twitterviber whatsapp telegramfacebookyoutube instagram
23rd April 2024

ހަރުކަށި ފިކުރު ފެތުރުމުގެ މައްސަލައަށް އޮތް ހައްލަކީ ސައްހަ އަގީދާގެ މަތީގައި ދަރިން ތަރުބިއްޔަތުކުރުން

ހަރުކަށި ފިކުރު ފެތުރުމުގެ މައްސަލައަށް އޮތް ހައްލަކީ ސައްހަ އަގީދާގައި ދަރިން ތަރުބިއްޔަތުކުރުން

ޚަދީޖާ އާދަމް
Jul 26, 2021
1

ދީނަށް ފުރައްސާކުރުމާއި ހަރުކަށި ފިކުރު ފެތުރުމުގެ މައްސަލަ އަށް އޮތް ހައްލަކީ ގާނޫނީ ފިޔަވަޅުތަކެއް އެޅުމެއް ނޫން ކަމަށާއި އެކަމުގެ ހައްލަކީ އިސްލާމް ދީނުގެ ސައްހަ އަގީދާގެ މަތީގައި ދަރިން ތަރުބިއްޔަތުކޮށް ބޮޑެތިކުރުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

މިނިވަން ދުވަހުގެ މުނާސަބަތުގައި މިއަދު ގައުމާ މުހާތަބު ކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ސޯލިހް ވިދާޅުވީ ޅަފަތުން ފެށިގެން އިސްލާމް ދީނުގެ ސައްހަ އަގީދާގެ މަތީގައި ކުދިން ތަރުބިއްޔަތު ކުރުމަށް ތައުލީމީ ނިޒާމުގެ ތެރެއިން ކުރެވެން ހުރި ކަންކަމަކީ ކޮބައިކަން ދެނެގަނެ އެކަމަށް ސަރުކާރުން މަސައްކަތް ކުރަމުންދާނެ ކަމަށެވެ.

އެގޮތުން އިސްލާމް ދީނަކީ ހައްގަކާ ނުލައި މީހުންގެ ލޭ ހުއްދަ ކުރާ ދީނެއް ކަމުގައި ދެކެ، އެ ވިސްނުން ފަތުރާ އާންމު ކުރުމަށް ބަޔަކު މަސައްކަތް ކުރަމުން ދިއުމަކީ ނުރައްކާތެރި ކަމަކަށްވާތީ ދިވެހި ރައްޔިތުން ފާޅުގައި އެކަމާ ދެކޮޅަށް ތެދުވުމަށް ރައީސް ވަނީ ގޮވާލައްވާފައެވެ.

ރައީސް ވިދާޅުވީ އިސްލާމް ދީނަށް އިހާނެތިކުރުމާއި، ދީނަށް ފުރައްސާރަކުރުމުގެ އަމަލުތަކަކީ ވެސް މުޖުތަމައު ބައިބައިކޮށް ފަސާދައަށް މަގު ފަހިކުރާ، ވަރަށް ނުރައްކާތެރި އަމަލުތަކެއް ކަމަށެވެ.

ދުނިޔޭގެ ބައެއް ގައުމުތައް ވަކިން ހާއްސަކޮށް އިސްލާމީ ގައުމުތަކުން ފެންނަ ހަނގުރާމަތަކާއި ހަމަނުޖެހުންތަކުގެ އަސްލަކީ ހަރުކަށި ފިކުރީ އޮއިވަރަށް ޖާގަ ދިނުންކަމަށާއި އެގައުމުތަކުގައި އެންމެ ފުރަތަމަ އުފެދުނީ އެއްބަޔަކު އަނެއް ބައެއްގެ ފުރާނައާއި މުދަލަށް ގެއްލުން ދިނުމުގެ އަމަލުތައް ކަމުގައިވެސް ވިދާޅުވި އެވެ.

އެހެންކަމުން މިއަދު އެއިން ކޮންމެ ގައުމަކީ މިނިވަންކަމާއި ސުލްހައާއި ހަމަޖެހުން ގެއްލިފައިވާ ގައުމުތަކެއް ކަމަށާއި އެކަމުން އިބްރަތް ލިބިގަތުމަށް އެދިވަޑައިގެންނެވި އެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ މިނިވަންކަމުގެ ދިފާއުގައި ލިބުނު ކޮންމެ ނަސްރަކީ ރާއްޖޭގެ ރައްޔިތުން އިސްލާމްދީނުގެ ސައްހަ އަގީދާގައި ސާބިތުވެ އެއްބައިވަންތަކާމާއެކު ތިބުމުގެ ހެޔޮ ނަތީޖާ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355