twitterviber whatsapp telegramfacebookyoutube instagram
26th April 2024

ފޯކައިދޫއަށް ދެ ޓަނު މަސް ހަދިޔާކޮށް އެރަށު ނޫރު ދޯނިން އިސްކުރީ ދީލަތިކަން

ޚަދީޖާ އާދަމް
Jul 25, 2021

ޕޮޒިޓިވް ކޭސްއެއް ފެނުމާއި ގުޅިގެން މިމަހު 13 ވަނަ ދުވަހު މޮނީޓަރިންގެ ހާލަތަށް ގެނައި ށ ފޯކައިދޫގެ ރައްޔިތުންނަށް އެރަށު ނޫރު ދޯނިން 2 ޓަނުގެ މަސް ހަދިޔާކޮށްފި އެވެ.

ކޭއޯއަށް މައުލޫމާތު ދެމުން އެރަށު ކައުންސިލްގެ ރައީސް އަހުމަދު އާސިފް ވިދާޅުވީ އެ ދޯނިން އިއްޔެ ހަދިޔާކުރި މަސް މިހާރު ގޭބީސީތަކަށް ބަހާފައިވާކަމަށެވެ. އެރަށުގައި މީހުން ދިރިއުޅެ 237 ގެއެއް އޮތްއިރު ކޮންމެ ގެއަކަށް ގާތްގަނޑަކަށް 10 މަސް ޖެހުނު ކަމަށް އާސިފް ވިދާޅުވި އެވެ.

އާސިފް ވިދާޅުވީ މަސް ލިބުމުގެ ދަތިކަން ދިމާވުމުން މަސްގަތުމަށް އެކި ދޯނިތަކަށް ގުޅިކަމަށާއި ނޫރު ދޯންޏަށް ގުޅިއިރު އެ ދޯނީގައިވެސް އެވަގުތު މަސްނެތް ކަމަށެވެ. ނަމަވެސް ފަހުން އެދޯނި މަހަށް ނުކުމެ މަސް ބެވުމުން އެތަކެތި ހަދިޔާކުރަން ބޭނުންވާކަމަށް އެ ދޯނިން ގުޅާފައި ބުނިކަމަށެވެ.

އޭނާ ވިދާޅުވީ ގޭބިސީތަކުން މަސް ހުސްވެފައިވަނީ މޮނީޓަރިންގެ ހާލަތުގައި އޮތުމުން ރަށަށް އަރައި ފޭބުން މަނާކޮށްފައިވާތީއެވެ. އެރަށު ނޫރު ދޯންޏަކީ ކަންނެލި މަސްވެރިކަން ކުރާ ދޯންޏެކެވެ.

އާސިފް ވިދާޅުވީ ކާޑުގެ ބާވަތްތަކާއި އެހެނިގެން ޒަރޫރީ ތަކެތި ހޯދުމުގައި މިވަގުތު އެއްވެސް ދަތިކަމެއް ނެތްކަމަށާއި ރަށުގެ ތެރޭގެ ހާލަތުވެސް ރަނގަޅުކަމަށެވެ.

މިވަގުތު އެރަށުގެ އެކްޓިވް ކޭސްގެ އަދަދަކީ 134 އެވެ. ޒަރޫރީ ބޭނުމެއް ފިޔަވާ ރައްޔިތުން ބޭރަށް ނުކުމެ ނޫޅޭކަމަށާއި އެފަދަ ކަމެއްގައި ބޭރަށް ނުކުމެވޭނީ ކައުންސިލްގެ ފާސް އޮވެގެން ކަމަށް އާސިލް ވިދާޅުވި އެވެ. ކަރަންޓީނުގައި އޮތް ގެތަކަށް ބޭނުންވާ ތަކެތި ފޯރުކޮށްދެމުން ސޯސަލް ޑެސްކުން ހަރަކާތްތެރިވަމުން ދާކަމަށްވެސް އާސިފް ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355