twitterviber whatsapp telegramfacebookyoutube instagram
26th April 2024

ކުޅުދުއްފުށީގައި ކޮމިއުނިޓީ ސްޕުރެޑެއްގެ އޮވެދާނެކަމުގެ ބިރު ހީވެއްޖެ

ނަބީލާ އިސްމާޢީލް
Jul 26, 2021
1

ކުޅުދުއްފުށި ސިޓީގައި މިވަގުތު ކޮވިޑް 19 ފެތުރިފައި އޮވެދާނެކަމުގެ ފުރުސަތު އެބައޮތްކަމުގައި ރީޖަނަލް ހޮސްޕިޓަލުން ހާމަކޮށްފި އެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ގެ ފުލޫ އޯޕީޑީއަށް ދެއްކި އިތުރު 4 މީހުން ކޯވިޑް-19 އަށް ޕޮޒިޓިވްވެ ކުޅުދުއްފުށީގެ ޖުމްލަ އަދަދު 14 އަށް އަރައިފިއެވެ.

ކޭއާރުއެޗްއިން ބުނީ މިހާރު ކުޅުދުއްފުށީގައި ކޮމިއުނިޓީ ސްޕްރެޑްއެއް އޮތުމުގެ ފުރުސަތު އެބައޮތްކަމަށެވެ. އެހެންކަމުން މާސްކުއަޅައި ގައިދުރުކޮށް އެއްވުންތައް ވީހާވެސް މަދުކުރުމަށް އެދިފައިވެއެވެ.

ފުލޫ ކުލިނިކަށް ދެއްކި 13 އަހަރުގެ ކުއްޖަކު ޕޮޒިޓިވް ވުމުން ކުޅުދުއްފުށި ސިޓީ މޮނީޓަރިންއަށް ލާފައިވަނީ މިމަހުގެ 24 ވަނަ ދުވަހު އެވެ. އެ ކުއްޖާއާއި ގުޅުންހުރި ދެ މީހަކުވެސްވަނީ ޕޮޒިޓިވްވެފަ އެވެ. މީގެ އިތުރުން ފްލޫ އޯޕީޑީއަށް ދެއްކި 16 އަހަރުގެ ކުއްޖަކުވެސް ވަނީ ޕޮޒިޓިވްވެފަ އެވެ. އެ ކުއްޖާގެ ކޮންޓެކްޓުންގެ ގޮތުގައި ފާހަގަކުރެވުން މީހުންގެ ތެރެއިން އަންހެނަކާއި، 14 އަހަރުގެ ފިރިހެން ކުއްޖަކުވެސް މިއަދު ވަނީ ޕޮޒިޓިވްވެފައެވެ. މީގެ އިތުރުން ހޯމްކަރަންޓީނުގައި ތިބި 3 މީހަކުވެސް ވަނީ ޕޮޒިޓިވްވެފަ އެވެ.

ކުޅުދުއްފުށި ސިޓީ އިން ގުޅުމެއް ނެތް 3 ފުލޫ ސާމްޕަލް ޕޮސިޓިވްވެ ފުރަތަމަ ކޭސްއާ ގުޅުންހުރި ފަރާތްތަކެއް ޕޮޒިޓިވް ވެފައިވާ މި ޙައްޞާސް ދަނޑިވަޅުގައި ހުރިހާ ރައްޔިތުން ވެސް ރައްކާތެރި ކަމުގެ ފިޔަވަޅު އަޅުއްވާ ބަލި އިތުރަށް ފެތުރުނަ ނުދީ މި ލޮބިވެތި ސިޓީ އާންމު ހާލަތަށް ގެނައުމަށް މަސައްކަތް ކޮށްދިނުމަށް ކުޅުދުއްފުށީ ސިޓީގެ މޭޔަރ މުހައްމަދު އާތިފް ވަނީ އެ ސިޓީގެ ރައްޔިތުންނަށް އިލްތިމާސް ކުރައްވާފަ އެވެ.

މޭޔަރު ވިދާޅުވީ ޒަރޫރީ ބޭނުމަކަށް ނޫނީ ބެރަށް ނުނިކުތުމަށާއި ނިކުންނަން ޖެހިއްޖެނަމަ މާސްކް އަޅައި އިޖްތިމާއީ ގައިދުރުކަން ޔަގީން ކުރަން ވާނެ ކަމަށެވެ.

އަދި ކެފޭ ރެސްޓޯރަންޓް ފަދަ ތަންތަނަށް ދިޔުން މި ވަގުތަށް މެދުކަނޑާލުމަށާއި މާސްކް އަޅައި ގިނަގިނައިން ސައިބޯނި ލައިގެން އަތް ދޮވުމާއި ސޯޝަލް ބަބުލް ވީހާވެސް ކުޑަ ކޮށް ގޭގެޔަށް ޒިޔާރަތް ނުކުރުމަށް އެދިފަ އެވެ

"ހުރިހާ ރައްޔިތުން ވެސް ކެތްތެރިކަމާއެކު މިހާރު އެޅިފައިވާ ފިޔަވަޅުތައް ދަމަހައްޓަން އެއްބާރުލުން ދެއްވާއިފިނަމަ ކުރިއެކޭވެސް އެއްފަދައިން ބަލި އަވަހަށް ކޮންޓްރޯލް ކުރުމަށް އިތުރު ބާރަކަށް ވެގެންދާނެ" އާތިފް ވިދާޅުވި އެވެ.

އިތުރަށް އާތިފް ވިދާޅުވީ ރަށް ގިނަ ދުވަސްތަކަކަށް މޮނިޓަރިންގ ގައި އޮންނަން ޖެހިއްޖެނަމަ ރަށުގެ އިޤްތިޞާދަށާއި އާންމު ފަރުދުންގެ ދިރިއުޅުމަށް އެތަށް ނެދޭވޭ އަސަރުތަކެއް ކުރާނެކަމުން މި ހާލަތުން އަރައިގަތުމަށް ހުރިހާ ރައްޔިތުންގެ އެއްބާރުލުމަށް ހިތުގެ އެންމެ ފުންމިނުން އެދޭ ކަމަށެވެ.

ހޮސްޕިޓަލުންވަނީ ބަލީގެ އެއްވެސް އަލާމާތެއް ހުރިނަމަ ލަސްނުކޮށް ފުލޫ އޯޕީޑީއަށް ދެއްކުމަށް ނުވަތަ ހޮސްޕިޓަލްގެ ހޮޓްލައިން 7606688 އަށް ގުޅާ މައުލޫމާތު ހިއްސާކުރުމަށް އެދިފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355