ލައިސަންސްއަކާއެކު 100 ކްރެޑިޓް ޕޮއިންޓް ދޭން ނިންމާ، ކްރެޑިޓް ޕޮއިންޓް ހުސްވެއްޖެ ހާލަތެއްގައި އެމީހަކަށް ދޫކޮށްފައިވާ ލައިސަންސް ބާތިލުވާ ގަވައިދެއް އާންމުކޮށްފި އެވެ.

އެ މިނިސްޓްރީން ރޭ ގެޒެޓް ކުރި އާ ގަވާއިދުގައި ވަނީ ގަވާއިދާ ހިލާފް އެކި މައްސަލަތަކުގައި ވަކި އަދަދުތަކެއް އެ ކްރެޑިޓް ޕޮއިންޓުން އުނިކުރެވޭނެކަމަށާއި ޕޮއިންޓް ހުސްވެއްޖެ ހާލަތެއްގައި އެމީހަކަށް ލައިސަންސް ބާތިލުވެގެންދާނެކަމަށެވެ.

މީގެ މާނައަކީ އާންމު ފަރާތަކުން ނުގަވާއިދުން ޕާކުކޮށްގެން 20 ފަހަރަށްވުރެ ގިނަ ފަހަރު އުޅަނދުގައި ސްޓިކާ ޖަހައިފިނަމަ އެ ފަރާތެއްގެ ލައިސަންސް ބާތިލުވެގެންދާނެކަމެވެ. އެއީ ސްޓިކާ ޖަހާ ކޮންމެ ފަހަރަކު ލައިސަންސުން ފަސް ކްރެޑިޓް ޕޮއިންޓް އުނިކޮށްގެންނެވެ.

ގަވާއިދުގެ 20 ވަނަ މާއްދާގެ (ނ) ގައިވަނީ ކްރެޑިޓް ޕޮއިންޓް އުނިކޮށްގެން ބާތިލުކުރާ ލައިސަންސެއް އަލުން ހެއްދުމަށް ހުށަހެޅޭނީ 180 ދުވަސްފަހުންކަމަށް ބަޔާންކޮށްފައެވެ.

އަދި އެގޮތަށް ހުށަހަޅާ ފަރާތަކުން އާ ލައިސަންސްއަކަށް އެދޭއިރު ފުރިހަމަ ކުރަން ޖެހޭ ހުރިހާ އިމްތިހާނަކާއި އިޖުރާއަތްތައްވެސް އަލުން ފުރިހަމަ ކުރަން ޖެހޭނެކަމަށް އެ މާއްދާގެ (ރ) ގައި ވަނީ ބަޔާންކޮށްފައެވެ.

އެހެންކަމުން ކްރެޑިޓް ޕޮއިންޓު އުނިކޮށްގެން ލައިސަންސް ބާތިލުކޮށްފިނަމަ އަލުން ލައިސެންސް ހެދުމަށް ތިއަރީ އިމްތިހާނު އަދި ޕްރެކްޓިކަލް އިމްތިހާނުފަދަ ހުރިހާ އިޖުރާއަތްތަކެއް އަލުން ފުރިހަމަ ކުރަންޖެހޭނެ އެވެ.

އާ ގަވާއިދުގެ ދަށުން ދެން ކްރެޑިޓް ޕޮއިންޓް އުނިވާ އެހެން ބައެއް ހާލަތްތަކުގެ ތެރޭގައި ނުރައްކާތެރިކޮށް ނުވަތަ ފަރުވާކުޑަކޮށް އުޅަނދު ދުއްވުމުގެ ސަބަބުން މީހެއްގެ ފުރާނައަށް ނުރައްކާ ނުވަތަ ހަށިގަނޑަށް ގެއްލުންވާ ހާލަތްތައް ހިމެނެއެވެ.

އެފަދަ ހާދިސާއެއް ހިނގައިފިނަމަ ލައިސަންސުން އެއްފަހަރާ 75 ޕޮއިންޓު އުނިކުރެވޭނެކަމަށް ބުނެފައިވެއެވެ. އަދި ފަރުވާކުޑަކޮށް ދުއްވައިގެން މީހެއްގެ ހަށިގަނޑަށް ގެއްލުމެއް ވެއްޖެނަމަ 50 ޕޮއިންޓު އުނިކުރެވޭނެކަމަށް ގަވައިދުގައި ވެއެވެ.

އާ ގަވާއިދުގައިވެސް ވަނީ ލައިސަންސް ނެތި އެއްގަމު އުޅަނދުފަހަރު ދުއްވާ ފަރާތްތަކަށް، ކުރިއެކޭވެސް އެއްގޮތަށް ކަނޑައަޅާފައިވާ، ޖޫރިމަނާތައް ހިމަނާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355