އަންނަ ހުކުރުގައި ޖަޕާންގައި ފަށާ ޓޯކިޔޯ އޮލިމްޕިކްސްއަށް ޕޮލެންޑަށް އޮޅުމަކުން އިތުރު ފެތުންތެރިންތަކެއް ފޮނުވައިފި އެވެ. އެކަމުގެ ސަބަބުން ހަ ފެތުންތެރިއަކު ވަނީ އެނބުރި ގައުމަށް ފޮނުވާލަން ޖެހިފަ އެވެ.
އެ ފެޑެރޭޝަނަށް އަމާޒުވަމުން އަންނަނީ ހައްގު ފާޑުކިޔުންތަކެއް ކަމަށް ވިދާޅުވެ ޕޮލިޝް ސްވިމިން ފެޑެރޭޝަން (ޕީޒެޑްޕީ)ގެ ރައީސް ޕަވެލް ސްލޮމިންސްކީ ނެރުނު ބަޔާނުގައި ވަނީ ހެދުނު ގޯހަށް ޒިންމާ ނަގާ ކަމަށެވެ.
"މިއީ ވެގެންވާނެ ގޮތެއް ނޫން. އޮލިމްޕިކްސްގައި ވާދަކުރަން ދާ އެތުލީޓުންނަށް މި ގޮތަށް މުބާރާތުގައި ވާދަނުކުރެވި ހިތްދަތި ގޮތަކަށް އެނބުރި އަންނަން ޖެހުން މިއީ އަހަންނަށް ވެސް ބަލަން އުނދަގޫ މަންޒަރުތަކެއް. އަހަރެމެންނަށް މި ގޮތަށް ކަންތައް ކުރެވުނީ ވީހާ ވެސް ގިނަ އެތުލީޓުންނަށް ފުރުސަތު ލިބޭނެ ކަމަށް ބަލާފައި އެޅި ފިޔަވަޅުތަކަކުން. އެކަމަކު ކަންތައްތައް ދިމާވީ އަހަރެމެން އެއްވެސް ގޮތަކަށް ނޭދޭ ގޮތަކަށް. މިއީ ހެދުނު ބޮޑު ގޯހެއް،" ސްލޮމިންސްކީ ވިދާޅުވި އެވެ.
މިހެން ދިމާވަނީ ދުނިޔޭގެ މައި ފެޑެރޭޝަން، ފީނާ އިން މި ފަހަރު އޮލިމްޕިކްސްގައި އެތުލީޓުން ބައިވެރިކުރާ އުސޫލަށް ގެންނަ ބަދަލުތަކާ ބެހޭ މައުލޫމާތު މެމްބަރު އެސޯސިއޭޝަންތަކަށް ރަނގަޅަށް ފޯރުކޮށްދީފައި ނުވާތީ ކަމަށް ޕީޒެޑްޕީގެ އޮފިޝަލަކު މީޑިއާ އަށް ދިން އިންޓަވިއުއެއްގައި ވަނީ ބުނެފަ އެވެ.
ފުރުސަތު ގެއްލުނު ހަ ފެތުންތެރިންނަކީ މަޓެއުޒް ޗުވަނިކް، ޔޭން ހޮލުބް، ޑޮމިނިކާ ކޮސަކޯސްކާ، ބާޓޯސް ޕިޒްޝޮރޮވިސް، އަލެކްސަންޑްރާ ޕޮލަންސްކާ އަދި އަލިޒިޔާ ތޯޝް ކަމަށް މީޑިއާ ރިޕޯޓްތަކެއްގައިވެ އެވެ.
ފަސް އަހަރު ވަންދެން ކެނޑިނޭޅި އަމިއްލަ ދިރިއުޅުމުގެ ގިނަ ކަންކަން ގުރުބާން ކޮށްފައި އާއިލާއާ ދުރުގައި މަސައްކަތްތަކެއް ކޮށްގެން ކުރަން އުއްމީދުކުރި ކަންކަން މި ކަހަލަ ގޮތަކަށް އަތުން ދޫވެގެން ދިޔައީ ބައެއްގެ އިހުމާލުން ކަމަށާއޮ މިކަމުގައި ކޮންމެވެސް ބައެއް ޒިންމާ ނަގަން ޖެހޭނެ ކަމަށް ފުރުސަތު ގެއްލުނ އެތްލީޓެއް ކަމަށްވާ އަލިޒިޔާ ތޯޝް އޭނާ ފޭސްބުކްގައި ކުރި ޕޯސްޓެއްގައިވެ އެވެ.