ށ. ފޯކައިދޫން ކޮވިޑް-19ގެ ހާލަތު ގޯސްވެ އެބައްޔަށް ޕޮޒިޓިވްވީ މީހުންގެ އަދަދު 103އަށް އަރައިފި އެވެ. ފޯކައިދޫން އެންމެ ފުރަތަމަ ކޮވިޑް ކޭސްއެއް ފެނިފައިވަނީ މިމަހު 12 ވަނަ ދުވަހު އެރަށު މަރުކަޒަށް ދެއްކި 61 އަހަރުގެ އަންހެނެއްގެ ފަރާތުންނެވެ.
އެ މީހާ ކޮވިޑަށް ޕޮޒިޓިވްކަން އެނގުނީ ކުޅުދުއްފުށީގައި ހުންނަ ސަރަހައްދީ ހޮސްޕިޓަލަށް ދެއްކުމުންނެވެ. ހިތުގެ މައްސަލަތަކެއް ހުންނަ އެ މީހާ އިތުރު ފަރުވާއަށް ވަނީ ބ އަތޮޅުގައި ހުންނަ ކޮވިޑް ފެސިލިޓީއަށް ފޮނުވާލާފަ އެވެ. ހެލްތު ސެންޓަރަށް ދެއްކިއިރު ބަލީގެ އަލާމަތްތައް ހުރިނަމަވެސް އެ މީހާއަށް ފަރުވާދިނީ ކޮވިޑް ބަލި މީހެއްގެ ގޮތުގައި ބަލައިގެން ނޫނެވެ. އެހެން ދިމާވީ މި ދުވަސްވަރު އެރަށުގައި އަރިދަފުސް ރޯގާ ފެންނަލެއް އިތުރުވެފައިވާ ދުވަސްވަރެއް ކަމުންނެވެ.
ފޯކައިދޫ ހެލްތު ސެންޓަރުން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު އެރަށުން މިހާތަނަށް 103 މީހުންނަށް ވަނީ ބަލިޖެހިފަ އެވެ. އަދި އިއްޔެ އެކަނިވެސް ހަ މީހުން ޕޮޒިޓިވްވި އެވެ.
އެރަށުގެ ގިނަ ބަޔަކު ޕޮޒިޓިވް ވަމުންދާއިރު ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް އެރަށުގެ އާބާދީގެ 67 ޕަސެންޓް އަދި ދެވަނަ ޑޯޒް އާބާދީގެ 43 ޕަސެންޓް މީހުން ފުރިހަމަކޮށްފައިވެ އެވެ.
ކޮވިޑް ކޮންޓްރޯލް ކުރަން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެރަށުގައި ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލައިފައިވާ އިރު ހޮޓާ ތައް ބަންދުކޮށް ފިހާރަތަކުން ވެސް މިހާރު ހަމައެކަނީ ކުރެވެނީ ޑެލިވަރީ އެވެ.