ކުޅުދުއްފުށީގެ ނަން ގުޅިފައިވަނީ ރަށުގެ އޮތް ކުޅިތަކާ އެވެ. އުތުރުކޮޅުގައި އޮންނަ ގުދުރަތީ އެ ހިތްގައިމު ފެހި ކުޅިއަކީ ރާއްޖޭގެ އެހެން އެއްވެސް ރަށެއްގައި ނޯންނަ ފަދަ އާދަޔާ ހިލާފު މަށިކުޅި އެކެވެ. ނަމަވެސް ރަށުގައި ކުޅިއެއް އޮތް ކަމުގައިވީނަމަވެސް އެ ތަންތަނުން ތަރައްގީކޮށް އާއްމުން ހިތްހަމަޖައްސާލެވޭނެ ފަދަ އިންތިޒާމްތަކެއް ހަމަޖެހިފައެއް ނޯވެ އެވެ. ތަރައްގީވަމުން އަންނައިރު މިފަދަ ތަންތަން ތަރައްގީވެފައި ހުރުމަކީ ނުހަނު ބޭނުންތެރި މުހިންމުކަމެކެވެ.
ނިމިގެންދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައިވެސް މިހާރު ކައުންސިލް މެމްބަރު މުހައްމަދު ދާއޫދުވެސް ވަނީ ނޭޗާ ޕާކެއް ތަރައްގީކޮށް ކުޅީގެ ރީތިކަން ދައްކުވައިދޭ އިންތިޒާމްތައް ހަމަޖައްސައިދޭނެ ކަމަށް ވައުދުވެފަ އެވެ. އަދި މަށިކުޅި ފަސޭހައިން ބަލާލެވޭނެ ގޮތަށް ކުޅި ކައިރިން ތިމާވެއްޓާ ރައްޓެހި މަގެއް ހަދާނެކަމަށްވެސް ވިދާޅުވި އެވެ. އެ ވައުދާ އެއްގޮތަށް މިހާރު ވަނީ ކޮންމެވެސް ވަރެއްގެ މަސައްކަތްތަކެއް ފަށާފައި އެވެ. އެގޮތުން ތިމާވެއްޓާއި ރައްޓެހި މަގެއް ހެދުމަށް ވަނީ ކައުންސިލް ބައްދަލުވުމަކުން ފާސްކޮށްފަ އެވެ.
ކުޅުދުއްފުށީގެ ދެ ކޮޅުގައި ދެކުޅި އޮވެ އެވެ. އުތުރު ކޮޅުގައި މަށިކުޅިއެއް އޮންނައިރު އެކުޅީގެ ބޮޑު ބައެއް އެއާޕޯޓް އެޅުމަށްޓަކައި ވަނީ ހިއްކާފަ އެވެ. އެއާޕޯޓް އެޅުމުގެ ކުރިން މަށިކުޅީގައި ގުދުރަތީ ފެންދައުރުވާ ނިޒާމެއް އޮވެ އެވެ. ނަމަވެސް އެއާޕޯޓް ނިމިގެންދާއިރު ފުރިހަމަވެފައި ހުންނަންޖެހޭ ކަންކަން ފުރިހަމަވެފައި ނެތުމުން އެތައް މައްސަލަތަކެއް ވަނީ ކުރިމަތިވެފަ އެވެ. އެހެންވުމުން އެ މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް ކައުންސިލުން އަންނަނީ ކުރަމުންނެވެ.
އެގޮތުން ކުޅުދުއްފުށީ މަށިކުޅީގައި ފެން ދައުރުވާނެ ނިޒާމެއް ނެތުމަކީ ވެސް ބޮޑު މައްސަލައެކެވެ. ފެން ދައުރުވާނެ ނުވަތަ ހައިޑްރޮލޮޖީގެ ނިޒާމެއް އުތުރުކޮޅު ކުޅީގައި ނެތުމުން ފެން ދައުރުވާނެ އިންތިޒާމެއް ގާއިމުކުރުމަށް ކައުންސިލުން ވަނީ އެންވަރަޔަމެންޓް މިނިސްޓްރީއާ މަޝްވަރާ ބައްދަލުވުމެއް ބާއްވާފަ އެވެ.
ކުޅުދުއްފުށީގައި ހިތްހަމަ ޖައްސާލަން ހާއްސަކުރެވިފައި ހިތްގައިމު ތަނެއް ނެތުމަކީ ކުޅުދުއްފުށީ މީހުންގެ ޝަކުވާ ވަރަށް ބޮޑުވެފައިވާ ކަމެކެވެ. ކައިރީގައި އޮތް ކުމުންދޫ ކަހަލަ ކުދި ރަށްތަކުގައި ރީތި ޕާކުތަކާއި ރަށުގެ ގުދުރަތީ ރީތިކަން ފެންނާނެ ތަންތަން ހުރެފައި ކުޅުދުއްފުށީގައި އެކަހަލަ ތަންތަން ނުހުރުމަކީ އެތައް ބަޔަކު ހިތްހަމަނުޖެހުމެކެވެ.
ކުޅުދުއްފުށީ މޭޔަރު މުހައްމަދު އާތިފް ކޭއޯއަށް ވިދާޅުވީ ރަށުގައި މިވަގުތު އޮތް ދެ ކުޅިވެސް ހިތްގައިމު ތަނަކަށް ހެދުމުގެ ވިސްނުން ކައުންސިލުން ގެންގުޅޭ ކަމަށާއި އެކަމަށް ޕްލޭން ހެދި ކުރިއަށްދާކަމަށް މޭޔަރު ވިދާޅުވި އެވެ. މޭޔަރު ވިދާޅުވީ ދެ ކުޅީގައިވެސް ނޭޗާ ޕާރކް ތަރައްގީކުރުމަކީ ކައުންސިލްގެ ތަސައްވަރެއް ކަމަށެވެ.
އެގޮތުން މޭޔަރު ވިދާޅުވީ އެއާޕޯޓާ ގުޅިގެން މަށި ކުޅީގައި ފެން ދައުރުވުމަށް ހުރަސްތަކެއް ކުރިމަތިވި ކަމަށާއި އެހެންވުމުން އެކަން ހައްލުކުރުމަށް އެންވަރަޔަމަންޓް މިނިސްޓްރީއާއެކު މަޝްވަރާކޮށްފައިވާ ކަމަށެވެ. އަދި މަށި ކުޅީގެ ދެ ދެކުނުން މީހުން ދިރިއުޅޭ ގެތަކުގެ އުތުރުން ހިނގާފައިވާ އުޅޭ މަގެއް ތަރައްގީކުރަން ކައުންސިލުން ނިންމާފައިވާކަންވެސް މޭޔަރު ފާހަގަކުރެއްވި އެވެ.
މިއަހަރު ދެ ކުޅީގައި ވެސް ނޭޗާ ޕާކް ތަރައްގީކުރުން ހިމެނޭއިރު މޭޔަރު ވިދާޅުވީ މަސައްކަތް ކުރިއަށްދާނީ ފިޔަވަހިތަކަށް ބަހާލައިގެން ކަމަށާއި މިއަހަރުގެ ތެރޭގައި ޕާރކް ކުރަހައި ޑިޒައިންކޮށް ނިމޭނެކަމަށެވެ. ނަމަވެސް މިވަގުތު ކުރެވޭ އެންމެ ބޮޑު މަޝްވަރާ އަކީ އެންވާރަޔަމެންޓް މިނިސްޓްރީއާ އެއްކޮށް ކުޅީގެ ފެން ދައުރުވާ ނިޒާމް ރަނގަޅު ކުރުމަށް ކުރެވޭ މަސައްކަތަށް ކަމަށް މޭޔަރު ވިދާޅުވި އެވެ.
މޭޔަރު ވިދާޅުވީ އަފީފުއްދީން ސްކޫލު ކައިރީގައި އޮންނަ ފެންގަނޑުވެސް ހިތްގައިމު މައިޒާނަކަށް ހެދިގެންދާނެކަމަށާއި އެތަނަކީވެސް ރައްޔިތުންނަށް ހިތްހަމަޖައްސާލުމަށް ބޭނުންކުރެވޭނެ ގޮތަށް އިންތިޒާމުކުރެވި ފަރުމާކުރެވިގެންދާނެ ތަނެއް ކަމަށެވެ.
ކުޅުދުއްފުށީގައި މިކަހަލަ ހިތްގައިމު ތަނެއް ގާއިމުކުރެވިގެން ދިއުމަކީ ރަށުގެ އެތައް ބަޔަކު ދެކޭ ހުވަފެނެކެވެ. އެންމެ ކުޑަ ކުއްޖާއިން ފެށިގެން ގޮސް އުމުރުން ދުވަސްވީ މީހުންވެސް ފިނިކޮށްލާ އަރާމުކޮށްލަން ދާނެ ތަނެއް ހެދިފައި އޮންނަން ބޭނުންވެ އެވެ. މިދައުރުގައި ކުޅުދުއްފުށީގައި ނޭޗާ ޕާކެއް ތަރައްގީ ކުރެވިގެން ގޮސްފިނަމަ މިކަން ވެގެންދާނީ އެތައް ބަޔަކަށް އުފާވެރިކަން ގެނުވާނެ ކަމަކަށެވެ.