އިޒްރޭލާ ދެކޮޅަށް ނުކުންނަން ޖެހުމުން އިތުރު އެތްލީޓަކު އޮލިމްޕިކްސްއިން ވަކިވެއްޖެ އެވެ. އިޒްރޭލާ ދެކޮޅަށް ކުޅެން ޖެހޭތީ އަލްޖީރިއާގެ ޖޫޑޯ ފައިޓަރު ފެތީ ނޫރިން ވެސް ވަނީ މިފަހަރުގެ އޮލިމްޕިކްސް ދޫކޮށްލައިފި އެވެ.
އިޒްރޭލާ ދެކޮޅަށް ޖޫޑޯގައި ވާދަނުކުރަން ސޫދާންގެ މުހައްމަދު އަބްދުއްރަސޫލް ނިންމާ އޭނާ ވަނީ ވަނީ އިޒްރޭލާ ދެކޮޅަށް ކުޅެން އޮތް މެޗަށް ހާޒިރުނުވަން ނިންމައިފަ އެވެ. 73 ކިލޯގެ ޑިވިޝަނުގައި އިޒްރޭލުގެ ތޯހާރް ބުޓްބުލްއާ ދެކޮޅަށް ވާދަނުކުރަން ނޫރިން އާއި އަބްދުއްރަސޫލް ވަނީ ނިންމާފަ އެވެ.
ދުނިޔޭގެ ރޭންކިންގެ ހަތް ވަނައިގައި އޮތް އިޒްރޭލުގެ ތޯހާރާއި މެދު ގިނަ ބަޔަކު ނުރުހުންވަނީ އިޒްރޭލާއި ފަލަސްތީނުގެ ކަންތައްތަކާ ބެހޭގޮތުން ތޯހާރް ދައްކާފައިހުރި ވާހަކަތަކުންނެވެ. ސޫދާންގެ އަބްދުއްރަސޫލް މެޗަށް ހާޒިރުނުވާން ނިންމި ސަބަބެއް މީޑިއާގައި ހާމަނުކުރި ނަމަވެސް ފެތީ ނޫރިން މެޗަށް ނުނިކުންނަން ނިންމީ އިޒްރޭލް ކަހަލަ ލާއިންސާނީ ބަޔަކާ މި ކަހަލަ ގޮތަކަށް ވާދަކޮށްގެން އަތް ހަޑިކުރަން ބޭނުންނުވާތީ ކަމަށް އޭނާ މީޑިއާގައި ބުނެފައިވެ އެވެ.
މި ފަދަ ގޮތަކަށް ވަކިވުމުން ނޫރިން އާއި އޭނާގެ ކޯޗު އަމަރު ބެން ޔަކްލިފް ސަސްޕެންޑްކޮށް އެމައްސަލަވެސް ވަނީ މިހާރު ބަލަން ފަށާފަ އެވެ. ސޫދާންގެ މުހައްމަދު އަބްދުއްރަސޫލް ވަކިވުމާ ވިދިގެން އަދި މިހާތަނަށް ޖޫޑޯގެ އިންޓަނޭޝަނަލް ޖަމިއްޔާ (އައިޖީއެފް) އާއި ޓޯކިޔޯ އޮލިމްޕިކްސް ކޮމިޓީ އަދި ސޫދާންގެ އޮލިމްޕިކް ކޮމިޓީން ވެސް ވަކި ބަހެއް ވިދާޅުވެފައެއް ނުވެ އެވެ.