twitterviber whatsapp telegramfacebookyoutube instagram
25th April 2024

ފޯކައިދޫއަށް ކޮވިޑް ރާޅެއް، ދެ ބައިކުޅަ އެއްބައި ގޭބިސީ ކަރަންޓީނުގައި

- ރަށުގައި މިވަގުތު އޮތީ ކޮމިއުނިޓީ ސްޕްރެޑެއް
- ބަލި ޖެހިފައިވާ 40 މީހުން އެބަތިބި
- 126 ގޭބިސީގައި 643 މީހަކު ވަނީ ކަރަންޓީނުކޮށްފައި

އަބްދުލް ވާހިދު ޙަސަން
Jul 18, 2021

ށ ފޯކައިދޫން ފެނުނު ކޮވިޑް ކޭސްތަކާ ގުޅިގެން މިހާތަނަށް 126 ގެއެއްގައި 643 މީހަކު ކަރަންޓީނުކޮށްފައިވާ ކަމަށް އެރަށު ހެލްތް ސެންޓަރުން ބުނެފި އެވެ. ފޯކައިދޫން އެންމެ ފުރަތަމަ ކޮވިޑް ކޭސްއެއް ފެނިފައިވަނީ މިމަހު 12 ވަނަ ދުވަހު އެރަށު މަރުކަޒަށް ދެއްކި 61 އަހަރުގެ އަންހެނެއްގެ ފަރާތުންނެވެ.

އެ މީހާ ކޮވިޑަށް ޕޮޒިޓިވްކަން އެނގުނީ ކުޅުދުއްފުށީގައި ހުންނަ ސަރަހައްދީ ހޮސްޕިޓަލަށް ދެއްކުމުންނެވެ. ހިތުގެ މައްސަލަތަކެއް ހުންނަ އެ މީހާ އިތުރު ފަރުވާއަށް ވަނީ ބ އަތޮޅުގައި ހުންނަ ކޮވިޑް ފެސިލިޓީއަށް ފޮނުވާލާފަ އެވެ. ހެލްތު ސެންޓަރަށް ދެއްކިއިރު ބަލީގެ އަލާމަތްތައް ހުރިނަމަވެސް އެ މީހާއަށް ފަރުވާދިނީ ކޮވިޑް ބަލި މީހެއްގެ ގޮތުގައި ބަލައިގެން ނޫނެވެ. އެހެން ދިމާވީ މި ދުވަސްވަރު އެރަށުގައި އަރިދަފުސް ރޯގާ ފެންނަލެއް އިތުރުވެފައިވާ ދުވަސްވަރެއް ކަމުންނެވެ.

އެ އަންހެން މީހާގެ ފިރިމީހާވެސް ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު މި ވަގުތު އެރަށުގައި ކޮވިޑް ބަލި ޖެހިފައިވާ 40 މީހުން އެބަތިއްބެވެ. މީގެ އިތުރުން 60 ސާމްޕަލެއް ޓެސްޓްކުރުމަށް މިހާރު ވަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ފޮނުވާފަ އެވެ.

ހެލްތް ސެންޓަރުގެ މެނޭޖަރު އަންވަރު ކޭއޯއަށް ވިދާޅުވީ، ކަރަންޓީނުގައި ތިބީ ފުލޫ ކުލިނިކަށް ދެއްކި މީހުންނާ ގުޅުން ހުރި ފަރާތްތަކާއި ޑައިރެކްޓް ކޮންޓެކްޓުން ކަމަށެވެ. މީގެ އިތުރުން ސީދާ ބައްދަލުނުވާ އެކަމަކު ބަލީގެ އަލާމާތް ފެންނަ މީހުން ދިރިއުޅޭ ގެތަކުގެ މީހުންވެސް ކަރަންޓީނުކޮށްފައިވާ ކަމަށެވެ.

ގާތްގަނޑަކަށް އެރަށުގައި މީހުން ދިރިއުޅޭ 243 ގޭބިސީއެއް ހުންނައިރު 126 ގެއެއްގައި 643 މީހަކު ވަނީ ކަރަންޓީނުކޮށްފަ އެވެ. އެރަށުގައި 2000 އަށްވުރެގިނަ މީހުން ދިރިއުޅެ އެވެ.

އޭނާ ވިދާޅުވީ، ގިނަ ބައެއް ކަރަންޓީނުކޮށްފައިވަނީ ކޮމިއުނިޓީ ސްޕްރެޑެއް އޮތުމުން ރައްކާތެރި ފިޔަވަޅެއްގެ ގޮތުން ކަމަށެވެ. ހެލްތް ސެންޓަރުގެ މުވައްޒަފަކުވެސް ކޮވިޑަށް ޕޮޒިޓިވްވެ ޖުމްލަ 7 މުވައްޒަފު ކަރަންޓީނުކޮށްފައިވާއިރު ހެލްތް ސެންޓަރުގެ މަސައްކަތަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.

ޕްރޮންޓް ލައިންގައި އާއި މަރުކަޒުގެ މަސައްކަތުގައި މިވަގުތު ތިބީ 12 މުވައްޒަފުން ކަމަށާއި އެކަމަކު 7 ދަރުމަވެރިޔަކުވެސް މުވައްޒަފުންނާއެކު މިވަގުތު މަސައްކަތްކުރަމުންދާ ކަމަށެވެ. އަދި މީގެ އިތުރުން ކައުންސިލާއި ޓާކްސް ފޯސްގެ އެހީތެރިކަންވެސް ވަރަށް ބޮޑަށް ލިބެމުންދާކަން އަންވަރު ފާހަގަކުރެއްވި އެވެ.

އަންވަރު ވިދާޅުވީ ކޭއާރުއެޗަށް ފޮނުވި 60 ސާމްޕަލްގެ ނަތީޖާ އަންނަގޮތަކުން އިތުރު ޓްރޭސިންތައް ހަދަން ޖެހިދާނެ ކަމަށެވެ. ބަލި ކޮންޓްރޯލްކުރުމަށް މީގެ ކުރިންވެސް ރައްޔިތުންގެ ފަރާތުން ލިބުނު ބޮޑު އެހީތެރިކަމާ ދެއްކި ނަމޫނާ މިފަހަރުވެސް ދެއްކުމަށް އިލްތިމާސްކުރެއްވި އެވެ. ކޮންމެ ފަހަރުވެސް ބަލި ފެނުމުން ކުރަން ޖެހޭ ގިނަ މަސައްކަތްތަކާއި ރައްޔިތުން އުފުލަން ޖެހޭ ތަކުލީފު ބޮޑުކަމުން، ބަލިން އަރައި ގަތުމަށް ރައްޔިތުން އެއްބާރުލުން ދެއްވުމަށް އަންވަރު އެދިލެއްވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355