މެންޗެސްޓާ ޔުނައިޓެޑަށް ކުޅޭ ފްރާންސްގެ މިޑްފީލްޑަރު ޕައުލް ޕޮގްބާ ހިލޭ ޓްރާންސްފާއެއްގައި ކްލަބް ދޫކޮށްލާ އެހެން ކުލަބަކަށް ބަދަލުވުމުގެ ވިސްނުން އޭނާ ގެންގުޅޭ ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ.
ޕޮގްބާގެ އޭޖެންޓް މިނޯ ރައިއޯލާ ވެސް ޕޮގްބާ ދެން ޔުނައިޓެޑާ އެކު އިތުރު އެއްބަސްވުމެއް ދެން ނަހަދާނެ ކަމަށް ބުނެފައިވާއިރު މީގެ ކުރިން ޕޮގްބާ ހޯދަން ސުޕެއިނުގެ ގަދަބާރު ރެއާލް މެޑްރިޑާއި ފުރާންސްގެ ގަދަބާރު ޕީއެސްޖީން މަސައްކަތްކުރި ނަމަވެސް ޔުނައިޓެޑުން އޭނާ ވިއްކާލަން ބޭނުމެއް ނުވި އެވެ.
އަންނަ އަހަރުގެ ޖޫންގެ ނިޔަލަށް އުމުރުން 28 އަހަރުގެ ޕޮގްބާ ޔުނައިޓެޑާ އެކު އެއްބަސްވުން ނިމުމަކަށް އަންނާނެ އެވެ. މިދިޔަ އަހަރު ޕޮގްބާ ވަނީ ކްލަބް ކެރިއަރުގައި ތަށި ހޯދަން ކުރާ މަސައްކަތުގައި ކާމިޔާބެއް ނުލިބޭތީ އެކަމުގެ އަސަރު ކެރިއަރަށް ކަމަށް ބުނެފަ އެވެ. އެއީ ކްލަބް ބަދަލުކުރަން ބޭނުންވާކަން އަންގަން ޕޮގްބާ ދިން ނުސީދާ މެސެޖެއްކަމަށް ފްރާންސްގެ ނޫސްތަކުން ރިޕޯޓްކުރެ އެވެ.
ޕޮގްބާ އެންމެ ފަހުން ކާމިޔާބުކުރި މުބާރާތަކީ 2017 ވަނަ އަހަރުގެ ޔޫރޮޕާ ލީގަށް ވާއިރު މި ދިޔަ ސީޒަނުގެ ޔޫރޮޕާ ލީގުގެ ފައިނަލުން ވެސް ޔުނައިޓެޑް ވަނީ ވިޔަރެއާލް އަތުން ބަލިވެފަ އެވެ.
ޕޮގްބާ ލައްވައި ދިގު ކޮންޓްރެކްޓެއްގައި ސޮއިކުރުވަން ޔުނައިޓެޑްގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ބޭނުންވާއިރު އެކަމުގައި އޮތް އެންމެ ބޮޑު ހުރަހަކީ ޕޮގްބާ ޑިމާންޑްކުރާ ވަރުގެ ބޮޑު މުސާރައެއް ދޭން ޔުނައިޓެޑްގެ މެނޭޖްމަންޓުން ދެކޮޅު ހެދުން ކަމަށް އިނގިރޭސި މީޑިއާތަކުން ރިޕޯޓްކުރެ އެވެ.