twitterviber whatsapp telegramfacebookyoutube instagram
29th March 2024

ގާނޫނީ ކޮލަމް: ވިޔަފާރި މާރޖަރ ކުރުމަކީ ކޮބާ؟

Jul 29, 2021

ދެ ވިޔަފާރިވެރިއެއްގެ ދެމެދުގައި ވެވޭ ވިޔަފާރީގެ އެއްބަސްވުމެއްގެ ސަބަބުން، އެއް ފަރާތުގެ ވިޔަފާރި ހިންގުމުގެ ބާރު، އަނެއް ފަރާތަށް ލިބިގެންދިޔައީތޯއެވެ؟ ބައެއް ޙާލަތްތަކުގައި މިފަދައިން ވިޔަފާރި ހިންގުމުގެ ބާރުލިބޭނަމައެއީ، ވިޔަފާރި 'މާރޖް' ކުރެވުން ކަމުގައި ބެލެވެއެވެ. ވީމާ، ވިޔަފާރިއެއް މާރޖަރއެއްގެ ގޮތުގައި ބެލެވޭ ޙާލަތްތަކާއި ނުބެލެވޭނެ ޙާލަތްތަކަށް ޤާނޫނީ ނަޒަރަކުން ބަލާލަމާތޯއެވެ.

ވިޔަފާރި މާރޖަރ ކުރުން

ވިޔަފާރި މާރޖަރ ކުރުމޭ ބުނެވޭ ބަހުގެ މާނައަކީ، ދެ ވިޔަފާރިއެއް އެކުވެ އެއް ވިޔަފާރިއެއްގެ ގޮތުގައި ކުރިއަށްގެންދިއުމެވެ. މިގޮތުން، އަންނަނިވި ކަންކަމަކީވެސް މާރޖަރގެ ތެރޭގައި ބެލެވޭނެ ކަންކަމެވެ. ވަކި ޤާނޫނީ ޝަޙްޞެއްގެ ގޮތުގައި ވިޔަފާރި ހިންގާ، ދެ ފަރާތެއް ނުވަތަ އެއަށްވުރެ ގިނަ ފަރާތްތަކެއް އެއްވެ ވިޔަފާރި ކުރިއަށްގެންދާނަމަ، އެއީ މާރޖްވެފައިވާ ވިޔަފާރިއެއްގެ ގޮތުގައި ބެލެވޭނެއެވެ. ހަމައެހެންމެ، އެކަކު ނުވަތަ އެއަށްވުރެ ގިނަ މީހުން ނުވަތަ ވިޔަފާރި ހިންގާ ފަރާތެއް ވެގެން، ވިޔަފާރި ހިންގާ އެހެން ފަރާތެއްގެ ނުވަތަ ފަރާތްތަކެއްގެ މުޅި ޖުމްލަ ނުވަތަ ޖުމްލައިން ބައެއްގެ ކޮންޓްރޯލް ސީދާކޮށް ނުވަތަ ނުސީދާކޮށް ޙާޞިލްކޮށްފައިވާނަމަ، އެ ޙާލަތުގައި އެވިޔަފާރިތައްވެސް ބެލިގެންދާނީ މާރޖުވީކަމުގައެވެ. އަދި ވިޔަފާރި ހިންގާ އެއްފަރާތަކުން ވިޔަފާރި ހިންގާ އަނެއް ފަރާތުގެ 'ގުޑްވިލް' ހިމެނޭނެހެން، އެފަރާތުގެ މުދާ ނުވަތަ މުދަލުން ބޮޑުބައެއް ޙާޞިލުކުރުމުން، އެފަދަ މުދަލެއް ޙާޞިލުކުރި ފަރާތަށް މުދާ ވިއްކާލި ފަރާތުން ހިންގަމުންދިޔަ ވިޔަފާރި، އެފަރާތުގެ ބަދަލުގައި ހިންގުމުގެ ބާރުލިބިގެންދިޔަނަމަވެސް، ބެލިގެންދާނީ މާރޖަރއެއްގެ ގޮތުގައެވެ.

މީގެ އިތުރުން، ދިގުދެމިގެންދާ ގޮތަކަށް އެކުގައި މަސައްކަތްކުރުމަށް ހަދާ 'ޖޮއިންޓް ވެންޗަރ' އެއްގައި، މިނިވަންކަމާއެކު ހިންގާ ވިޔަފާރިއެއްގައި އަދާކުރަންޖެހޭ އެންމެހައި ޒިންމާތައް އެޖޮއިންޓް ވެންޗަރއެއްގެ ޢާންމު ހިންގުމުގެ ތެރޭގައި އަދާކުރަންޖެހިއްޖެކަމުގައިވާނަމަ، އެ ޖޮއިންޓް ވެންޗަރވެސް މާރޖަރގެ މާނައިގެ ތެރޭގައި ހިމެނިގެންދާނެއެވެ.

ވިޔަފާރީގެ މައްޗަށް އޮންނަ ބާރު

އެއްވެސް މީހަކަށް ނުވަތަ ވިޔަފާރި ހިންގާ ފަރާތަކަށް ލިބިފައިވާ ޙައްޤުތަކުގެ ސަބަބުން ނުވަތަ ވެފައިވާ އެއްބަސްވުމެއްގެ ނުވަތަ އެނޫންވެސް ކަމެއްގެ ސަބަބުން ނުވަތަ އެހެން ފަރާތެއްގެ ވިޔަފާރީގެ ޙަރަކާތްތަކަށް ސީދާގޮތުން ނުވަތަ ނުސީދާގޮތުން ނުފޫޒުފޯރުވޭނެ މަޤާމެއް ލިބިފައިވާނަމަ، އެފަދަ މީހެއްގެ ނުވަތަ ވިޔަފާރި ހިންގާ ފަރާތެއްގެ ކޮންޓްރޯލް، އެހެން ފަރާތެއްގެ މައްޗަށް އޮތްކަމަށް ބެލޭނެއެވެ. ހަމައެހެންމެ، އެއްވެސް މީހަކާ ގުޅުމުގެ ސަބަބުން ނުވަތަ ވިޔަފާރި ހިންގާ ފަރާތަކާ ގުޅުމުގެ ސަބަބުން، އެފަރާތަކަށް ވިޔަފާރި ހިންގާ ފަރާތެއްގެ މުދަލުގެ މިލްކުވެރިކަން ލިބިއްޖެނަމަ ނުވަތަ މުދާ ބޭނުންކުރުމުގެ ޙައްޤު ލިބިއްޖެނަމަ ނުވަތަ ވިޔަފާރި ހިންގާ ފަރާތެއްގެ ބޯޑު އެކުލަވާލުމުގައި ނުވަތަ ކަންކަމުގައި ވޯޓް ދިނުމުގައި ނުވަތަ ނިންމުންތައް ނިންމުމުގައި ސީދާގޮތުން ނުވަތަ ނުސީދާގޮތުންވިޔަސް، ނުފޫޒުފޯރުވޭނެފަދަ މަޤާމެއް ލިބިދޭ ޙައްޤުތަކެއް ލިބިފައިވުން ނުވަތަ އެފަދަ މަޤާމެއް ލިބިދޭ އެއްބަސްވުމެއް އޮތްކަމުގައިވާނަމަ، އެފަރާތެއްގެ މައްޗަށް ކޮންޓްރޯލް އޮތްކަމުގައި ބެލޭނެއެވެ.

އެހެންނަމަވެސް، މީހަކަށް ނުވަތަ ވިޔަފާރި ހިންގާ ފަރާތަކަށް ނުފޫޒުފޯރުވޭނެ މަޤާމެއް ލިބިފައިވޭތޯ ބަލާއިރު، އެފަރާތަކަށް ލިބިފައިވާ ޙައްޤުތަކާއި އެފަރާތަކުން ވެފައިވާ އެއްބަސްވުމެއްގެ މައްޗަށް ބެލުމުގެ އިތުރުން، އެކަންކަމުގެ ސަބަބުން ވަށައިގެންވާ ހުރިހާ ކަމަކަށް އަސަރުކުރާ މިންވަރަށާއި ޙާލަތަށް ރިޔާޢަތްކުރެވޭނެއެވެ.

މާރޖަރ އެއްކަމުގައި ނުބެލެވޭނެ ކަންކަން

ވިޔަފާރިއަކީ މާރޖްވެފައިވާ ވިޔަފާރިއެއްކަމުގައި ނުބެލެވޭ ކަންކަންވެސް ވެއެވެ. އެގޮތުން، ވިޔަފާރި އުވާލަންޖެހުމުގެ ސަބަބުން އެ ވިޔަފާރި ހިންގާ ފަރާތުގެ ކޮންޓްރޯލު ލިކުއިޑޭޓަރަކާ ނުވަތަ އެފަދަ މަސްޢޫލިއްޔަތެއް އަދާކުރުމަށްޓަކައި އެހެން ފަރާތަކާ ޙަވާލުކުރުމަކީ، ވިޔަފާރި މާރޖްކުރުން ކަމުގައި ނުބެލެވޭނެއެވެ. ނުވަތަ މާރޖަރއެއްގައި ބައިވެރިވާ ފަރާތްތަކަކީ، ސީދާގޮތުން ނުވަތަ ނުސީދާގޮތުންވެސް ވަކި އެއް ފަރާތެއްގެ ކޮންޓްރޯލްގައިވާ ފަރާތްތަކަކަށްވާނަމަ، އެއީވެސް މާރޖަރ ކުރެވިފައިވާ ވިޔަފާރިއެއްކަމުގައި ނުބެލެވޭނެއެވެ. އަދި ވަޞިއްޔަތުން ނުވަތަ ހިބައިން މީހެއްގެ މުދަލެއް ލިބުމުގެ ސަބަބުން ނުވަތަ ވާރުތަ މުދާ ބެހުމުގެ ސަބަބުން ވިޔަފާރިއެއްގެ ކޮންޓްރޯލް މީހަކަށް ލިބޭ ލިބުންވެސް މާރޖަރ އެއްކަމުގައި ނުބެލެވޭނެއެވެ.

ޤާނޫނީ ކުށާއި ފިޔަވަޅު އެޅުން

މާރޖަރ ހެދުމުގެ ސަބަބުން ދިވެހިރާއްޖޭގައި މުދަލާއި ޚިދުމަތް ފޯރުކޮށްދިނުމުގެ އެއްވެސް މާރކެޓެއްގައި އޮންނަ ވިޔަފާރީގެ ވާދަވެރިކަން އާދަޔާ ޚިލާފަށް ދަށްވެގެންދާނަމަ ނުވަތަ މާރކެޓުގައި އޮންނަ ވިޔަފާރީގެ ވާދަވެރިކަމަށް ނުފޫޒުފޯރުވުމުގެ ފުރުޞަތު ފުޅާވެގެންދާނަމަ، އެފަދަ މާރޖަރއެއް ހެދުމަކީ ޤާނޫނުގެ ދަށުން މަނާކަމެކެވެ.

މިފަދަ މާރޖަރއެއް ހަދާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގެ ބާރު މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްއަށް ލިބިގެންވެއެވެ. އެގޮތުން، މާރޖަރ ހެދުމަށްޓަކައި ވެފައިވާ އެއްބަސްވުން އިޞްލާޙްކުރުމަށް އެންގުން އަދި 10,000 ރުފިޔާ އާއި 100,000 ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާކުރުމުގެ ބާރުވެސް ލިބިގެންވެއެވެ.

ދެ ވިޔަފާރިއެއް ކަނޑައަޅާފައިވާ އުޞޫލުގެ ތެރެއިން މާރޖްކުރުމުގެ ސަބަބުން، ފަހުން ދިމާވެދާނެ ގެއްލުމަކުން ރައްކާތެރިވުމަށް މަގުފަހިވެގެންދާނެއެވެ. ވިޔަފާރީގެ ދާއިރާގެ ވާދަވެރިކަމަށް އާދަޔާ ޚިލާފަށް ހުރަސްއެޅިގެންދާދިއުން ކޮންޓްރޯލްކުރެވޭ ގޮތުގެމަތިން މާރޖްކުރުމަކީ މުހިންމުކަމެކެވެ.

އާޓިކަލް ލިޔުނީ ޞަބްރިޔަތު ޙުސައިން

އަލްއުސްތާޛާ ޞަބްރިޔަތު ޙުސައިންއަކީ ނަޝީދު އެންޑް ކޯ އުތުރު ބްރާންޗުގެ ވަކީލެކެވެ. މިއީ ޢާންމު ޙޭލުންތެރިކަން އިތުރު ކުރުމުގެ މަޤްސަދުގައި، ނަޝީދު އެންޑް ކޯ އުތުރު ބްރާންޗުން އެކުލަވާލާފައިވާ ލިޔުމެކެވެ.މިއީ، ޤާނޫނީ ލަފާކަމުގައި ނުބެއްލެވުންއެދެމެވެ. ދިމާވާވަކި ޤާނޫނީ މައްސަލަތަކުގައި އެންމެ ރަނގަޅު ގޮތަކަށްވާނީ، އެކަމަކަށް ވަކިން ޤާނޫނީލަފާ ހޯއްދެވުމެވެ.

ނަޝީދު އެންޑް ކޯ އުތުރު ބްރާންޗު
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355