ކުޅުދުއްފުށި ސިޓީން އިތުރު ދެ މީހަކު ކޮވިޑަށް ޕޮޒިޓިވްވެ، ޖުމްލަ އަދަދު 26 އަށް އަރައިފި އެވެ. ކޭއާރުއެޗުން ކޭއޯއަށް މައުލޫމާތު ދެމުން ބުނީ މިއަދު ޕޮޒިޓިވްވި ދެ މީހުންނަކީ ކޮންޓެކްޓްރޭސިންގެ ތެރެއިން ޕޮޒިޓިވްވި ދެ މީހުން ކަމަށެވެ.
މިމަހުގެ 24 ވަނަ ދުވަހުން ފެށިގެން މިހާތަނަށް ކުޅުދުއްފުށިން ޖުމްލަ 26 ކޮވިޑް ޕޮޒިޓިވް ކޭސް ފެނިފައިވާއިރު މީގެ ތެރެއިން 8 ކޭސްއަކީ އަލާމަތްތައް ހުރެގެން ފުލޫ އޯޕީޑީ ދެއްކި 8 މީހެއްގެ ސާމްޕަލެވެ.
ކޭއާރުއެޗުން ބުނީ މިއަދު ޕޮޒިޓިވްވި ދެ ކޭސްއާ ގުޅިގެން ކޮންޓެކްޓްރޭސިން މަސައްކަތްކުރަމުންދާ ކަމަށެވެ. މި ކޭސްތަކާ ގުޅިގެން މިވަގުތު ޖުމްލަ 45 ގެއެއް ވަނީ ކަރަންޓީނުކޮށްފަ އެވެ.
ޓެކްޓް ޓްރޭސިންގ ކުރިއަށްދާ ނަމަވެސް ގުޅުމެއް ނެތް ގިނަ ސާމްޕަލްތަކެއް ޕޮޒިޓިވްވެފައިވާތީ ކޮމިއުނިޓީ ސްޕްރެޑެއް މިހާރު އޮތްކަމަށް ބެލެވެ އެވެ. އެކަމަކު ކޭއާރުއެޗުން އެކަން ސީދާ ހާމަކޮށްފައެއް އަދި ނުވެ އެވެ. ހޮސްޕިޓަލުން ބުނެފައިވަނީ މިވަގުތު ކޮމިއުނިޓީ ސްޕްރެޑެއް އޮތުމުގެ ފުރުސަތު އޮތުމާއެކު އެއްވެސް ކަހަލަ އަލާމާތެއް ފާހަގަކުރެއްވިއްޖެނަމަ ހޮޓްލައިނަށް ގުޅައި އެންގުމަށެވެ.
ކޭސްތަކުގެ އަދަދު މަތިވަމުން ދާއިރު، ހުރިހާ ރައްޔިތުން ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު އުޅުމަށް ހޮސްޕިޓަލުގެ އިތުރުން ކައުންސިލުން ވެސް ވަނީ އިލްތިމާސް ކޮށްފަ އެވެ. އެގޮތުން މާސްކު އެޅުމާއި، ގިނަގިނައިން ސައިބޯނި ލައިގެން އަތް ދޮވުމާއި، ދިމާވާ ފަރާތްތައް ނުވަތަ "ކޮންޓެޓްކް ބަބްލް" ކުޑަ ކުރުމަށް މަސައްކަތް ކުރުމަށްވަނީ އެދިފަ އެވެ.
ކުޅުދުއްފުށި މޮނިޓަރިންގ އަށް ލާފައިވާ މި ދަނޑިވަޅުގައި ރަށަށް އަރާ ފޭބުން ވަނީ މަނާކޮށްފަ އެވެ. މިހާރުވެސް ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ދަނީ ކުރަމުންނެވެ.
މި ކޭސްތަކާ ގުޅިގެން ކުޅުދުއްފުށި ބަންދުކޮށް ރޭގަނޑު 9:00 - ފަތިހު 4:00 ދަނީ ކާފިއު ހިންގަމުންނެވެ. ޗުއްޓީ ދުވަސްވަރުކަމުން ގިނަ ބަޔަކު އަންނަނީ އެރަށްރަށުން އަނެއް ރަށަށް ދަތުރުކުރަމުންނެވެ.